މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އިލްތިމާސް ކުރައްވައިފި

ތިމާ ފަތުރާ މަޢުލޫމާތަކީ އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ މަޢުލޫމާތެއްކަން ކަށަވަރު ކޮށްފައި ނޫނީ އެ މަޢުލޫމާތެއް ނުފެތުރުމަށް ދިވެހިރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މި ކަމަށް އިލްތިމާސް ކުރެއްވީ އިއްޔެ ފާހަގަ ކުރި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ރަސްމީ ޚިތާބުގައެވެ.
އެ ޚިތާބުގައި ކޮމިޝަނަރު ވަނީ ސައްހަ މަޢުލޫމާތު ދިނުމަށާއި ހިފަހައްޓައިގެން ނުތިބުމުގެ މައްޗަށް އަލި އަޅުއްވައިފައެވެ. މަޢުލޫމާތު ހިފެހެއްޓުމަކީ ފައިދާއެއް ކުރާނޭ ކަމެއް ނޫން ކަމަށާއި މަޢުލޫމާތު ހާމަ ކުރުމުގެ ސަބަބުން މުޅި ގައުމަށް ފައިދާ ކުރާނޭ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
"ދައުލަތުގެ އިދާރާތަކުން ވެސް އެ އިދާރާތަކުގެ އަމިއްލަ އިސް ނެންގެވުމުގެ މަތީން މަޢުލޫމާތު ހާމަ ކުރުމަކީ އެ އިދާރާއެއްގެ ޒިންމާއެއް ކަމުގައި ގަބޫލު ކުރައްވަން އެބަޖެހޭ. އެކަމުގެ ސަބަބުން އެ އޮފީހެއް ބޮޑަށް އިޝްތިހާރުވެ، މަޝްހޫރުވާނެ ކަން އެނގެން އެބަޖެހޭ." ކޮމިޝަނަރު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދޅުވި ގޮތުގައި މަޢުލޫމާތު ހާމަ ކުރުމުން ލިބޭނޭ އެންމެ ބޮޑު ފައިދާއަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިންގުމަށް މަގު ފަހި ވުމާއި ކޮރަޕްޝަނަށް ހުންނަ މަގުތައް ބަންދު ވުމާއި ނަޒާހަތްތެރިކަން އިތުރު ވުމާއި މަޢުލޫމާތު ހާމަ ކުރާ އިދާރާއަކަށް ރައްޔިތުންގެ އިތުބާރު ލިބުމެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބާއްވާ ޚާއްޞަ ޖަލްސާއެއް މިރޭ އޮންނާނެއެވެ. މަޢުލޫމާތު ހާމަ ކުރުމުގެ ރަން ވަނަ ހޯދި އިދާރާއެއްގެ ނަން އެ ޖަލްސާގައި އިޢުލާނު ކުރެވޭނޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅު ވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.