ތެޔޮ ޓޭންކަރު ހިފަހެއްޓުމަކީ ކަނޑުފޭރުމުގެ އަމަލެއް: އީރާން

ސްޓްރެއިޓް އޮފް ޖިބްރޯލްޓާ ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށް އިނގިރޭސި ކަނޑުގެ ސިފައިން ބުރާސްފަތި ދުވަހު އީރާނުގެ ތެޔޮ ޓޭންކަރެއް ހިފެހެއްޓުމަކީ ކަނޑުފޭރުމުގެ އަމަލެއް ކަމުގައި އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ހުޅަނގު ޔޫރަޕާ ބެހޭ ބިއުރޯގެ ވެރިޔާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލުން ހިންގާފައި ވަނީ ޣައިރުގާނޫނީ އަމަލެކެވެ. އަދި އެކަން ބެލެވޭނީ ކަނޑުފޭރުމެއް ކަމުގައެވެ. އޭނާ މިހެން ވިދާޅުވީ ތެހެރާނުގައި ހުންނަވާ އިނގިރޭސި ސަފީރު ރޮބަޓް މެކެއަރ އީރާނުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކުރުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އެޓްލާންޓިކް ކަނޑުން މެޑިޓަރޭނިން ކަނޑަށް ވަދެވޭ، ޔޫރަޕާއި އެފްރިކާ އާއި ދެމެދުން އޮންނަ ކަނޑުއޮޅި ހުރަސްކުރަނިކޮށް އީރާނުގެ ތެޔޮ ޓޭންކަރު ގްރޭސް -1 ހިފަހައްޓާފައި ވަނީ، ޖިބްރޯލްޓާގެ ފުލުހުންނާއި، ކަސްޓަމްސްއާއި ގުޅިގެން، އިނގިރޭސިވިލާތުގެ ރޮޔަލް މެރީންސްގެ ސިފައިންނެވެ.

ސްޕޭންގެ އެކްޓިންގ ފޮރިން މިނިސްޓަރު ޖޯސެޕް ބޮރެލް ވިދާޅުވި ގޮތުގައި އެމެރިކާއިން އެދިގެން އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓީ އިނގިރޭސިވިލާތުންނެވެ.

ބޮރެލް އިތުރަށް ވިދާޅުވި ގޮތުގައި، ތެޔޮ ޓޭންކަރު ހުއްޓުވި ކަމަށް ބެލެވެނީ ސްޕޭންގެ ކަނޑުގެ ސަރަހައްދުގައެވެ. އަދި ޓޭންކަރު ހުއްޓުވުމުގައި ސްޕޭންގެ ސިޔާދަތަށް އުނިކަން ލިބޭފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

"އަހަރުމެންނަށް (ސްޕޭނަށް) މި އޮޕަރޭޝަނާ ބެހޭގޮތުން އެނގިފައި އޮތީ. އަހަރުމެން މިދަނީ (އެކަން ހިނގައިދިޔަ) ހާލަތު ދިރާސާކުރަމުން. މިކަން ކުރަން އިނގިރޭސިންގެ ކިބައިން އެދުނީ އެމެރިކާ." ޖޯސެޕް ބޮރެލް ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ޓެރޭސާ މޭގެ ތަރުޖަމާނު ބުނި ގޮތުގައި ހިފެހެއްޓި ތެޔޮ ޓޭންކަރަކީ ސީރިޔާއަށް ތެޔޮ ހިފައިގެން ދިޔަ ޓޭންކަރެކެވެ. ޖިބްރޯލްޓާއިން އެޅި މި ފިޔަވަޅަށް ބޮޑުވަޒީރު މޭ މަރުހަބާ ކިއުއްވާކަން ވެސް އޭނާ ފާހަގަކުރިއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ޖިބްރޯލްޓާއިން ސާބިތުކޮށްދީފައި އެވަނީ އދ.ގެ ދަތިކުރުގެ ފަޔަވަޅުތަކާ ޚިލާފުވުމުގެ ފުރަސަތު އެއްވެސް ބަޔަކަށް ނުދެވޭނެ ކަމެވެ.

އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލުމަށް، އިނގިރޭސިންގެ ކިބައިން އީރާނު އެދިފައި ވާއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރަކު ވިދާޅުވެފައި ވަނީ އިނގިރޭސިން އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްނުލައިފިނަމަ، އީރާނުން ޖެހެނީ ބަދަލުގައި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާށެވެ.

ޖިބްރޯލްޓާ (ޖަބަލު ޠާރިޤް) އަކީ ސްޕޭންގެ ސަރަހައްދަކަށް ވިޔަސް އަށާރަ ވަނަ ގަރުނުން ފެށިގެން އެތަން އޮންނަނީ އިނގިރޭސިވިލާތުގެ ދަށުގައެވެ. 6.7 އަކަކިލޯމީޓަރުގެ އެ ސަރަހައްދުގެ އާބާދާއަކީ 32 ހާސް މީހުންނެވެ. ޖިބްރޯލްޓާ އޮންނަނީ ޖިބްރޯލްޓާ ކަނޑު އޮޅީ (ސްޓްރެއިޓް އޮފް ޖިބްރޯލްޓާ) ގެ އެއް ފަރާތުގައި ކަމުން، އެ ކަނޑުއޮޅިއަށް ވަދެނުކުމެވާ އުޅަނދުތަކަށް ފާރަލުމުގެ ފުރުސަތު އިނގިރޭސިވިލާތަށް ލިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.