އުއްމީދުތައް ފެނަށްވެ އިންޑިއާ ކްރިކެޓް ވޯލްޑްކަޕަށް އަލްވަދާޢު ކިޔައިފި

ކްރިކެޓް ވޯލްޑް ކަޕް 2019 ގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ނިވްޒީލެންޑާ ކުޅެ އިންޑިއާ 18 ލަނޑުން ބަލި ވެއްޖެއެވެ.

ސެމީ ފައިނަލުގެ ފުރަތަަމަ މެޗު ކުޅެއް ފެއްޓީ އިއްޔެއެވެ. ވާރޭ ވެހިގެން ނުކުޅެވުމުގެ ސަބަބުން މެޗުގެ ބާކީ ބައި ކުޅުނީ މިއަދުއެވެ. ސެމީ ފައިނަލާއި ފައިނަލް ކުޅެނީ އެހެން މެޗުތަކާ ތަފާތު ގޮތަކަށެވެ. ވާރޭ ވެހުމުގެ ސަބަބުން ފުރަތަމަ ދުވަހު މެޗު ނިންމައި ނުލެވިއްޖެ ނަމަ ދެވަނަ ދުވަހު ކުޅެނީއެވެ. ދެވަނަ ދުވަހުވެސް ވާރޭ ވެހިގެން ނުކުޅެވިއްޖެ ނަމަ ދެ ޓީމުން ކުރެ ޕޮއިންޓު ގިނަ ޓީމެއް މޮޅުވީ ކަމަށް ނިންމާނީއެވެ. މިއަދު ވާރޭ ވެހިގެން ނުކުޅެވުނު ނަމަ އިންޑިއާ ފައިނަލަށް ދާނެއެވެ.

ފައިނަލް މެޗުގައިވެސް ފުރަތަމަ ދުވަހު ވާރޭ ވެހިގެން ނުކުޅެވުނު ނަމަ ދެވަނަ ދުވަހު ކުޅޭނީއެވެ. ދެވަނަ ދުޗަހުވެސް ވާރޭ ވެހިގެން ނުކުޅެވުނިއްޔާ ދެޓީމަށް ތަށި ދޭނީއެވެ.

އިއްޔެ ކުޅުމުގައި އިންޑިއާގެ އުކުންތެރިން ވަރަށް ކުޅަދާނައެވެ. ނިވްޒީލެންޑަށް މާ ގިނަ ލަޑުތަކެއް ހެދިޔަ ނުދިނެވެ. އިއްޔެއާއި މިއަދުގެ ކުޅުމާއެކު ނިވްޒީލެންޑަށް ހެދުނީ 8 ވިކެޓަށް 239 ލަނޑެވެ. އެ ޓީމުން އެންމެ ގިނަ ލަނޑު ހެދީ 74 ލަނޑު ހެދި ރޮސް ޓެއިލަރާއި 67 ލަނޑު ހެދި ކެޕްޓަން ކޭން ވިލިއަމްސަންއެވެ. ވާރޭ ވެހިގެން އިއްްޔެގެ ކުޅުން ހުއްޓައިލީއިރު ނިވްޒީލެންޑަށް ހެދިފައި އޮތީ 5 ވިކެޓަށް 211 ލަނޑެވެ. އޭރުން އުކަމުން ދަނީ 47 ވަނަ އޯވަރެވެ.

އިންޑިއާ މިއަދު ކުޅެން ނުކުތީމާ ފުރަތަމަކޮޅު ފެނުނީ ވަރަށް ދޯދިޔާކޮށެވެ. ނިންޒީލެންޑްގެ ކުޅުންތެރިން އިންޑިއާ ޓީމަށް އެއްގޮތަކަށްވެސް ފުރުސަތެއް ނުދެއެވެ. ފުރަތަމަ 4 ވިކެޓް ދިޔައިރު އިންޑިއާއަށް ހެދިފައި އޮތީ އެންމެ 24 ލަނޑެވެ. 5 ވަނަ ވިެޓް ދިޔައިރު ހެދުނީ 71 ލަނޑެވެ. 6 ވަނަ ވިކެޓް ދިޔައީ 92 ލަނޑަށެވެ. އިންޑިއާގެ ކެޕްޓަން ވިތާތު ކޯލީވެސް ނުބައިވީ އެންމެ ލަނޑަކަށެވެ. އަދި މި މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ރޯހިތު ޝަރުމާވެސް ނުބައިވީ އެންމެ ލަނޑަކަށެވެ. އިންޑިއާގެ ސަޕޯޓަރުންނަށާއި ކުޅުންތެރިންނަށް ހިތްވަރެއް ލިބޭ ގޮތްވީ އެމްއެސް ދޯނީ ކުޅެން އެރި ހިސާބުންނެވެ. އޭރު އޭނާޔާއެކު ކުޅެން އަރައި އޮތީ ރަވީ ޖަޑޭޖާއެވެ. ދޯނީގެ ވިސްނުމަށް ސާބަސް ހައްގެވެ. އޭނާ ގެންދިޔައީ ލަސްލަހުން ކުޅެމުން ޖަޑޭޖާ ލައްވައި ކުޅުވަމުންނެވެ. ފަހު ވަގުތުގައި ހަތަރަކަށް، ހަޔަކަށް ޖެހުމަކީ ދޯނީއަކަށް އުނދަގޫ ކަމެއް ނޫނެވެ. އެހެންވީމާ އޭނާ މަސައްކަތް ކުރަމުން ދިޔައީ ކުޅެން ހުރި ބޯޅައާއި ހަދަން ޖެހޭ ލަނޑުގެ ފަރަގު ވީހައިވެސް ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޖަޑޭޖާ 59 ބޯޅައިން 77 ލަނޑު ހެދިއެވެ. އޭނާ ނުބައި ވުމާއެކު ދޯނީގެ ކުޅުން ފެށުމުގެ ވަގުތު ޖެހުނީއެވެ. ފުރަތަމަ ބޯޅަވެސް އޭނާ ފޮނުވައިލީ ހަޔަކަށެވެ. އެހެންނަމަވެސް ނިވްޒީލެންޑުގެ އުކުން ވަރަށް މޮޅެވެ. ދޯނީގެ އާދައިގެ ކުޅުން ކުޅުނަކަ ނުދިނެވެ. ޕްރެޝަރަށް ވެއްޓި އޭނާ ރަންއައުޓްވީއެވެ. އޭގެ ފަހުން ފަސް މިނިޓުވެސް ނުވެއެވެ. ބާކީ ތިން ބޯޅަ އޮއްވާ މެޗު ނިމިއްޖެއެވެ. އިންޑިއާއަށް ހެދުނީ 221 ލަނޑެވެ.

ސެމީ ފައިނަލުގެ ދެވަަނަ މެޗުގައި މާދަމާ ކުޅޭނީ އިންގްލަންޑާއި އޮސްޓްރޭލިއާއެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.