ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރު ކަމުން ޙަސަން ނަބާހު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ކޮމިޝަނުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވި ސިޓީ މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިކަން ނަބާހު ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ. ކޮމިޝަނުގެ މެމްބަރުކަމުން ނަބާހު އިސްތިއުފާ ދެއްވިއިރު ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ދާދިފަހުން ވަނީ ހާޒިރުވެސް ކޮށްފައެވެ.
ނަބާހު އިސްތިއުފާ ދެއްވިއިރު ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ސޮފްވާންވެސް ވަނީ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެހެންވެ 7 މެމްބަރުން ހިމެނޭ ކޮމިޝަނުގައި މިވަގުތު ތިއްބެވީ 5 މެމްބަރުންނެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙަންމަދު ޝަހީބާއި، ނައިބު ރައީސް ފާތިމަތު ޒައިނާ އާއި އައިމިނަތު ސަރާހަތާއި ޒީނާ ޒާހިރުގެ އިތުރުން މިދިޔަ އަހަރު ކޮމިޝަނަށް އައްޔަން ކުރެއްވި އަޖްމަދު ވަހީދެވެ.
ނަބާއި ސޮފްވާންގެ އިސްތިއުފާ އައިއިރު އެ ކޮމިޝަނުގެ ހުރިހާ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށްވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މަޝްވަރާ ކޮށްފައިވެއެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބްރޯޑްކޮމްގެ އެއްވެސް މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް އަހަން އަދި ނުފޮނުވައެވެ. އެ ކޮމިޓީން ނިންމާފައި ވަނީ ކޮމިޝަނުގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދެއްވުމަށް ފަހު މެމްބަރުންނާމެދު ވަކިގޮތެއް ނިންމުމަށެވެ.
ކޮމިޝަނުގެ މެމްބަރުން ދާދިފަހުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރިދުވަހު ކޮމިޝަނުގެ ރައީސް ޝަހީބު އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންނެވީ މިދިޔަ 5 އަހަރު އެ ކޮމިޝަނުގެ ނިންމި ބަޔެއް ބޮޑެތި ނިންމުންތަކުގައި ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެވެ.