މައެއްގެ އިލްތިމާސް: ރެފިޔުޖީ ކޭމްޕުން އަޅުގަނޑުގެ ދަރިފުޅު ގެނެސްދީ

އޭރު ޢަބްދުﷲ އަރުޝްއަށް އެންމެ 7 އަހަރެވެ. ބައްޕާއި މަންމަވަނީ ވަކިވެފައެވެ. އޭނާގެ ބައްޕަ އޭނާ ގޮވައިގެން މާލެދިޔައީ ޗުއްޓީއަކަށެވެ. މާލެ ގެންދިއުމަށްފަހު އެއްދުވަހަކު ގުޅާފައި ކުއްޖާ ގޮވައިގެން ކ. މާފުށްޓަށް ދާން އުޅޭ ވާހަކަ ކުއްޖާގެ މަންމަ ގާތު ބުންޏެވެ. އެރަށުގައި އޮތް ޕާޓީއަކަށެވެ. އެހެން ކަމުން އެއީ މާބޮޑު ކަމެއްގެ ގޮތުގައި ކުއްޖާގެ މަންމަ ނުނަގައެވެ.

އެދަތުރަކީ އޭނާއަށް އެތައް ހިތާމައެއް ލިބިގެން ހިނގައިދާނެ ދަތުރެއް ކަމަށް އެއްގޮތަކަށް ވެސް ކުއްޖާގެ މަންމަގެ ހިތަށް ނާރާއެވެ. ޗުއްޓީއަށްފަހު އެކުއްޖާ އެނބުރި އަންނާނެ ކަމުގެ ފޮނި އުންމީދުގައި ހިމޭނުން އިނީއެވެ. ކުއްޖާ ގެންދިޔައީ އެނާގެ ބައްޕަ ކަމުން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އަރުޝްގެ ބައްޕަ އޭގެ ކުރިންވެސް ވަނީ އޭނާ ގޮވައިގެން އެފަދަ ދަތުރުތަކުގައި ގޮސްފައެވެ. އެދަތުރު ތަކަށްފަހުވެސް މަންމައާ ހަމައަށް ދަރިފުޅު ގެނެސްދެއެވެ. އެހެންވީމާ އިތުބާރު ވެސް އޮންނާނެތާއެވެ. އެ ކުއްޖާގެ މަންމަ އަކީ ސ. ފޭދޫ ރޭނީސް، އާމިނަތު ޝިއުޒާ އެވެ. ބައްޕަ އަކީ ހިތަދޫ މީހެކެވެ.

"އެންމެފަހުން ކުއްޖާ ގެންދިޔައީ މާފުށީގައި އޮތް ޕާޓީއަކަށް ކަމަށްބުނެ. ދެން ލިބުނު ޚަބަރަކީ އެކުއްޖާގެ ބައްޕަ   އޭނާ ގޮވައިގެން ސީރިޔާއަށް ދިޔަ ޚަބަރު. އެހީސާބުން ފުލުހުންނަށް މައްސަލަ ހުށަހެޅިން. އަދި ކުއްޖާ ގެނެވޭތޯ މަސައްކަތް ފެށިން،" ޝިއުޒާ ބުންޏެވެ.

ހަނގުރާމަ މައިތިރިވެ މަސްރަހު ފިނިވެފައިވާ މިވަގުތު ކުއްޖާ ކޮބައިހެއްޔެވެ؟ ޝިއުޒާ ބުނި ގޮތުގައި ކުއްޖާ މިހާރުވަނީ ސީރިއާއާއި އިރާގު ބޯޑަރުކައިރީގައި ހުންނަ އަލް ހައުލް ކިޔާ ރެފިޔުޖީ ކޭމްޕެއްގައި ތާށިވެފައެވެ. ދޭތެރެ ދޭތެރެއިން އޭނާގެ މަންމައަށް ގުޅައެވެ. ވައިބަރ މެދުވެރިކޮށެވެ. އެހެންނަމަވެސް އެއީ ވަރަށް މަދުން ވަރަށް ޙާލުން ކުރެވޭ ކަމެކެވެ. އޭނާ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް މަންމަގެ ޙިމާޔަތުގެ އުނގަށް އަންނާށެވެ. މަންމަގެ އޯގާތެރި ކަމާއި ލޯބި ބޭނުންވެގެންނެވެ. ސީރިއާގެ ނުރައްކާތެރި އަދި އެކަނިވެރި، ބީރައްޓެހި މާޙައުލުން ނުކުމެ އަމިއްލަ ރަށަށް އައިސް އަމިއްލަ ޢާއިލާއާއެކު އުޅުމަށް އެކުއްޖާގެ ހިތް އެބައެދެއެވެ. އެވާހަކަ އޭނާގެ މަންމަމެން ގާތުވަނީ އެތައް ފަހަރަކު ބުނެފައެވެ.

"މިހާރު އަބަދުވެސް ބުނާނެ މަންމަ ގޭގައި ކައްކާއެއްޗެހި ކާން ބޭނުންމޭ. މަންމާއޭ ތިމަންނަ ރަށަށް ގެންދާށޭ. އެ ކުއްޖާ އެތާ އެހުންނަނީ ޕާން ފޮއްޗެއް ކައިގެން. އެއީވެސް ބައެއްފަހަރު. އެހެންވީމާ ސަރުކާރުން އެކުއްޖާ ވީހާވެސް އަވަހަކަށް ގެނެސް ދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. އަޅުގަނޑުގެ އަތުން އޭނާ ބީވެގެން ދިޔުމަކީ ލިބުނު ވަރަށްބޮޑު ހިތާމައެއް. ހުރިތަން ވެސް އެނގޭއިރު އޭނާ އަޅުގަނޑާ ހަމައަށް ނުގެނެވޭތީ އެންމެ ބޮޑު ހިތާމައަކީ. ވަރަށްބޮޑު އުންމީދެއްގައި އަދިވެސް މިއިންނަނީ،" ޝިއުޒާ ބުންޏެވެ.

ޝިއުޒާ ބުނިގޮތުގައި އެކުއްޖާ ޢުމުރުން މިހާރު 10 އަހަރު ވެއްޖެއެވެ. އޭނާ ކޭމްޕުގައި އުޅެމުންދަނީ އޭނާގެ ދޮންމައާ އެކުގައެވެ. ކޮންމެ މީހެއްގެ ޙިމާޔަތުގައި ހުއްޓަސް ރެފިޔުޖީ ކޭމްޕެއްވާނީ ހަމަ ރެފިޔުޖީ ކޭމްޕަކަށްތާއެވެ. އެހެންކަމުން އެކުއްޖާ ގެނައުމުގެ މަސައްކަތް ޢާއިލާއިންދަނީ މެދު ނުކެނޑި ކުރަމުންނެވެ. "އަޅުގަނޑުމެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވެސް ބައްދަލު ކުރިން. އެމަނިކުފާނުވަނީ އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި. އެހެންނަމަވެސް އަދާ ހަމައަށް އެއްވެސް އަލިމަގެއް ފެނިފައެއް ނުވޭ. އެކަމާ ވަރަށް ކަންބޮޑުވޭ. ދަރިފުޅު ހުރިތަން އެނގިފައި އޭނާ ރާއްޖެއަށް ގެނެވޭނެ ގޮތެއް މިޒަމާނުގައި ފަހިނުވުމުގެ ނިކަމެތިކަމާއި ހިތްދަތިކަން މިހާރު ވަރަށްބޮޑަށް ކުރެވޭ،" ޝިއުޒާ ބުންޏެވެ.

ޖިހާދު ކުރުމުގެ ނަމުގައި ސީރިޔާއަށްދާ މީހުންނާ މެދު ތަފާތު ވާހަކަތައް ދެކެވެއެވެ. އެހެންނަމަވެސް ވާނުވާނޭނގޭ ޢުމުރުގެ ކުޑަކުދިން އަމިއްލައަށް ދަނީއެއްނޫނެވެ. އެކުދިން ގޮވައިގެން ބައްޕަ ފަދަ މީހަކު ދަނީއެވެ. އެގޮތަށް އަނބިދަރިން ގޮވައިގެން ރާއްޖެއިން ދަނީ އޮޅުވާލައިގެންނެވެ. ފިލައިގެންނެވެ. އެހެންވީމާ މައިންނަށް ވާނުވާ ނާންގައި ކުދިން ގޮވައިގެން އެފަދަ ނުރައްކާތެރި ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިޔުމަކީ ކޮންފަދަ ބޮޑުކަމެއް ހެއްޔެވެ؟ އެގޮތަށް ކުދިން ގެންދިޔުމުން އެކަން އެކުދިންގެ މައިންނަށް އެނގުމުން ކުރާނެ އަސަރާއި ލިބޭނެ ހިތްދަތިކަން ވަރަށްބޮޑެވެ. އެފަދަ ހިތްކަށް ކުރާނެ އަސަރު އިހުސާސް ކޮށްލަން ދައްޗެއް ނުވާނެއެވެ.

ޖިހާދު ކުރުމުގެ ނަމުގައި ސީރިއާއަށް ގޮސް ތިބި ބޮޑެތި މީހުން ނުގެނަޔަސް ތުއްތުކުދިންނާއި ކުޑަކުދިން ގެނެސްދެއްވުމަށް އެފަދަ ޢާއިލާތަކުން ސަރުކާރަށް އިލްތިމާސް ކުރެއެވެ. އާދޭސް ކުރެއެވެ.  މިޒަމާނަކީ ސަރުކާރަށް ގޮތް ހުސްވާންޖެހޭ ޒަމާނެއް ނޫންކަމަށް ޢާއިލާތކުން ބުނެއެވެ. ޓްރެވެލް ޑޮކިއުމެންޓްނެތް ކަމަށްވާނަމަ އެ ހަދައިދެވިދާނެ ކަމަށް އެމީހުން ދެކެއެވެ. އެފަދަ ލިޔުންތައް ނެތް ކުދިން ނުގެނެވި ލަސްވިޔަސް ލިޔުންތައް ހުރި ކުދިން ގެނެސްދިނުމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް ވެސް ޢާއިލާތަކުން އެދެއެވެ.

ޝިއުޒާ ފަދަ އެތައް ބަޔަކަށް ވަނީ މި ހިތްދަތި އިހުސާސް ކުރަންޖެހިފައެވެ. ދަރިން "ގެއްލުމުގެ" ހިތާމައެވެ.

މިވާހަކަތައް ޝިއުޒާ ބޭނުން ވަރަށް ޙިއްސާ ނުކުރެވުނީ ކަރުނުން އޭނާގެ ދެ ލޯ ބަރުވެ އަނގައިން ބަސްތައް ބޭރުކުރަން ދަތިވެގެންނެވެ. ކަރުނައާއި ހިތާމަ ހުރަސް ނޭޅިނަމަ އޭނާ ލައްކަ ވާހަކަތަކެއް ކިޔައިދޭނެއެވެ. ކަރުނަތައް ފޮހެމުން މިވާހަކަތައް އޭނާ ކިޔައިދެމުން ގެންދިޔައީ ދަރިފުޅުގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައި އިނދެގެންނެވެ.

ޢާއިލާތަކުގެ މި އެދުމާއި ކަންބޮޑުވުންތަކަށް ޢަމަލީ ސިފައެއް އަދި އައިސްފައި ނެތަސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޢާއިލާތަކަށް އުންމީދު ދެއްވައިފައިފައެވެ. ސީރިޔާގެ ހަނގުރާމައަށްފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހި ކުދީން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. މިއީ މާޔޫސްކަން ލިބިފައިވާ މައިންގެ ހިތްތަކަށް ލިބިގެންދިޔަ ތަސައްލީއެކެވެ. އެހެންނަމަވެސް އެކަންވާނެ ދުވަހެއް ނޭނގެއެވެ.

ރައީސް ވިދާޅުވީ ސީރިއާގެ ހަނގުރާމަވެރިން ބަލިވެ، އެމީހުންނާއި އާއިލާތައް މިހާރު ތިބީ އެކިއެކި ކޭމްޕު ތަކުގައި ކަމަށާއި އެތަނުގައި ތިބި ދިވެހިންގެ މަޢުލޫމާތު އެމީހުންގެ ޢާއިލާތަކުން ސަރުކާރާ ޙިއްސާ ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.