ގްރީސް އަނެއްކާވެސް "ފަޚުރުވެރިކަމާއެކު އިސްއުފުލާލާނެ" ކަމަށާއި، ގްރީކް މީހުންގެ "އުއްމީދުތައް ހަގީގަތަކަށް" ހެދުމުގައި ނާކާމިޔާބު ނުވާނެކަމަށް ގްރީސްގެ އާ ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޮޓާކިސް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރުކަމުގައި ހުންނެވި އެލެކްސިސް ސިޕްރާސްގެ ސިރިޒާ ކޯލިޝަން ބަލިކުރެއްވުމަށް ފަހު މިޓްސޮޓާކިސްގެ ނިއު ޑިމޮކްރެސީ ޕާޓީ ވެރިކަމަށް އައި، ކުރީގެ ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމު ނިމުމަކަށް ގެނައުމުގެ ވައުދާއެކުގައެވެ.
އާދީއްތަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ނިއު ޑިމޮކްރަސީ ޕާޓީން ވަނީ ވޯޓުގެ %39.8 ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއެކު ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން އެ ޕާޓީއަށް 158 ގޮނޑި ލިބުނެވެ. ސިޕްރާސްގެ ވާތުފިޔައިގެ ކޯލިޝަން، ސިޕްރާސްއަށް ލިބުނީ ވޯޓުގެ %31.5 އެވެ.
"އަހަރެން ގައުމުގެ ވެރިކަން ހިންގުމާ މި ހަވާލުވަނީ ގައުމީ މަސްއޫލިއްޔަތު ރަނގަޅަށް އެނގި ހުރެގެން." ރިޔާސީ ގަނޑުވަރުގައި އިއްޔެ އޮތް ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަފުޅުދައްކަވަމުން މިޓްސޮޓާކިސް ވިދާޅުވިއެވެ.
"އަހަރެންނާއި އަހަރެންގެ ބައިވެރިންގެ ކުރިމަތީގައި ހުރި އުނދަގޫތައް އަހަންނަށް އެނގޭ. އެހެންނަމަވެސް، އަހަރެން ބާރު ލިބިގަންނަނީ ރައްޔިތުންގެ ބާރުން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ފަހި ސިޔާސަތުތަކެއް ގެންގުޅުއްވާ މިޓްސޮޓާކިސް ވަނީ ޓެކްސް ދަށްކުރުމަށާއި، އާއްމު ޚިދުމަތްތައް އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްލުމަށާއި، ގްރީސްއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކާއެކު އަލުން ވާހަކަދައްކައިގެން އިންވެސްޓްކުރުމަށް އިތުރު ފައިސާ ރައްކާކުރެވޭނެ ގޮތެއް ހޯދުމަށް ވައުދުވެވަޑައިގެންފައެވެ.
"އަހަރެން ބޭނުންވަނީ މިރައްޔިތުން ތަނަވަސް ބަޔަކަށް ވާން. (ގައުމު) ދޫކޮށް ދިޔަ ދަރިން އެނބުރި އަންނަ ތަން ދެކެން އަހަރެން ބޭނުން." މިޓްސޮޓާކިސް ވިދާޅުވިއެވެ.
މީގެ ހަތަރު އަހަރުކުރިން އާއްމު އިންތިޚާބު ކާމިޔާބުކުރެއްވި އެލެކްސިސް ސިޕްރާސް ބެލެވުނީ ގްރީސް ވެއްޓިފައި އޮތް އިގްތިސާދީ ވަޅުގަނޑުން ނަންގަވާނެ ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް ގްރީސްގެ އިގްތިސާދު އަނބުރައިލައްވަން އޭނާ ވެވަޑައިގެންނެވި ވައުދުތައް ނުފުއްދެވި، އޭނާއަށް ޖެހިވަޑައިގަތީ 100 ބިލިއަން ޑޮލަރުގެ ދަރަންޏާއެކު ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ތަންފީޒުކުރައްވާށެވެ.
"މިއަދު، އަހަރުމެންގެ އިސް އުފުލާލައިގެން ތިބެ، ރައްޔިތުންގެ ނިންމުން އަހަރެން ގަބޫލުކޮށްފިން. މިއަދު ގްރީސް މިއޮތް ހިސާބަށް ގެންނަން، ވަރަށް ބޮޑު ސިޔާސީ އަގެއް ދައްކައިގެން އަހަރުމެންނަށް ޖެހުނީ ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަން." ބަލި ގަބޫލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސިޕްރާސް ވިދާޅުވިއެވެ.