ޅ.ނައިފަރުގެ ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މިއަދު ސަރުކާރުން އިޢުލާނު ކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިއަށް ގެންދާ މި ދެމަޝްރޫޢުގެ ތެރެއިން ނަރުދަމާގެ މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑުގެ ލޯނު އެހީއާއި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އަދި ނައިފަރުގެ ފެނުގެ މަޝްރޫޢަކީ އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓު ފަންޑުގެ ލޯނުއެހީއާއި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
އެންވައިރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ދެ މަޝްރޫޢަށް ފައިސާ ހަމަޖެހުމަށްފަހު ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ތަކުގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ. މިގޮތުން މި ދެމަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ހަވާލު ކުރެވިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އެއަށްފަހު ކަމާގުޅޭ ސަރވޭ ތައް ނިންމާ ޑިޒައިން މަސައްކަތްތައް ފުރިހަމަކޮށް ޢަމަލީ މަސައްކަތުގެ ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކުގެ ހުއްދަތައް ހޯދުމުގެ މަސައްކަތްތައްވަނީ ކުރިއަށް ގެންދެވިފައެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ޅ.ނައިފަރުގައި ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް ރަށުގެ ގޭބިސީތަކަށާއި އެހެނިހެން ޢިމާރާތްތަކަށް ޚިދުމަތް ގުޅައިދޭނެއެވެ. އަދި މީރުފެން އުފައްދާ ޕްލާންޓާއި ފެން ރައްކާކުރާ ތާނގީގެ އިތުރުން ފެނުގެ ވިއުގައެއް ޤާއިމްކޮށް ރަށުގެ ހުރިހާ ގޭބިސީތަކަށާއި އެހެނިހެން ޢިމާރާތްތަކަށް ފެންމީޓަރުވެސް ގުޅައިދޭނެއެވެ.
އެންވައިރަންމަންޓް މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުގައި މި ދެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވަނީ 5 ޑިސެމްބަރ 2016 ވަނަ ދުވަހު މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ.