ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ޖައްސަން ދިޔަ ކެންޔާ އެއާވޭޒް ފްލައިޓެއްގެ ފުރޮޅު ތިރިކުރާ ބައިގެ ތެރޭގައި ފިލާ އޮތް މީހެއްގެ ހަށިގަނޑު ލަންޑަނުގެ ބަގީޗާއެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި ލަންޑަނުގެ ދެކުނުގައި އޮންނަ ކްލެޕްހަމްގެ ބަގީޗާއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވާ މީހަކީ ކެންޔާގެ ނައިރޯބީން ލަންޑަނަށް ދަތުރުކުރި ކެންޔާ އެއާވޭޒް ފްލައިޓުން ވެއްޓުނު މީހެކެވެ. 9 ގަޑިއިރުގެ އެ ދަތުރުނު ނިމެން އުޅިނިކޮށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ހަވީރު 3:40 ހާއިރު (ރާއްޖޭ ގަޑިން ރޭގަނޑު 7:40) އެވެ.
އެ ބަގީޗާ ކައިރީގެ ގެއެއްގެ މީހަކު ބުނީ ވެއްޓުނު މީހާ އައިސް ޖެހުނީ ބަގީޗާ ތެރޭގައި 'އަވިން ފެންވަރަން' އޮތް މީހަކާ މީޓަރެއްހާ ދުރަށެވެ.
ނަން ހާމަކުރަން ބޭނުންނުވާ އެމީހާ ބުނީ ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑު އިވިގެން ކުޑަދޮރުން އޭނާ ބަލާލިއިރު، އެތާނގައި އޮތީ ލެއިން ތަތްތެޅިފައި އޮތް މީހެއްގެ ހަށިގަނޑެވެ. ބަގީޗާގެ ފާރަށްވެސް ލޭ ބުރައިގެން ގޮސްފައި ހުއްޓެވެ.
"އެހެންވެ އަހަރެން ބޭރަށް އައީ. އޭރު އަވަށްޓެރިއަކުވެސް އަތުވެއްޖެ. އޭނާވެސް ހުރީ ބިރުގަނެފައި." އޭނާ ކިޔައިދިނެވެ.
ކެންޔާ އެއާވޭޒް ފްލައިޓް ޖެއްސިފަހުން ފުލުހުން އެ މަތިންދާބޯޓު ފާސްކުރި އިރު ފުރޮޅު ތިރިކުރާ ބައިގެ ތެރެއިން ދަބަހަކާއި، ފެނާއި، ކާއެއްޗެހި ފެނިފައި ވެއެވެ. އެއާލައިނުން ބުނީ މަތިންދާބޯޓު ޗެކްކުރިއިރު ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމުގައެވެ.
އެ އެއާލައިން ބުނެފައި ވަނީ އެ ހިތާމަވެރި ހާދިސާގެ ތަހުގީގުގައި އިނގިރޭސި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގައެވެ.
ލަންޑަނުގެ ފުލުހުން ބުނީ އެ މީހާ މަރުވުމުގެ ފަހަތުގައި ޝައްކުކުރެވޭ ކަންތައްތަކެއް ނެތްނަމަވެސް، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެކަމުގައެވެ.
އެމީހާ ވެއްޓުނުކަމަށް ބެލެވެނީ ފްލައިޓް ހީތުރޯ އެއާޕޯޓުގައި ޖައްސަންވެގެން ފުރޮޅު ތިރިކުރުމުންނެވެ.
މަތިންދާބޯޓުގެ ފުރޮޅު ތިރިކުރާ ބައިގެ ތެރޭގައި އޮވެގެން ދަތުރުކުރުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި އެ ގޮތަށް ދަތުރުކުރާ މީހުންގެ ހަތުބައިކުޅަ ތިންބައި މީހުން، ފިނި ގަދަވުމާއި، އޮކްސިޖަން ނުލިބުމުގެ ސަބަބުން މަރުވެއެވެ.