ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ 'ހޫނުގަދަވުމުގެ އޮއިވަރު' (ހީޓްވޭވް) ގައި އެ ބައްރުގެ ބައެއް ރަށްރަށުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.
ފްރާންސުން ބުނެފައި ވަނީ އެގައުމުގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށް އަރައިފިއެވެ. އެ ގޮތުން އެ ގައުމުގެ ދެކުނުގެ އަވަށް ކަމުގައިވާ ގަލަޣްގު-ލެ-މޮންޓޫ ގައި އިއްޔެ ހަވީރު 4:20 ގައި ފިނިހޫނުމިން 45.9 ޑިގްރީއަށް އަރާފައިވާ ކަމަށް ރެކޯޑުކުރެވިފައި ވެއެވެ. ފްރާންސުގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި މިއީ އޮގަސްޓު މަހުގައި (އެމެރިކާގެ ހޫނު މޫސުމުގެ އެންމެ ހޫނުގަދަވާ ދުވަސްވަރު) ގައި ކެލިފޯނިޔާ ޑެތު ވެލީގައި ހޫނުމިން ހުންނަ ވަރެވެ.
'ހޫނުގަދަވުމުގެ އޮއިވަރު' ގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ދެކުނު ޔޫރަޕްގެ ގައުމުތައް ކަމުގައިވާ އިޓަލީއާއި، ސްޕޭންގެ އިތުރަށް ފްރާންސަށެވެ.
ހޫނުގަދަވުމުގެ ސަބަބުން ސްޕޭނުގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އަންދަލުސިޔާ ސަރަހައްދެއްގެ ގޮވާން ދަނޑެއްގައި ގޮދަން ކަނޑަން ހުރި ޒުވާނަކު އަނބުރައިގަތުމުން ފެންގަނޑަކަށް ފުންމާލުމަށް ފަހު އެރުމުން އޭނާގެ ދެރަވެގެން ހޮސްޕިޓަށް ގެންދިޔަފަހުން އޭނާ މަރުވެފައެވެ. އަދި އެގައުގެ އުތުރުގެ ރަށެއް ކަމުގައިވާ ވޮލަޑޮލައިޑުގެ މަގުމަތީގައި 93 އަހަރުގެ މީހަކު ހޭނެތިގެން ވެއްޓުމަށް ފަހު ވަނީ މަރުވެފައެވެ.
މީގެ އިތުރަށް ފްރާންސާއި، އިޓަލީއާއި، ޖަރުމަނުންވެސް ގަދަހޫނާ ގުޅުން ހުރި މަރުތަކުގެ ޚަބަރު ލިބެމުންދާ ކަމަށް ވެއެވެ. އިޓަލީގައި އުމުރުން 72 އަހަރުގެ މީހަކު މަރުވެފައިވާއިރު، ޖަރުމަނުގައި 4 މީހަކު މަރުވެފައިވާ ކަމުގެ ޚަބަރު ވަނީ ލިބިފައެވެ.
2003 ވަނަ އަހަރު ޔޫރަޕަށް ކުރިމަތިވި 'ހޫނުގަދަވުމުގެ އޮއިވަރު' ގެ އަސަރު ގައި ފްރާންސް ކުރި އަސަރު މަތިން އެގައުމުގެ މީހުން އަދި ހަނދާން ނުނެތެއެވެ. އެ ފަހަރު އެ ގައުމުގެ ގިނަ ސަރަހައްދުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރައި، 14 ހާސް 8 ސަތޭކަ މީހުން މަރުވެފައި ވެއެވެ.
"ރައްޔިތުން ޒިންމާދާރުކަމާއެކު ވިސްނައިގެން ހަރަކާތްތެރިވުމަށް އިލްތިމާސްކުރަން އަހަރެން ބޭނުން." ފްރާންސުގެ ބޮޑުވަޒީރު އެޑުއާޑް ޕިލިޕޭ ވިދާޅުވިއެވެ.
ސައިންސުވެރިން ބުނާ ގޮތުގައި އިއާދަނުކުރެވޭ ހަތަކަ ބޭނުންކުރުން އިތުރުވަމުން ދާނަމަ، މިފަދަ 'ހޫނުގަދަވުމުގެ ރާޅުތައް' އަދިވެސް ތަކުރާރުވަމުން ދާނެއެވެ.