ދަރަނބޫދުއަށް ދިމާވެފައިވާ މައްސަލަތައް ނާއިބު ރައީސާ ޙިއްސާ ކުރައްވައިފި

ފ. ދަރަނބޫދުއަށް ދިމާވެފައިވާ މައްސަލަތައް އެރަށުގެ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާ ޙިއްސާ ކުރައްވައިފިއެވެ. އެކަންކަން ޙިއްސާ ކުރެއްވީ ކައުސިލުން ނާއިބުރައީސާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ރަށު ކައުންސިލުގެ މުވައްޒަފުންގެ ދަތިކަމާއި ރަށުގެ ނަރުދަމާގެ މަޝްރޫޢާއި ރަށުގެ ބަނދަރުގެ މަޝްރޫޢު ނުފެށި އޮތުމުން ކުރިމަތިވާ ދަތިތަކާއި ބެހޭ މަޢުލޫމާތު ވެސް ނާއިބު ރައީސަށް އެރުވިއެވެ. އަދި ރަށުގެ ޞިއްޙީ ޙާލަތާއި ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެނެސްފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ކަންކަން ކޮށްދިނުމުގައި ވަކި ރަށެއް ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން ދަރަނބޫދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ވިހާވެސް އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ނާއިބު ރައީސް ވަނީ ހޯއްދަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.