އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ބީއެމްއެލްގެ މުވައްޒަފުން ބައިވެރިވެފައެއްނެތް: ބޭންކު

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނުގައި ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއްނެތް ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ. ބޭންކުގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އެކަމުގައިނެތް ކަމަށް ބީއެމްއެލްއިން ނިންމެވީ އެކަން ބެއްލެވުމަށްފަހުގައެވެ.

އެ ބޭންކުން މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި އެތަނުގެ 38 މުވައްޒަފުންގެ ޝާމިލްވުން އެބައޮތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެފައިވާތީއެވެ.

އެބޭންކަކީ ޤާނޫނާއި ޤަވާޢިދާއި އަދި ބައިނަލް އަޤުވާމީ މިންގަނޑުތަކާއެއްގޮތަށް ހުރިހާކަމެއް ކުރިއަށް ގެންދާ ބޭންކެއް ކަމަށާއި މުވައްޒަފުން ޢަމަލުކުރަމުން ދަނީ އެ މިންގަނޑަށްތޯ ބެލުމުގެ ނިޒާމެއް ވެސް ޤާއިމް ކޮށްފައިވާ ކަމަށް ބޭންކުން ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމުން، އެ ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެފައިވަނީ ބީއެމްއެލްގެ 38 މުވައްޒަފަކު ވަނީ އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވެފައި ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ބޭންކުގެ މުވައްޒަފުންގެ ބޮލުގައި އެފަދަ ތުހުމަތުތަކެއް އެޅުވިޔަސް އެއްވެސް އޮޑިޓަކުން ވެސް އެފަދަ ކަމެއް ފެނިފައި ނުވާކަމަށެވެ. އެ މައްސަލައަކީ ތަޙުޤީޤު ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އެކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ޙިއްސާ ކުރުމަކީ ބީއެމްއެލްއެގެ އުސޫލެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. ބޭންކުގެ ހުރިހާކަމެއް ރަނގަޅަށް ކުރިއަށްދަނިކޮށް  ޙަޤީޤަތާ ޚިލާފު މިފަދަ ވާހަކަތައް ދެއްކުން، މި ބޭންކުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބޭންކުން ވިދާޅުވެފައިވެއެވެ.

ބޭންކާ ބެހޭގޮތުން މިކަހަލަ ވާހަކަ ދެއްކެވުމުން ބޭންކުގެ ކުރިއެރުމަށް ހުރަސްއެޅި ބައިނަލްއަޤުވާމީ ފަރާތްތަކުން ބޭންކަށް ކުރާއިތުބާރު ގެއްލި ރާއްޖޭގެ ވިޔަފާރުތަކަށާއި ވިޔަފާރީގެ މުޢާމަލާތު ކުރައްވާ ހުރިހާ ފަރާތްތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް ބޭންކުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފް ގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކްތައް އެންޑޯރސްކޮށް، އެސްއޯއެފް ގެ އެކައުންޓަށް ޖަމާކުރުމަށް ބީއެމްއެލްއަށް ހުށަހެޅުމުން ކަމަށް ވެސް  ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޗެކުތަކާމެދުވެސް ޢަމަލު ކޮށްފައިވާނީ އެއްވެސް ތަފާތުކުރުމެއްނެތި އެހެން ތަންތަނުން ވެސް ފޮނުވާ ޗެކުތަކާމެދުވެސް ޢަމަލުކުރައްވާ އުސޫލުން ވިދާޅުވިއެވެ. ބޭންކުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށް އޮޑިޓު ރިޕޯޓުންނާއި ފައިނޭޝަލް އިންޓަލިޖެންސުން އެނގޭ ކަމަށް ވެސް ބޭންކުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.