އެޗްއާރްސީއެމްގެ ޤާނޫނީ ބާރު ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވުން، ބަލައި ނުގަތުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް

އެޗްއާރްސީއެމްގެ ޤާނޫނީ ބާރު ސްޕްރީމް ކޯޓުން ނިގުޅައިގެންފައިވުން، ބަލައި ނުގަތުމަށް ގޮވާލާ ރައްޔުިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައި ބަހުސް ފަށްޓަވައިފިި އެވެ. ރައްޔުިތުންގެ މަޖިލީހަށް މިޤަރާރު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙަމޫދެވެ.

ޤަރާރު ހުށަހަޅުއްވަމުން ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން ވިދާޅުވީ ޤާނޫނު އަސާސީ އާއި ބައިނަލް އަޤްވާމީ މުއާހަދާތަކުން ހިއުމަންރައިޓްސް ކޮމިޝަނަށް ލިބިދީފައިވާ ބާރު ނިގުޅައިގެންފައިވާއިރު އޭރުގެ ސަރުކާރުން ހަނުހުރުމުގެ ސަބަބުން ދައުލަތާ ދެކޮޅަށް އދގެ ހިއުމަންރައިޓްސް ކޮމެޓީއަށް ރާއްޖޭއާ ދެކޮޅަށް މައްސަލައެއް ހުށަހެޅިފައިވާކަމުގައެވެ. އެހެންކަމުން އެމައްސަލައިގައި އދ ގެ ހިއުމަންރައިޓްސް ކޮމެޓީން ގޮތެއް ނިންމުގެ ކުރިން، އެމައްސަލައިގައި ދެކޭގޮތެއް މަޖިލީހުން ކަނޑައަޅަން ޖެހޭކަމަށްވެސް ހިންނަވަރު ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. 

ސްްޕްރީމް ކޯޓްގެ އަމިއްލަ އިސްނެގުމަަށް ބަލައި ހިޔުމަންރައިޓް ކޮމިޝަނާއި އެކޮމިޝަންގެ މެމްބަރުންނަށް ލިބިފައިވާ ޤާނޫނީ ބާރު ނިގުޅައި ގެނެވޭނެގޮތަށް ޙުކުމް ކޮށްފައި ވަނީ 2014 ވަނަ އަހަރު ޔުނިވާސަލް ޕީރިއޮޑިކް ރިވިއުއަށް އެކޮމިޝަނުން ހުށަހަޅައިފައިވާ ރިޕޯޓަކާ ގުޅިގެންކަމަށް ޖީހާން ފާހަގަކުރެއްވިއެވެ. އެކޮމިޝަނުން ހުށަހެޅުއްވި ރިޕޯރޓްގައި 18 ކަމެއް ފާހަގަކުރައްވައިފައިވާ އިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސްޕްރީމް ކޯޓުން ދަށުކޯޓްތަކަށް ނުފޫޒު ފޯރުވާކަމާއި ރައްޔިތުން އިތުބާރާއި ޔަޤީންކަން ކޯޓްތަކުގެ މިނިވަންކަމާމެދު ނެތްކަން ހާމަކުރަމުން ދިއުމާއި އަދި އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށް ޖުޑިޝަރީއާއެކު ކުރަން އުޅުނު ހުރިހާ މަސައްކަތެއް ހުއްޓުވަން އުޅުންކަމަށް ޖީހާން ވިދާޅުވިއެވެ.

"އެހެން ކަމުން ވަރަށް ސާފު އެސޫމޯޓޯ މައްސަލަ އަކީ، އޭގެ އެއް އަހަރު ކުރިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހިންގުނު ސްމޯޓޯ މައްސަލަ ފަދައިން ބިރުދެއްކުމުގެ ޢަމަލެއްކަން. މިނިވަންކަން ނަގާލުމަށް ކުރި މަސައްކަތެއްކަން." ޤަރާރު ހުށަހަޅަމުން ހިއުމަންރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން ވިދާޅުވިއެވެ.

ސްޕްރީމް ކޯޓްގެ ޙުކުމްގެ ނަތީޖާއަކަށްވީ 11 ނުކުތާގެ މައްޗަށް އެކުލެވޭ ގައިޑްލައިނެއް ހިއުމަންރައިޓްސް ކޮމިޝަންގެ މައްޗަށް ނެރުމެވެ. އެ ގައިޑް ލައިންގައިވާ ގޮތުން ހިއުމަންރައިޓްސް ކޮމިޝަނުން އެއްވެސް ފަރާތަކާ މުޢާމަލާތު ކުރެވޭނީ ސަރުކާރުގެ ހުއްދަ ލިބިގެންކަމަށް ޖީހާން ފާހަގަ ކުރެއްވިއެވެ. މިއީ ޤާނޫނު އަސާސީ އާއި ބައިނަލް އަޤްވާމީ ގޮތުން އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތައް ހަނިވާގޮތަށް ނެރެފައިވާ ގައިޑްލައިނެއްކަން ޖިހާން ފާހަގަ ކުރެއްވިއެވެ.

ޖިހާން ވިދާޅުވީ ބައިނަލް އަޤްވާމީ މުއާހަދާތަކާއި ޤާނޫނު އަސާސީއާ ޚިލާފަށް އެޗްއާރްސީއެމްގެ ޤާނޫނީ ބާރު ސްޕްރީމް ކޯޓުން ނިގުޅައިގެންފައިވަނީ، ސްޕްރީމް ކޯޓަށް މެމްބަރުން ވަކިން ގެންދަވާ ވަކިން ހަވާލުކުރެވުު ޗިޓަށް ފަހު ދެއަޑުއެހުމެއް ބާއްވާ އިއްވި ހުކުމަކުން ކަމަށެވެ.

އެޗް އާރު ސީ އެމް އަށް ލިބިގެންވާ ބާރުވެރިކަމާއި އިޚްތިޔާރުތައް ހަނިކުރެވި ހީނަރުވެގެން ދިއުމަކީ ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވައި ނެގެހެއްޓުމަށް އެޅިގެންދާ ހުރަހެއް އަދި ގޮންޖެހުމަކަށް ވީހިނދު އެފަދަ އެއްވެސް ހުރަހެއް އަދި ގޮންޖެހުމަކަށް ދިވެހި ދައުލަތުގެ އެއްވެސް ބާރަކުން ހިތްވަރުދީ އެއްބާރުލުން ދެވެންނެތްކަމަށް ޤަރާރުގައި ކަނޑަ އަޅައިފައިވެއެވެ.

"ސްޕްރީމް ކޯޓްގެ އަމިއްލަ އިސްނެގުމަށް ބަލައި ޝަރީޢަތް ހިންގައި އެޗް އާރްސީ އެމް ގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ އދ  ހައިކޮމިޝަން އޮފް ހިއުމަންރައިޓްސް އަދި ސްޕެޝަލް ރެޕަޓުއަރ އޮން ދި އިންޑިޕެންޑެންސް  އޮފް ޖަޖަރސް އެެންޑް ލޯޔާރސް  އަދި ސްޕެޝަލް ރެޕަޓުއަރ އޮން ދަ ސިޗުއޭޝަން އޮފް ހިއުމަންރައިޓްސް ޑިފެންޑަރސް އިން ކަނޑައަޅައިފައިވާ ފަދައިން ، އިންސާނީ ޙައްޤުތަކަށް ގޮންޖެހުމާއެކު އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ ނެގެހެއްޓުމުގެ ޤާނޫނީ ވާޖިބު މަތިކޮށްފައިވާ ފަރާތްތަކަށް ލިބިގެންވާ އިމްތިޔާޒުތައް ނަގާލައި އެފަރާތްތަކުގެ ޤާނޫނީ ވާޖިބް އަދާ ނުކުރެވޭނެ ފަދަ މާހައުލެއް ޤާއިމު ކުރުމުގެ ތަޢައްސުފީ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް" ވެސް ޤަރާރުގައި ވަނީ ކަނޑަ އަޅައިފައެވެ.

މިޤަރާރާމެދު ކުރެވުނު ބަހުސްގައި މެމްބަރުންވަނީ ސްޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސްޕްރީމް ކޯޓަށް ލިބިގެންނުވާ ބާރުގެ ބޭނުން ކޮށް އެހެން މުއައްސާސާތަކަށް ލިބިފައިވާ މިނިވަންކަމަށް އަރައި ގަންނަމުންދާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރ ޙިޞާން ޙުޞައިން ވިދާޅުވީ ސްޕްރީމް ކޯޓަކީ ދުނިޔެވީ ހުރިހާ ކަމެއްގައި ފަހުބަސް ބުނަން އޮންނަ ތަނެއް ނޫންކަމުގައެވެ. ސްޕްރީމް ކޯޓަކީ ޤާނޫނު އަސާސީގައި ބުނާ ގޮތުން އެޤާނޫނު އަސާސީގެ ބެލެނިވެރިޔާއެއްވެސް ނޫންކަމަށެވެ. އަދި ސްޕަރީމް ކޯޓަކީ އެއްވެސް ފަރާތެއްގެ ބެލެނިވެރި ފަރާތް ނުންކަމަށް ޙިސާން ވިދާޅުވިއެވެ. ސްޕްރީމް ކޯޓަކީވެސް އެހެން ޤާނޫނީ މުއައްސަސާތައް ފަދައިން ޤާނޫނު އަަަސާސީން ލިނބިދޭ ބާރުގެ އިމުގެ ތެރޭގައި ހިންގަން ޖެހޭ ތަނެއްކަމަށެވެ. އެ އިމުން ބޭރުން ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ބާޠިލް ނިންމުންތަކެއްކަމަށް ޙިސާން ފާހަގަ ކުރެއްވިއެެވެ.

ނޮޅިވަރަމްދާއިރާ ގެ މެމްބަރ މުޙައްމަދު ނަޝީދު ވިދާޅުވީ ހުރިހާ މުއައްސަސާ އަކުންވެސް މަސައްކަތް ކުރަނީ އެ އިރެއްގައި އޮންނަ ސަރުކާރު ރުއްސަންކަމަށެވެ. ހުރިހާ މުއައްސަސާތަކަށްވެސް އިޚްލާސްތެރި މީހުން ލާ ފާރަވެރި ވާނެ ބަޔަކު ކަނޑައަޅަ ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.