ޖަރީމާތައް ފަޅާއަރުވާލާ ފަރާތްތައް ހިމާޔަތްކުރާ ޤާނޫނަށް ގިނަ މެމްބަރުންގެ ތާއީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖަރީމާތައް ފަޅާއަރުވާލާ ފަރާތްތައް ހިމާޔަތް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ވިސްލްބްލޯ ނުވަތަ ފާށާކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ  ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ އެވެ.

ބިލް ހުށަހަޅުއްވަމުން އިވާ ވިދާޅުވީ އެމްޑިޕީ އަކީ އޯގާތެރިކަމަށް ގޮވާލާ ވަކާލާތު ކުރާ ޕާޓިއެއް ކަމަށެވެ. ވައްކަމާއި ނޭއްގާނީ ޢަމަލުތައް ފަޅާ އަރުވާލާ ފަރާތްތަކަށް ޙިމާޔަތް ދިނުމަކީ އޯގާތެރި ސަރުކާރެއްގެ އެއް އަސާސްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް ވިސްލްބްލޯ ކުރާފަރާތްތަކަށް ރައްކާތެރިކަން ދިނުމަކީ ކޮރަޕްޝަނާ ދެކޮޅަށް ބެހެއްޓޭނެ ވަރަށް މުހިންމު އެއް ހަތިޔާރު ކަން އީވާ ފާހަގަ ކުރެއްވިއެވެ. މިފަދަ ބިލްތަކަކީ ވަރަށް ގިނަ އެހެން ޤައުމުތަކުގައި ވެސް މިހާރު ޢަމަލުކުރުމަށް ތައްޔާރުވަމުން އަންނަ ބިލްތަކެއްކަމަށް އީވާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުހާދާތަކުގެ ދަށުންވެސް، މިފަދަ ޤާނޫނެއް ތައްޔާރުކޮށް، ވިސްލްބްލޯކުރާ ފަރާތްތަކަށް ހިމާޔަތްދިނުން ލާޒިމް ކުރާކަމަށް އީވާ ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް މިފަދަ ޤާނޫނެއްގެ މުހިންމުކަން ފާހަގަ ކުރެވިގެން ދިޔައީ 2016 ވަނަ އަހަރު، ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފެއްކަމުގައި ޤާސިމް ޢަބްދުލްކަރީމް އެސްއޯއެފްގެ ޖަރީމާތައް ފަޅާ އަރުވައިލައިގެން  އޭނާ ޖަލަށްލީ ހިސާބުންކަން އީވާ ފާހަގަ ކުރެއްވިއެވެ.

 "އަޅުގަނޑެމެން ބޭނުމަކީ  ދެން އެފަދަ ޖަރީމާތައް ތަކުރާރުވިޔަ ނުދިނުން އެފަދަ ޖަރީމާތައް ފަޅާއަރުވާލާ މީހުންވެސް ޖަލަށްދާން ޖެހުންވެސް ދެން ތަކުރާރުވިޔަ ނުދިނުން" ކަމަށް އީވާ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ފަސް އަހަރު ސަރުކާރުގެ ކޮރްޕްޞަނާއި ވައްކަމުގެ ވާހަކަ ދެއްކި މީހުން ހަމައެކަނި ކުރިމަތީލާން ޖެހުނީ ޖަލަކާ ނޫންކަމަށާއި  ވަރަށް ގިނަފަހަރަށް ވަޒީފާ ވެސް ގެއްލިގެން ދިޔަކަމަށާއި އަދި ވަޒިފާގެ މާހައުލުގައި އެތައް ބިރަކާ ކުރިމަތިލާން ޖެހުނުކަމަށް ވިދާޅުވި އެވެ.  

ވޭތުވެ ދިޔަ ފަސްއަހަރު ވައްކަމާއި ކަރަޕްޝަންގެ ޢަމަލުތައް ފެނި އެކަން ހާމަކުރަން ނުކެރިފައި އެތައް މުވައްޒަފުން ތަކެއްތިބީ، ވަޒީފާގެ ބިރުވެތިކަމާއި އަނިޔާވެރިކަމުގެ ބިރުވެތިކަމުގައި އަދި ޖަލާ ކުރިމަތި ލާން ޖެހިދާނެކަމުގެ ބިރުވެތި ކަމުގައި ކަމަށް އީވާ ވިދާޅުވިއެވެ. ވޭތުވެދިޔަ ފަސް އަހަރު ފެނިގެން ދިޔައީ ވައްކަމާއި ކަރަޕްޝަން ފަދަ ޖަރީމާތައް ހިންގި ފަރާތްތައް ހިމާޔަތާއި ރައްކާތެރިކަން ދިންތަންކަމަށް އެނާ ވިދާޅުވިއެވެ.

ވިސްލްބްލޯ ކުރެވޭނެ ޢަމަލުތައް ބިލްގައި ވަނީ ކަނޑައަޅައިފައެވެ. ވިސްލްބްލޯކޮށް ފަޅާ އަރުވާލެވޭ ޢަމަލުތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުން، ކަނޑައަޅަން ޖެހޭކަމަށަ ބިލްގެ ބަހުސްގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.