މީހަކު އެދުނު މަޢުލޫމާތު ނުދީގެން އިތުރު އަޑު އެހުމެއް ބާއްވައިފި

އާމިނަތު އަޞްފާ ޝާފިޢީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވެގެން ހޯދާން އެދުނު މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން އޭނާއަށް ނުދިނުމުން އެމައްސަލަ އޭނާ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން އެކަމާ ބެހޭ ޢާއްމު އަޑު އެހުމެއް މިއަދު ބާއްވައިފިއެވެ.

"މި އަޑުއެހުން ބާއްވާންޖެހުނީ އާމިނަތު އަޞްފާ ބޭނުންވި މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ދޫނުކުރެއްވުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ބެއްލެވުމަށްޓަކައި މަޢުލޫމާތަށް އެދުމުން ވެސް އެ މަޢުލޫމާތު ހިފެހެއްޓެވުމުން،" ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެފައިވެއެވެ. މިފަދަ ޙާލަތުގައި މި ފަދަ އަޑުއެހުމެއް ބާއްވާން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 59 ވަނަ މާއްދާއިން އިންފޮމޭޝަން ކޮމިޝަނަރަށް ލާޒިމުކުރެއެވެ. އަދި މިކަމަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުން ހުށަހަޅާން އެންގުމުގެ ބާރު ވެސް އެ ޤާނޫނުގެ 60 ވަނަ މާއްދާއިން ކޮމިޝަނަރަށް ލިބިދެއެވެ.

އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީން ފުރަތަމަ ފުރުޞަތުގައި ދެފަރާތުންވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

މިއަދު ބޭއްވުނު އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށްޓަކައި އިތުރު ވަގުތު ބޭނުންފުޅުވާ ކަމަށް ހުށަހެޅުއްވުމުން، އެކަމަށްޓަކައި އަންނަ އަންގާރަ ދުވަހު ހެންދުނު 10:00 އަށް ލިޔެކިޔުންތައް ހުށަހަޅުއްވަން އިންފޮމޭޝަން ކޮމިޝަނަރ ވަނީ ވަގުތު ދެއްވައިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ވާހަކަފުޅުދެއްކެވީ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފެވެ.

މިއީ މިފަދަ މައްސަލައެއްގައި މިގޮތަށް އާޢްމުކޮށް ބޭއްވި ދެވަނަ އަޑުއެހުމެވެ. އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނޫނީ އެހެން ހުރިހާ މުއައްސަސާއަކުން މިހާތަނަށް ވަނީ ކޮމިޝަނަރަށް އެއްބާރުލެއްވުން ދެއްވައިފައި ކަމަށެވެ.

ކުރީދުވަހެކޭ އެއްފަދައިން މިއަދުގެ އަޑުއެހުމުގެ ރިޔާސަތުގައި ތިއްބެވީ އިންފޮމޭޝަން ކޮމިޝަނަރު، އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރާއި ކޭސްމެނޭޖްމަންޓް ޔުނިޓުގެ ހެޑް، އަލްއުސްތާޛު މުޙައްމަދު އަޙްމަދާއި ލީގަލް ޔުނިޓުގެ ހެޑް އަލްއުސްތާޛާ ފާޠިމަތު ސައުސަނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.