ރަޝިޔާގެ އަޑިންދާބޯޓެއްގައި ރޯވެ 14 ފަޅުވެރިން މަރުވެއްޖެ

ރަޝިޔާގެ ކަނޑުގެ ސިފައިންގެ އަޑިންދާބޯޓެއް (ސަބްމެރީނެއް) ގައި ރޯވެ އޭގައި ތިބި 14 މީހުން މަރުވެއްޖެއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އަލިފާން ރޯވޮ އުޅަނދަކި ކަނޑުއަޑީގެ ދިރާސާތައް ކުރުމަށް ޚާއްސަ އުޅަނކެވެ. އަދި ރޯވިއިރު އެ ބޯޓުން ދިޔައީ ކަނޑު އަޑީގެ ބިމުގެ ދިރާސާތައް ކުރަމުންނެވެ.

އަސްކަރީ މަސްދަރަކާ ހަވާލާދީ ރަޝިޔާގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އަލިފާން ރޯވި އަޑިންދާބޯޓަކީ ނިއުކުލިޔާ ހަކަތައިން ދުވާ، އޭއެސް-12 މަރުކާގެ، ބޯޓެކެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެ (ހޯމަ ދުވަހު) ރަޝިޔާ ކަނޑުގެ ސަރަހައްދުގައެވެ. އަލިފާން ރޯވި އަޑިންދާބޯޓު މިހާރު ވަނީ ރަޝިޔާގެ އުތުރު ފްލީޓުގެ މަރުކަޒު، ބެރެންޓްސީގައި އޮންނަ ބަނދަރު ސެވެރޮމޮރްސްކްއަށް ގެނެވިފައެވެ.

"އަލިފާން ރޯވީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ފަރާތުން ދުނިޔޭގެ ކަނޑުތަކުގެ ތިމާވެށީގެ ދިރާސާކުރަމުން ދިޔަ ފުން ކަނޑުގެ އަޑިން ދަތުރުކުރާ އަޑިންދާބޯޓެއްގައި. ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނަކާ ހަވާލާދީ ޓާސް ނިއުސް އެޖެންސީން ބުނެފައި ވެއެވެ. އެބަޔާނުގައި ބެނެފައިވާ ގޮތުގައި 14 ފަޅުވެރިން މަރުވީ ދުމުގެ އަސަރުކޮށްގެންނެވެ.

ޑިފެންސް މިނިސްޓްރީން، މަރުވީ 14 ފަޅުވެރިން ކަމަށް ބުނިނަމަވެސް، މިނިވަން ނޫހެއް ކަމަށްވާ ނޮވަޔާ ގަޒެޓާގައި އަސްކަރީ ފަރާތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި 25 ފަޅުވެރިން ވަނީ މަރުވެފައެވެ.

އަޑިންދާބޯޓުގައި ހިނގި ހާދިސާއާ ގުޅިގެން ރައީސު ވްލާޑިމީރް ޕުޓިން ވަނީ ޑިފެންސް މިނިސްޓަރު ފަރްގޭ ޝޮއިގޫއާ ބައްދަލުކުރައްވައި ހާދިސާގެ މައުލޫމާތު ހޯއްދައިވައި، ހާދިސާ ތަހުގީގުކުރުމަށް އަންގަވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.