ލީބިޔާގައި ހިޖުރަކުރާ މީހުން ބައިތިއްބާ މަރުކަޒަކަށް ދިން ވައިގެ ހަމަލާއެއްގައި 40 މީހުން މަރުވެއްޖެ

ތާޖޫރާއަށް ދިން ވައިގެ ހަމަލާގައި މަރުވި ބައެއް މީހުންގެ ހަށިތައް

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގެ ތާޖޫރާ އަވަށުގައި ހުންނަ ހިޖްރަކުރާ މީހުންގެ މަރުކަޒަކަށް ދިން ވައިގެ ހަމަލާއެއްގައި 40 މީހުން މަރުވެ 80 މީހުން ޒަޚަމްވެއްޖެއެވެ.

ޓްރިޕޮލީ އިރުމަތީގައި އޮންނަ ތާޖޫރާގައި ބައިތިއްބާފައި ތިބެނީ އެފްރިކާއިން ޔޫރަޕަށް ހިޖުރަކުރަން މަސައްކަތް ކުރަނިކޮށް ހައްޔަރުކުރެވޭ މީހުންނެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ އަވަށަކީ އދ.ން ބަލައިގަންނަ ލީބިޔާގެ ސަރުކާރު، ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) އަސްކަރީ މަރުކަޒުތަކެއް ހުންނަ ސަރަހައްދެކެވެ.

ޖީއެންއޭއިން އާއްމުކޮށްފައިވާ ފޮޓޯތަކުން، ޒަޚަމްވެފައިވާ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭ މަންޒަރު ފެނެއެވެ.

"ހިޖުރަކުރާ މީހުން ބައިތިއްބާ މަރުކަޒަށް ދިން ވައިގެން ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަރާފައި ވާއިރު، 80 މީހުން ވަނީ ޒަޚަމްވެފައި." ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މާލިކު މަރްސީޠު ވިދާޅުވިއެވެ.

ފުރަތަމަ އެހީ ދޭ މީހުންގެ ފަރާތުން ވާހަކަދެއްކި އުސާމާ ޢަލީ ބުނި ގޮތުގައި 610 މީހުން ބައިތިއްބާފައި ތިބި އެ މަރުކަޒުގެ އިމާރާތްތަކުގެ ތެރެއިން ހަމަލާ އެރި އިމާރާތުގައި ތިބީ 120 މީހުންނެވެ.

ލީބިޔާއަކީ ކަނޑު ހުރަސްކޮށް އިޓަލީއަށް ހިޖުރަކުރަން މަސައްކަތްކުރާ މީހުންގެ ކަނޑު ދަތުރު ފަށާ މަންޒިލެވެ. އެހެންނަމަވެސް، ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އެހީގައި ހަރަކާތްތެރިވާ ލީބިޔާގެ ކޯސްޓްގާޑުން އޭގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށް ލީބިޔާގައި ބަންދުކުރެއެވެ. މިފަދަ މީހުން ބައިތިއްބާ މަރުކަޒުތަކުގައި އެތައް ހާސް ބަޔަކު ތިބެއެވެ.

ޖީއެންއޭއިން ނެރުނު ބަޔާނެއްގައި ވާގޮތުން ތާޖޫރާގެ މަރުކަޒަށް ޙަމަލާދިނީ ޖީއެންއޭގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ފީލްޑް މާޝަލް (ރިޓާޔަޑް) ޚަލީފާ ޙަފްތަރުގެ ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ) ގެ އަސްކަރީ މަތިންދާބޯޓަކުންނެވެ.

ފާއިތުވި ހަފްތާގައި ޖީއެންއޭ ސިފައިން ވަނީ ޓްރިޕޮލީގެ ދެކުނުން އޮންނާ ޣަރްޔާނުން ޙަފްތަރުގެ ހަނގުރާމަވެރިން ބޭރުކޮށް އެރަށް އަލުން ހިފާފައެވެ. އެއަށް ފަހު ޙަފްތަރު ބުނެފައި ވަނީ، ޓްރިޕޮލީ ހިފަން ކުރާ މަސައްކަތުގައި ދެން ވައިގެ ހަމަލާތައް ބޭނުންކުރާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.