ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ދެ މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމުގެ ދެޖާގައަށް ކުރުމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބްރޯޑްކޮމްއިން ހުސްވެފައިވާ މެމްބަރު ކަމުގެ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން 16 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމެންދެން މެމްބަރު ކަމަށް އެދޭ ފޯމާއި އެކަމާއިގުޅޭ އެހެނިހެން ފޯމުތައް ދޫކުރުމާއި ބަލައިގަތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށްދާނެ ކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެމްބަރުން އައްޔަން ކުރުމަށްޓަކައި ކުރިމަތިލާން ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ ދެ މެމްބަރެއް ކަމުގައިވާ ސޮފްވާން އާއި ނަބާހު ދާދިފަހުން ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ބްރޯޑްކޮމްއަށް ކުރިމަތިލާ މީހުންގެ ތެރެއިން ދެ މެމްބަރުން ހޮވާނީ ކުރިމަތިލާ މީހުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިންޓަވިއުކޮށް މާކްސް ދިނުމަށް ފަހު މަޖިލީހުގެ ވޯޓަކަށް ގޮސްގެންނެވެ. އެއަށް ފަހު މަޖިލީހުގައި ނަގާ ވޯޓުން އެންމެގިނަ ވޯޓު ހޯދާ ދެ މެމްބަރު ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.