ރޮހިންޖާ މުސްލިމުން ވަޒަނެއް ނެތް ހާލަތުގައި ތިބުން ނިމުމަކަށް ގެންނަން ޖެހޭ: އދ.

ބަންގްލާދޭޝްގައި ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރެފިއުޖީ ކޭންޕެއް

ރޮހިންޖާ މުސްލިމުން އަމިއްލަ ވަޒަނެއް ނެތް ހާލުގައި ތިބުން ނިމުމަކަށް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ.ން މިޔަންމާއަށް ގޮވާލައިފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 41 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ ޑެޕިއުޓީ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ކޭޓް ގިލްމޯ ވިދާޅުވީ ރޮހިންޖާ މުސްލިމުން ގައުމަށް އެނބުރި ދެވޭފަދަ މާހައުލެއް މިޔަންމާއިން ތަނަވަސްކޮށްދޭން ޖެހޭ ކަމުގައެވެ.

"ރިފިއުޖީންނަށް (ގައުމަށް) އެނބުރި ދެވޭ ފަދަ މާހައުލެއް މިހާރު އެއްގޮތަކަށްވެސް ނެތް. ކުރިން އެއްބަސް ވެވުނު ގޮތާ އެއްގޮތަށް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައި." ގިލްމޯ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި 7 ލައްކަ 30 ހާސް ރޮހިންޖާ ރެފިއުޖީން ބަންގްލާދޭޝްގައި ދިރިއުޅެމުންދަނީ ގޮތްހުސްވެފައިވާ ހާލަތުގައެވެ. އަދި އަމިއްލަ ރަށުން ބޭރުކޮށްލެވުމުން މިޔަންމާ ތެރޭގައި ރެފިއުޖީންނަށް ވެފައިވާ 1 ލައްކަ 26 ހާސް މީހުންގެ ހާލަތާމެދުވެސް ކަންބޮޑުވާން ޖެހެއެވެ.

"މިހާލަތު ބަދަލުކޮށް، ރޮހިންޖާ މީހުން އަމިއްލަ ވަޒަނެއް ނެތިފައި ތިބުން ނިމުމަކަށް ގެންނަން މިޔަންމާ ސަރުކާރަށް ހަލުވި ފިޔަވަޅުތަކެއް އެޅޭނެ. އަދި އަޅަން ޖެހޭނެ. އެމީހުންނަކީ އެގައުމުގެ ރައްޔިތުން ކަމުގައި ބަލައިގަނެ، ގައުމުގައްޔާއި، ގައުމުން ބޭރުގައި ރެފިއުޖީންގެ ގޮތުގައި ތިބި އެންމެންނަށް ރަށަށް އެނބުރި ދެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭނެ." ޑެޕިއުޓީ ހައި ކޮމިޝަނާ ވިދާޅުވިއެވެ.

އަނެއްކޮޅުން، ރޮހިންޖާ ރެފިއުޖީންގެ ބޮޑު އަދަދެއް ދިގު މުއްދަތަކަށް ބެލެހެއްޓުމަކީ ބަންގްލާދޭޝްއަށް އުފުލޭނެ ބުރައެއް ނޫން ކަމުގައި އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ވިދާޅުވެއްޖެއެވެ.

ބަންގްލާދޭޝްގައި 7 ލައްކަ 30 ހާސް ރޮހިންޖާ ރެފިއުޖީން ދިރިއުޅޭކަން ފާހަގަކުރައްވަމުން ބަން ކީ މޫން ވިދާޅުވީ "ރޮހިންޖާއިންގެ އެހާ ބޮޑު އަދަދެއް ދިގުމުއްދަތަކަށް ބެލެހެއްޓުމަކީ ބަންގްލާދޭޝްއަށް ކުރެވޭނޭ ކަމެއް ނޫން" ކަމުގައެވެ.

"އަނިޔާ ލިބޭނެ ކަމުގެ ބިރެއް ނެތި އަމިއްލަ ގައުމަށް އެނބުރި ދެވޭނޭ މަގު ރޮހިންޖީއިންނަށް ތަނަވަސްކޮށްދިނުމަށް މިޔަންމާ ސަރުކާރުން އިތުރަށް މަސައްކަތްކުރަން ޖެހޭ." ކޮކްސަސް ބާޒާރުގެ ރެފިއުޖީ ކޭންޕަކަށް ޒިޔާރަތްކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ބަން ކީ މޫން ވިދާޅުވިއެވެ.

އޮގަސްޓް 2017 އިން ފެށިގެން މިޔަންމާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި ރޮހިންޖާ މުސްލިމުންގެ 24 ހާސް މީހުން މަރާލާފައި ވެއެވެ. 34 މީހުން އަލިފާނަށް އެއްލާލާފައިވާއިރު، 1 ލައްކަ 14 މީހުންގެ ގައިގައި ތަޅައި އަނިޔާ ކޮށްފައި ވެއެވެ. އަދި 18 ހާސް އަންހެނުންގެ އިއްފަތް ފޭރިގެންފައި ވެއެވެ.

ރޮހިންޖާ މުސްލިމުން އެމީހުންގެ ރަށްރަށުން ފައްސާލުމަށް ކުރި މަސައްކަތުގައި މިޔަންމާ ސިފައިން ވަނީ މުސްލިމުންގެ 1 ލައްކަ 15 ހާސް ގެ އަންދާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.