މަރު – ހަނދާންކޮށްދިނުމެއް

މަރަކީ ކޮންމެ އިންސާނަކުވެސް ކުރިމަތިލާން ޖެހޭނޭ ކަމެކެވެ. އެހެންކަމާއެކުވެސް މަރު، މަރުވުމަކަށް ވަނީ ހަމައެކަނި މަރުވާ މީހާއަށެވެ. ދިރިތިބީންނަށް އެމަރު ވަނީ ހަނދާންކޮށްދިނުމަކަށެވެ. ކޮން ކަމެއްގެ ހަނދާންކޮށްދިނުމަކަށްތޯއެވެ؟ އެމީހުންގެ މަރަކީވެސް އެމީހުންނާ ބައްދަލު ކުރާނޭކަމެއްކަން ހަނދާންކޮށްދިނުމެކެވެ.
ފެންނަ ފެނުމުގައި މީހެއްގެ މަރުވުމަކީ އެމީހެއް އަޅުގަނޑުމެންގެ ތެރެއިން އަބަދުގެ އަބަދަށް ވަކިވެގެން ދިއުމެވެ. އަޅުގަނޑުމެންނާ ވާހަކަދައްކާ އުޅުނު މީހަކު ހިމޭންވެގެން ދިޔުމެވެ. ނަމަވެސް އޭނާގެ އެވަކިވުން، އޭނާގެ އެ ހިމޭންވުން އޭގެ ޒާތުގައި އަޅުގަނޑުމެންގެ ހޮތްތަކުގައި އެ އުފައްދައިދެނީ ވަރަށް މުހިއްމު ކަމެއްގެ ހަނދާނެކެވެ. އޭނާގެ އެ ވަކިވުން ބުނަމުން އެދަނީ، އޭނާގެ އެ ހިމޭންވުން އިޢުލާނު ކުރަމުން އެދަނީ "އަންނަން އޮތް ވަޤުތު އަހަރެންގެ މައްޗަށް އަތުވެއްޖެއެވެ. ދެން މި ވަޤުތު އަންނާނީ ކަލޭމެންގެ މައްޗަށެވެ. އަންނަން އޮތް ވަޤުތަށް ކަލޭމެން ތައްޔާރުވާށެވެ." މި ވާހަކަތަކެވެ. އޭނާ ކޮށްދެމުން އެދަނީ މި ހަނދާންތަކެވެ.
އަޅުގަނޑުމެންގެ ތެރޭގައި އާދަވެފައި އޮންނަނީ ކޮންމެ މީހަކަށްވެސް އަހަރު ފުރޭ ދުވަސް ފާހަގަ ކުރުމަށެވެ. ބާރތުޑޭގެ ގޮތުގައެވެ. އުފާ ފާޅުކުރުމާ އެކުގައެވެ. އެ މީހެއްގެ ޢުމުރުން އާ އަހަރެއް ފެށޭތީއެވެ. އެ އަހަރުގެ ތެރޭގައި އޭނާއަށް އިތުރު އުފާތަކާއި އަރުތަތައް ލިބުން އެދިގެންނެވެ. ނަމަވެސް މިދުވަސް ފާހަގަ ކުރާ އިރުވެސް އެއީ މަރު ހަނދާންކުރުމުގެ ދުވަހަކަށް ހެދުން މާބުއްދިވެރި ނޫންތޯއެވެ؟ އެއީ ހަމަގައިމުވެސް އަންނަން އޮތް ކަމެކެވެ. އެކަމާ ބައްދަލުވާން ނުޖެހޭ އެއްވެސް އިންސާނެއް ނުހުންނާނެއެވެ.
ޙަޤީޤަތުގައި ކޮންމެ ފިރިހެނަކާއި އަންހެނެއްގެ ޢުމުރަކީވެސް ހުއްޓުމެއް ނެތި އޭގެ ކައުންޓްޑައުން ކުރެވެމުންދާ އެއްޗެކެވެ. ޢުމުރުން ކޮންމެ އަހަރެއް ފުރޭ ދުވަހެއް އަންގައިދެމުން އެދަނީ އެމީހެއްގެ ދުންޔަވީ ޙަޔާތުން، އާދެ، ދިރިއުޅުމުގެ ދަތުރުން އެއް އަހަރު އުނިވެގެން ހިނގައްޖެކަމެވެ. މެދުކެނޑުމެއް ނެތި ކުރެވެމުންދާ ޢުމުރުގެ މި ކައުންޓްޑައުން ނިމޭނީ ދިރިއުޅުމުގެ ސުންގަޑިއާ އެމީހަކު ބައްދަލުވާ ހިސާބުންނެވެ. އެއީ އެމީހެއްގެ މައްޗަށް މަރު ހުށަހެޅޭ ވަގުތެވެ.
އަޅުގަނޑުމެން އުފަންދުވަސް ފާހަގަ ކުރަނީ ހެޕީ ބާރތުޑޭގެ ގޮތުގައެވެ. ނަމަވެސް ކަމުގެ ޙަޤީޤަތުގެ މައްޗަށް ބުރަވެތިބެ، އަދި، ބުއްދީގެ ހަމަތަކުން ވިސްނައިގެން ތިބެ، އެދުވަސް ފާހަގަކުރާ ނަމަ އަޅުގަނޑުމެންނަށް އެނގެންވީ ކޮންމެ އާ އަހަރަކީ ހިސޤބު ބެއްލެވޭނޭ ދުވަހާ ކައިރިއަށް އާދެވޭ ދުވަހެއް ކަމެވެ. އެދުވަހަށް، އާދެ، އާޚިރަތްދުވަހަށް ތައްޔާރުވުމަށްޓަކައި ލިބުނު އެއް އަހަރު މަދުވެގެން ހިނގައްޖެކަމެވެ. އެއީ ދެން އަނބުރާ ގެނެވޭނެ ދުވަސްތަކެއް ނޫންކަމެވެ. އަދި ކުރިއަށް އޮތީ ކިތައް ދުވަސްކަންވެސް އެނގެން ނެތްކަމެވެ.
މަރު ބަޔާން ކުރެވޭނެ އެއް ގޮތަކީ އިންސާނާ މިދުނިޔެ ދޫކޮށް ދިއުންކަމުގައެވެ. މަރު ބަޔާންކުރެވޭނެ އަނެއް ގޮތަކީ އިންސާނާ އޭނާ އެދޭ ކަންތައްތައް ފުރިހަމަ ނުވެގެން އުޅެނިކޮށް ދާން ޖެހުން ކަމުގައެވެ. ޙަޤީޤަތުގައި އިންސާނާ އެދޭ ކަންތައްތައް ފުރިހަމަވުން އޮތީ މިދުނިޔޭގައެއް ނޫނެވެ. އެކަންތައްތައް ފުރިހަމަވުމުގެ ދުނިޔެއަކީ ހަމައެކަނި އަންނަން އޮތް ދުނިޔެއެވެ. ބުއްދިވެރިޔަކީ މި ޙަޤީޤަތް ދަންނަ މީހެކެވެ. މިހާރު މިއުޅޭ ދުނިޔެއަކީ އަންނަން އޮތް އަދި ނިމުމެއް ނެތް ދުނިޔެއަށް ދިޔުމަށް އެކަށީގެންވާ މީހަކަށް ވުމަށްޓަކައި ތައްޔާރުވާން އޮތް ދުނިޔެކަން ދަންނަ މީހެކެވެ.
މިދުނިޔޭގައި މިހޭދަކުރާ ދިރުއުޅުމަކީ ޢަމަލުކުރުމަށް ލިބޭ ވަޤުތެވެ. މަރުވުމަކީ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ދަރުބާރަށް ހާޒިރުވާން ޖެހުމުގެ ވަޤުތެވެ. ކޮންމެ އިންސާނަކަށްވެސް މިއީ ވަރަށް ބޮޑު ކަމެކެވެ. ބުއްދިވެރިންނަކީ މިކަމާމެދު ވިސްނައިގެން އަބަދުވެސް އެންމެ ކަންބޮޑުވާ ކަމަކީ އެއީކަމުގައި ހަދައިގެން އުޅޭ މީހުންނެވެ.

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.