ފަތުރުވެރިން ތިބި ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ސިނަމާލެ ބުރިޖާ ދިމާއިން ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. ފުލުހުން ވިދާޅުވީ އަލިފާން ރޯވިއިރު އޭގައި ފަތުރުވެރީން ވެސް ތިބި ކަމަށެވެ. އެހެންނަމަވެސް އޭގައި ތިބީ ކިތައް ފަތުރުވެރިން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:36 އެހައިކަންހާއިރުއެވެ. މަޢުލޫމާތު ލިބިގެން ފުލުހުން އެސަރަޙައްދަށް ދިޔައިރު އަލިފާން ވަނީ ނިއްވާލައިފައެވެ.

މި ޙާދިސާ ހިނގިއިރު ލޯންޗުގައި ތިބި ގެސްޓުންނާއި އަދި އެހެން ބަޔަކަށް ވެސް އަނިޔާއެއް ލިބިފައި ނުވެއެވެ. ފުލުހުން ވިދާޅުވީ ފުލުހުންނަށް ދެވުނުއިރު އޭގައިތިބި ފަތުރުވެރިން ވަނީ އެހެން ލޯންކަޗަކަށް ނަގައިފައި ކަމަށެވެ. ރޯވި ލޯންޗު ތިން ނަމްބަރު ފާލަމަށް ކައިރި ކުރުމަށް ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލޯންޗުގައި ރޯވެފައިވަނީ 4 އިންޖީނުގެ ތެރެއިން އެއް އިންޖީން ތާށިވެގެން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެމައްސަލަ ބަލަމުންދާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މި ޙާދިސާގައި ލޯންޗަށް ލިބުނު ގެއްލުމުގެ މަޢުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.