ސްރީލަންކާގައި ބުޑިސްޓް ސިންގަޅައިންގެ ސަރުކާރެއް އެކުލަވާލުމަށް ގޮވާލައިފި

ސްރީލަންކާގެ ހައްދުފަހަނައަޅާފައިވާ ހާމުދުރު ޏަނަސާރާ ތެރޯ

ސްރީލަންކާގެ ހަރުކަށި ބުޑިސްޓް ޖަމާއަތުން އިއްޔެ ހާމުދުރުންގެ ބޮޑު އެއްވުމެއް ބާއްވައި، އެ ގައުމުގައި ބުޑިސްޓު ސިންގަޅައިންގެ ސަރުކާރެއް ގާއިމުކުރުމަށް ގޮވާލައިފިއެވެ.

ބޮދު ބަލާ ސޭނާ (ބީބީއެސް) އިން އިއްޔެ ކެންޑީގައި ބޭއްވި ބައްދަލުވުމެއްގައި އެތައް ސަތޭކަ ހާމުދުރުންނާއި، އެ ޖަމާއަތަށް ތާއީދުކުރާ އެތައް ހާސް ބަޔަކާއި މުޚާޠަބުކޮށް ވާހަކަދައްކަމުން ބީބީއެސްގެ ނުފޫޒުގަދަ، ހައްދުފަހަނައަޅާފައިވާ ލީޑަރު ގަލަގޮޑަ އައްތޭ ޏަނަސާރާ ވަނީ ސިންގަޅަ ބުޑިސްޑުންނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމުގައި ބުދުފައްޅަކުގެ އެހީއަށް އެދި ގޮވާލާފައެވެ. ސްރީލަންކާގައި 10 ހާހަށްވުރެ ގިނަ ބުދުފައްޅި ހުރެއެވެ.

"އަހަރުމެން، ހާމުދުރުންގެ އަމާޒަކަށް ވާންވާނީ ސިންގަޅައިންގެ ސަރުކާރެއް ގާއިމުކުރުން. ގައުމަށް ޖަވާބުދާރީވާނެ ގާނޫނުހަދާ މަޖިލީހެއް އަހަރުމެން ގާއިމުކުރާނަން. އެއީ ސިންގަޅައިން ހިމާޔަތްކުރާނެ ގާނޫނުހަދާ މަޖިލީހެއް." ޏަނަސާރާ ބުންޏެވެ.

ބޮދު ބަލާ ސޭނާއިން އިއްޔެ ކެންޑީގައި ބޭއްވި ބައްދަލުވުމަށް އެއްވެ ތިބި މީހުން

އޭނާ ވަނީ ހަރުކަށި އިސްލާމީ ޖާމައަތްތަކާ ކުރާ ހަނގުރާމަ ހާމުދުރުންނަށް ދޫކޮށްލާފައި ސީޔާސީ މީހުން އެއްފަރާތް ވުމަށްވެސް ގޮވާލާފައެވެ.

"އަހަރުމެންނަށް އަވަށްތަކުގައި މުސްލިމުންނާ ސީދާ ބައްދަލުކޮށް ވާހަކަދައްކައިގެން ހަރުކަށި ވިސްނުމާ ދުރުކޮށް އަހަރުމެން ބޭނުންވާގޮތަށް މުސްލިމް ސަގާފަތެއް އުފެއްދިދާނެ. އެއީ އަހަރުމެންގެ މަސްއޫލިއްޔަތެއް މިއީ ސިންގަޅައިންގެ ގައުމަކަށް ވާތީ. ޒަމާނުއްސުރެ މި ގައުމަކީ އަހަރުމެންގެ މިލްކެއް." ޏަނަސާރާ ބުންޏެވެ.

ބީބީއެސްއިން ކެންޑީގައި ހާމުދުރުންގެ ބައްދަލުވުން ކުރިއަށް ގެންދިޔައިރު، އެރަށުގެ މަގުތަކުގައި ފުލުހުން ދިޔައީ ފޯރިމަރަމުންނެވެ. އަދި ސިފައިން ތިބީ ތައްޔާރީ ހާލަތުގައެވެ.

މުސްލިމުންނަކީ ސްރީލަންކާގެ އާބާދީގެ ގާތްގަނޑަކަށް %10 ކަމުގައި ވާއިރު، އީސްޓާ އާދީއްތަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކަށް ފަހު މުސްލިމުންނާ ދެކޮޅަށް ދެވޭ ހަމާލަތައް ވަނީ އިތުރުވެފައެވެ. މުސްލިމުން ތިބީ އެމީހުންގެ ރައްކާތެރިކަމާމެދު ކަންބޮޑުވެފައެވެ. ހަރުކަށި ހާމުދުގެ ވާހަކަތަކަށް އެމީހުންގެ ހާސްކަން ވަނީ އަނެއްކާ އިތުރުވެފައެވެ.

"އަހަރުމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ." ކެންޑީގެ މުސްލިމް ވިޔަފާވެރިވެރިއެއް ކަމުގައިވާ މުޙައްމަދު ރިޟްވާން ބުންޏެވެ.

"އެމީހުން އަހަރުމެންނާ މެދު ދެކެނީ އެއް ގޮތަކަށް. އަހަރުމެންނަކީ މުސްލިމުންނަށް ވެފައި މުސްލިމް ނަން ކިޔާތީ." އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެޕްރީލް މަހުގެ ހަމަލާތަކަށް ފަހު އޭނާގެ ވިޔަފާރި ވަނީ %75 ދަށްވެފައެވެ. އަދި އޭނާގެ އަނބިދަރިންގެ ސަލާމަތާމެދު އޭނާ ކަންބޮޑުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.