ކުށްވެރިން ޗައިނާއާއި ހަވާލުކުރެވޭ ގޮތަށް ގާނޫނަށް ގެންނަން އުލޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި މިއަދު މުޒާހަރާއަށް ނިކުތް މީހުންގެ ތެރެއިން ބަޔަކު ހޮންކޮންގުގެ ގާނޫނުހަދާ މަޖިލިސް، ލެޖިސްލޭޓިވް ކައުންސިލް (ލެގްކޯ) ގެ އިމާރާތުގެ ތެރެއަށް ވަދެގެންފިއެވެ.
ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް ބުހުސުކުރުން މަޑުޖަސާލިކަން ޗީފް އެގްޒެކަޓިވް ކެރީ ލޭމް އިއުލާންކުރެއްވި ނަމަވެސް އެ ބިލް އަނބުރާ ގެންދަވާފައި ނުވެއެވެ. އެހެންކަމުން، މުޒާހަރާތައް ކުރާތާ ދެހަފުތައަށްވުރެ ގިނަދުވަސް ވީއިރުވެސް، މުޒާހަރާކުރާ ފަރާތްތަކުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.
ހޮންކޮންގު ޗައިނާގެ ދަށަށް ބަދަލުވުމަށް 22 އަހަރު ފުރޭ ދުވަހާ ދިމާކޮށް މިއަދު މުޒާހަރާއަށް ނުކުތް އެތައް ހާސް މީހުންގެ ތެރެއިން ބަޔަކު ވަނީ ލެގްކޯގެ ބިއްލޫރިތައް ތަޅާލައި އެތަނުގެ ޖަލްސާކުރާ މާލަމަށް ވަދެ އެތަނުގެ ފާރުތަކުގައި ސްޕްރޭ ދަވާދުން މެސެޖް ލިޔެ، މެންބަރުންގެ ފޮޓޯތައް ބިމަށް އެއްލާލައި، ލެގްކޯގެ ރައީސުގެ ގޮނޑިކޮޅުގައި އިނގިރޭސިންގެ ޒަމާނުގެ ދިދައެއް އަޅައި، ހޮންކޮންގުގެ މިހާރު ރަސްމީ ނިޝާނަށް ކަޅު ދަވާދު ސްޕްރޭކޮށްފައި ވެއެވެ.
މިރޭ މެންދަމު 12:00 (ރާއްޖޭގަޑިން މިރޭ 9:00) ގެ ކުރިން ލެގްކޯގެ އިމާރާތް ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދިނުމުން މުޒާހަރާކުރާ މީހުންގެ ގިނަ ބަޔަކު އެތަން ދޫކޮށް ދިޔަނަމަވެސް، މަދު ބަޔަކު ޖަލްސާކުރާ މާލަމުގެ ތެރޭގައި ތިއްބެވެ. އެންމެ ފަހުން ޚަބަރު ލިބުނު އިރު (ރާއްޖޭގަޑިން މިރޭ 10:00) ފުލުހުން ވަނީ ލެގްކޯގެ އިމާރާތުގެ ތެރެއަށް ވަދެފައެވެ. އަދި ފުލުހުންގެ އެތައް ސަތޭކަ ބަޔަކު ވަނީ އިމާރާތް ވަށާލާފައެވެ.
މުޒާހަރާތައް އިންތިޒާމުކުރާ ސިވިލް ހިއުމަން ރައިޓްސް ފްރަންޓުން ވަނީ މުޒާހަރާތައް ހުއްޓާލުމަށް ފަސް ޝަރުޠެއް ހުށަހަޅާފައެވެ. އެއީ ކުށްވެރިން ޗައިނާއާއި ހަވާލުކުރުމާ ބެހޭ ބިލް އަނބުރާ ގެނައުމާއި، ޖޫން 12 ގައި މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ފުލުހުން ރަބަރު ވަޒަން ބޭނުންކުރި މައްސަލަ ތަހުގީގުކުރުމާއި، އެ ދުވަހުގެ މުޒާހަރާއަކީ 'ބަޔަކު ހިންގި ހަމަނުޖެހުމެއްކަމަށް' ސިފަކުރުން ހުއްޓާލުމާއި، ހައްޔަރުކުރި މީހުން ދޫކޮށްލުމާއި، ޗީފް އެގްޒެކަޓިވް ކެރީ ލޭމް އިސްތިއުފާދެއްވުމެވެ.
150 އަހަރަށްވުރެ ގިނަ ދުވަހު އިނގިރޭސިންގެ ދަށުގައި އޮތުމަށް ފަހު ހޮންކޮންގު ޗައިނާގެ ދަށަށް ބަދަލުވީ 01 ޖުލައި 1997 ގައެވެ. ހޮންކޮންގަކީ ދާޚިލީ މިނިވަންކަމާއި، ވިޔަފާރީގެ މިނިވަންކަން ލިބިގެންވާ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ކަނޑައަޅައި އެ ސަރަހައްދަށް ދީފައިވާ ނަމަކީ ހޮންގ ކޮންގް ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެވެ.