ކާޑުގެ ބާވަތްތަކުން ސަބްސިޑީ ލިބެންޖެހޭ މިންގަޑަށް ފެތޭ މީހުންނަށް ޙައްޤުވާ ސަބްސިޑީ ލިބެމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި އިކޮނޮމިކް ކައުންސިލްގެ ޗެއަރމަން އޮނަރަބަލް އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދިނުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާބެހޭ މަޢުލޫމާތު ދެއްވުމަށް މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލަވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކާޑުގެ ބާވަތްތަކުން ސަބްސިޑީ ޙައްޤުވާ މީހުންނަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.ސްޕާ) ގައި މާލީގޮތުން ފޯރުންތެރިކަންނެތް މީހުންގެ ގޮތުގައި ރަޖިސްޓްރީވެފައިތިބި މީހުންނެވެ. ވީމާ، މިފަދަ މީހުންނަށް ސަބްސިޑީ ދިނުމުގައި އެން.ސްޕާގެ އެހީތެރިކަން ހޯދިގެން ދާނެއެވެ. މިހާތަނަށް ކާޑުގެ ބާވަތްތަކުގެ ސަބްސިޑީއަށް ސަރުކާރުގެ ފަރާތުން %65 އާ %70 އާ ދެމެދުގެ ޢަދަދެއް ދައްކަމުން ގޮސްފައިވާކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ. މިގޮތުން، ސަރުކާރުގެ ފަރާތުން މި ސަބްސިޑީގެ ޢަދަދު އުނިކުރުމާ ގުޅިގެން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ވިއްކުމުގައިވެސް ސަބްސިޑީ ކަނޑާނުލާ އުނިވެގެންދާނެއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ސަބްސިޑީގެ އަގުތަކަށް ބަދަލު ގެނެވިގެންމިދިޔައީ ތަފާތު ވުޒާރާތަކުން މަޝްވަރާ ކުރެއްވުމަށްފަހު އެކަމާބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދިއުމަށްފަހުއެވެ. އަދި ކާޑުގެ ބާވަތްތަކުން ދެވޭ ސަބްސިޑީގެ އުސޫލަށް މިގެނެވުނު ބަދަލުތަކާގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނަށާ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ސަބްސިޑީ ނުދެވޭނެއެވެ. އަދި ސަބްސިޑީ ދިނުމުގައި މާލެއާ އަތޮޅުތެރޭގެ ރަށްރަށާ އެއްވެސް ތަފާތެއްނުވާނެއެވެ.
ދިވެހިރާއްޖެއަކީ މިހާރު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ނުހިމެނޭ ޤައުމެއްކަމުން، ރާއްޖެއަށް ބޭރުގެ ޤައުމުތަކުން ކުރީގައި ލިބޭފަދަ އެހީތެރިކަން ނުލިބޭތީ މާލީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި މިފަދަ ފިޔަވަޅު އެޅުމަކީ މުހިންމުކަމެއްކަން މިނިސްޓަރ ޛުހޫރު ފާހަގަކުރެއްވިއެވެ.