ޗައިނާއަށް ކުށްވެރިން ފޮނުވުމަށް މަގުފަހިކުރާ ބިލް މިހާރު "މަރުވެފައިވާ ކަމަށް ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ކެރީ ލޭމް ވިދާޅުވެއްޖެއެވެ.
އެ ބިލްގެ ކަންތައް ދެން ނިމުނީކަށް އޭނާ ވިދާޅުވީ އެތައް ހަފުތާއަކަށް ދެމިގެންދިޔަ ވަރުގަދަ މުޒާހަރާތަކަށް ފަހު ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން ދޫދެއްވަން މަޖުބޫރުވެވަޑައިގެންނެވެ.
ސަރުކާރުގެ އިދާރީ މައިމަރުކަޒުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އޭނާގެ ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފައްދައި، ކުށްވެރިން ފޮނުވުމާ ބެހޭ ބިލް އަލުން ގާނޫނުހަދާ މަޖިލީހަށް ފޮނުވަފާނެކަމަށް ދެކެވޭ ވާހަކަތަށް ކެރީ ލޭމް ވަނީ ޖަވާބުދެއްވާފައެވެ.
"ވީމާ، އިތުރަށް ބާރުފައި މިތާނގައި ހުރެ އަހަރެން ބުނަން. އެފަދަ އެއްވެސް ކަމެއް ނެތް. އެ ބިލް ވަނީ މަރުވެފައި. (އެބިލްގެ ކަންތައް މިހިސާބުން ނިމުނީ)" ކެރީ ވިދާޅުވިއެވެ. އެހެންނަމަވެސް މުޒާހަރާކުރާ މީހުން ބޭނުންވިފަދައިން، އެ ބިލް އެކުގައި އަނބުރާ ގެންދަވާނެކަން އޭނާ ޔަގީންކޮށްދެއްވާފައި ނުވެއެވެ.
ހޮންކޮންގުގެ ކުށްވެރިންގެ ޝަރީއަތް ޗައިނާގެ ކޮމިއުނިސްޓް ކޯޓުތަކަށް ފޮނުވުމަށް މަގުފަހިކޮށްދޭ އެ ބިލް ގާނޫނު ހަދާ މަޖިލީހަށް ފޮނުވުމާއެކު، އެއާ ދެކޮޅަށް ހޮންކޮންގުގައި ކުރެވުނު މުޒާހަރާތަކަކީ އެ ސަރަހައްދުގައި މިހާތަނަށް ބޭއްވުނު އެންމެ ބިޔަ، އެންމެ ވަރުގަދަ މުޒާހަރާތަކެވެ. މުޒާހަރާތައް އެންމެ ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ ހޮންކޮންގެ ގާނޫނުހަދާ މަޖިލިސް، ލެޖިސްލޭޓިވް ކައުންސިލްގެ އިމާރާތަށް މުޒާހަރާކުރާ މީހުން ވަދެ، އެތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މީހުންގެ ހިތްހަމަސައިދެވޭތޯ ޗީފް އެގްޒެކެޓިވް ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު އިތުބާރުނުކުރެއެވެ. މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުނު މީހުންކަމުގައިވާ، ޔުނިވަސިޓީގެ ދަރިވަރުން ވަނީ އެކަމަނާގެ ވާހަކަފުޅާމެދު ޝައްކުއުފައްދާފައެވެ.
"އަހަރުމެން ބޭނުންވާ ގޮތަކީ އެ ބިލް އެއްކޮށް އަނބުރާ ނެގުން. އޭނާ (ކެރީ ލޭމް) ލަފުޒުތަކާ ކުޅެނީ." ޗައިނީޒް ޔުނިވަސިޓީ އޮފް ހޮންކޮންގްގެ ސްޓޫޑަންޓް ޔުނިއަންގެ ޖެނެރަލް އޮފިސަރ ޗާން ވައި ލޭމް ވިލިއަމް ބުންޏެވެ.
މުޒާހަރާކުރަމުން ދިޔަ މީހުން ވަނީ ޗީފް އެގްޒެކެޓިވް ކެރީ ލޭމްގެ އިސްތިއުފާއަށްވެސް ގޮވައިފައެވެ. އެކަމަށްވެސް އޭނާ ވަނީ ޖަވާބުދެއްވާފައެވެ.
"ސީއީ (ޗީފް އެގްޒެކެޓިވް) އިސްތިއުފާދިނުމަކީ ފަސޭހަ ކަމެއް ނޫން. ދެން، ހޮންކޮންގުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހިތްވަރު އަހަރެންގެ އެބަހުރި. އަހަރެމް މިއިރީ އެ ވައުދުގެ މަތީގައި." ކެރީ ލޭމް ވިދާޅުވިއެވެ.