ދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަކީ މުހިންމު ސިޔާސަތެއް: ރައީސް

ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ސައްޙަ ޢަޤީދާގެ މަތީގައިވާ ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެއްދެވުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 018 2 ވަނަ އަހަރުގެ މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަތީ ތަޢުލީމްގެ ޙަޤީޤީ މަޤްޞަދަކީ، އެމީހަކު އުނގެނޭ ޢިލްމެއް، އެމީހެއްގެ ޙަޔާތުގެ ޢަމަލީ މައިދާނުގައި ބޭނުންހިފާނެ ގޮތް އެނގުން ނުވަތަ ދަސްކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ޒުވާނުން ވެސް މިހާރުން ފެށިގެން ޢަޒުމް ކަނޑައަޅަންވީ، ދިވެހި ދައުލަތުން ހޯދައިދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި ޤައުމު އާރާސްތުކުރުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ. "ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލް ކުރެވޭނެ ގޮތް ވެސް މިހާރު ވާނީ ހަމަޖެހިފައި. އަދި ސަރުކާރުން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު ވެސް ވާނީ، 25 އިންސައްތަ އިތުރުކޮށްދީފައި. މި ސަރުކާރުގެ ތަރައްޤީ އާއި އިޤްތިޞާދުގެ ތަޞައްވުރު ގުޅިފައިވަނީ، ޒަމާނީ ތަޢުލީމު ލިބިފައިވާ ހުނަރުވެރި އަދި ފަންނުވެރި ޢިލްމީ ރައްޔިތެއް ބިނާކުރުމަށް. އަޅުގަނޑުމެން މި އެދޭ ތަރައްޤީއާ ހަމައަށް ދެވޭނީ، ފެންވަރު ރަނގަޅު ތަޢުލީމުން ސިކުނޑިތައް މުއްސަނދިވެފައިވާ ޒުވާން ޖީލެއް ބިނާކުރެވިގެން،" ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އިޖްތިމާޢީ ހަމަޖެހުމަކީ، އިޤްތިޞާދު ހަރުދަނާވުމުގެ ބިންގާ ކަމަށެވެ. އެހެންކަމުން ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލެނބުމަކީ، ޤައުމުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރިވަރުނގެ ކިބައިން މިޤައުމުއެދޭ ވަރަށް މުހިންމު އެދުމެއް އެބައޮތް ކަމަށެވެ. އެއީ މިރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި އާލާކުރަމުން، ޤައުމު ތަރައްޤީކުރަން ދަންނަ ބަޔަކަށް ޒުވާނުން ވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  މިހާރު ބޭނުންވަނީ މސުލްޙަވެރިކަމާއެކު ދިރިއުޅެން އެނގޭ، އޯގާތެރި މުޖުތަމަޢެއް ބިނާކުރަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދަރިވަރުން މިހާރުން ފެށިގެން ގަދައަޅައި މަސައްކަތް ކުރަންވީ ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އާ ގޮތްތައް އީޖާދުކުރަން ތައްޔާރުވުމަށް. މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤައުމުގެ ތަރައްޤީއަށްޓަކައި ތިޔަ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތައް ބަދަލުކޮށް، އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް ކިޔެވޭނެ ގޮތް މިސަރުކާރުން މިހާރުވަނީ ހަދައިފައި ކަމަށެވެ. އެގޮތަށް ހެދުމުން  މީގެ ކުރިން ހަމަޖެހިފައި ނެތް، 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު މިހާރު ވާނީ ދަރިވަރުންނަށް ހުޅުވާލެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. "ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިރޭ އެކި ވަނަތައް ޙާޞިލްކޮށް އިނާމު ހޯދި ދަރިވަރުންނަކީ، އެތައް ގޮތަކުން ބަލާއިރު ވަރަށް ހިތްވަރުގަދަ ދަރިވަރުންކޮޅެއް ކަމަށެވެ.  "އަދި މިރާއްޖޭގެ ކުރިމަގުގެ ތަރައްޤީއާއި ކުރިއެރުމާ ވެސް، ވަރަށް ބޮޑަށް ގުޅިފައިވާ ޒުވާނުންކޮޅެއް،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.