ކީރިތި ޤުރްއާނުގެ ޢިލްމީ މުޢުޖިޒާތުގެ ހިޔާވަހިކަމުގެ ދަށުގައި: ކައުނާބެހޭ ބަހުރުވަ ޤުރްއާނާ އެއްގޮތްވަމުން އައުން (2)

(21 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢިލްމީ ޙަޤީޤަތްތައް ތަރައްޤީވާން ފެށުންމީލާދީން 7ވަނަ ސައްތައިގައި ކީރިތި ޤުރްއާން ބާވައިލެއްވުނުއިރު މީސްތަކުން ހީކުރަމުންދިޔަ ގޮތުގައި މިކައުނުގެ މަރްކަޒަކީ ބިމެވެ. ތަރިތަކާ ގުރަހަތައް ދައުރު ކުރަނީ މި ބިމުގެ ވަށައިގެންނެވެ. މި ކައުނު އުފެދުނުގޮތާއި މި ކައުނަށް ބަދަލުތައް އަންނަމުންދާ ގޮތާއި މި ކައުނުގެ ބިނާގައި ހިމެނޭ މައްދާތަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މި ކައުނުގައި ހުރި ގުރަހާނާތަކުގެ ޢަދަދު އެހާ ގިނަވެދާނެ ކަމަށް ލަފައެއް ވެސް ނުކުރެވެއެވެ. ޢިލްމީ ހޭލުންތެރިކަމުގެ ޒަމާނާ ހަމައަށް އިންސާނުންނަށް އާދެވި ބޮޑެތި ބިޔަ ޓެލެސްކޯޕުތަކުން އުޑަށް ބަލައިލުމުން ސައެންޓީސްޓުންނަށް ސިހުންތަކެއް ލިބުނެވެ. ދުރު ހިސާބުތަކުގައި ހުރި ގުރަހާނާތައް އަލީގެ ތަޙްލީލުތަކުގެ ޒަރީޢާއިން ދިރާސަކުރުމުގެ މަގު ތަނަވަސްވުމުން ކައުނާބެހޭ ހޯދުންތައް އިތުރުވެ ފުޅައިވެގެން ދިޔައެވެ.

ތިންވަނަ ސާސްކަފުގެ ތެރޭގައި ހަވާއާ ބެހޭ ޢިލްމު ވަނީ އައު ޢަޞްރަކަށް ނޭވާލާން ފަށައިފައެވެ. މި ތަޙްލީލުތަކުގެ އަލީގައި އެނގުނު މަޢުލޫމާތުތައް ބުނާގޮތުގައި ކައުނުގައިވާ ކޮންމެ އެއްޗަކީ ވަރުގަދަ ބިނާއެކެވެ.

އުޑުގެ ބިނާ
މިއަދު ހުޅަނގުގެ ސައެންޓިސްޓުން ގުރަހާނާ ( ގެލެކްސީ) ގެ ބަދަލުގައި އިސްކަންދެނީ ގުރަހަނާގެ ބިނާއަށެވެ. އެމީހުން ކަށަވަރުކޮށްދޭ ގޮތުގައި ކައުނު ޒީންތްތެރިވެގެން ވަނީ މި ބިނާތަކުންނެވެ. މި ބިނާތައް ހާރެއްގެ ރޮދި ފަށަކަށް އެމުނިފައިވާ ފުއްތަކެއް ފަދައެވެ.


އުޑަށް ބަލައިލުމުން ފެންނަނީ އެއީ ތަރިތަކާއި ގުރަހާނަތަކާއި ހިރަފުހާއި ގޭހާއި ކައުނީ ދުމުން ފުރި ބާރުވެފައި ތަނެއް ކަމަށެވެ. ސައެންޓިސްޓުން ބުނާގޮތުގައި ކައުނީ ދުންބޮނޑިތައް ބަދަލު ވަނީ ތަރިތަކަށެވެ.ސައެންޓިސްޓުން މިއަދު ދިރާސާ ކުރަމުންދަނީ މި ތަރިތަކާއި ގުރަހާނާތައް އުފެދެމުންދާ ފުރިހަމަ ގޮތް އެނގޭތޯއެވެ. އޭގެ މާނައަކީ އެމީހުން ދިރާސަކުރަމުން އެ ދަނީ އުޑުގެ ބިނާއާ ބެހޭގޮތުންނެވެ. މިއީ ﷲގެ ބަސްފުޅު (أَفَلَمْ يَنظُرُوا إِلَى السَّمَاء فَوْقَهُمْ كَيْفَ بَنَيْنَاهَا - ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ބިނާ ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟)؟


ޕޯލް މެލަރ އާއި އޭނާއާއެކު މުދާރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ކައުނީ ފޭރާމުގެ ރޮދިތަކަކީ ބިދާއީ ގުރަހާނާތަކެވެ. ނުވަތަ ގުރަހާނީ ބިނާގެ ފުރަ ގައުބުރިތަކެވެ. އެއިން އަލި ދުރަށް ފޮނުވަން ފެށުމުން އޭގައި ހުންނަ ނުފެންނަ ރޮދިތައް ފާހަގަ ކުރެވެން ފަށައެވެ.ހާރެއްގެ ރޮދިފަށަކަށް އެމުނިފައިވާ ފުއްތަކެއް ފަދައިންނެވެ. ކައުނީ ބިނާގެ ވާހަކަ މިއަދު ދައްކަވަނީ އެންމެ ބޭފުޅެއް ދެ ބޭފުޅެއް ނޫނެވެ. އެހެނެއްކަމަކު މިއަދު އެއީ ޢާއްމު ވާހަކައެކެވެ. ކައުނާ ބެހޭގޮތުން ޢާލިމުން ލިޔުއްވާ މަޒްމޫންތަކާއި ނެރުއްވާ ލުއިފޮތްތަކުގައި ކައުނީ ބިނާގެ ވާހަކަ ވަނީ ދައްކަވައިފައެވެ. އަދި ދަނީ ދައްކަވަމުންނެވެ.

ކީރިތި ޤުރްއާނަށް ބަލައިއިރު އުޑު ސިފަ ކުރައްވާފައި ވަނީ ބިނާ މި ލަފްޡުންނެވެ. މާތް ﷲ ވަޙީ ކުރައްވަނީ (( اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَاراً وَالسَّمَاء بِنَاء وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ذَلِكُمُ اللَّهُ رَبُّكُمْ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ - اللَّه އީ، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި ރަސްކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން صورة ކުރައްވައި، ތިޔަބައިމީހުންގެ صورة ރީތިކުރައްވައި، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވި ރަސްކަލާނގެއެވެ. އެއީ، اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، عالم ތަކުގެވެރި اللَّه މަތިވެރިވެވޮޑިގެންފިއެވެ.)) އެހެން ބަސްފުޅެއްގައި އޮތީ ((الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً - އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލެއްވި ރަސްކަލާނގެއެވެ.))

ﷲ ތަޢާލާގެ ހުސްތާހިރުވަންތަކަމާއެވެ! ހަތްވަނަ ސައްތައިގައި ބާވައިލެއްވި ކީރިތި ޤުރްއާނުގައި އައިސްފައިވާ ކަލިމަ 21ވަނަ ސައްތައިގެ ޢިލްމުވެރިންނަށް ބޭނުންކުރައްވަން ޖެހިވަޑައިގެން ވަޑައިގަތުމަކީ އިއްތިފާޤެއް ހެއްޔެވެ؟ އެއީ މުޢުޖިޒާތެއް ނޫންހެއްޔެވެ؟

ހާރަކަށް އަމުނާފައިވާ ކުލަކުލައިގެ މުތީތަކެއް
ކައުނާ ބެހޭގޮތުން ޢާލިމުން ވާހަކަފުޅު ދައްކަވާއިރު އުޑު ސިފަކޮށްދެއްވަނީ މުޅިން އައު ސިފައެއްގައެވެ. ގުރަހާނާތަކާއި އޭގެ ބިސީތަކުން ފެންނަނީ ތަފާތު ކުލަކުލައިގެ ރީތި މަންޒަރެކެވެ. ހާރެއްގައި އަމުނާލެވިފައި ހުރި އެކި ކުލަކުލައިގެ މިނާފުއްތަކެއް ފަދަ ޖިސްމުތަކެކެވެ. ސައެންޓިސްޓުންނަށް އުޑު ފެންނަނީ ޒީނަތްތެރި ބިނާއެއްގެ ގޮތުގައެވެ. އުޑު ބިނާކުރެވުނު ގޮތާ ބެހޭގޮތުން ސުވާލުތައް ކުރައްވަމުން ވަޑައިގެން ދެއްވުނު ޖަވާބަކީ އުޑު ބިނާވެގެން ވަނީ ތަރިތަކާއި ގުރަހާނާތަކަކުންނެވެ. މި އެއްޗެހި އުފެދިފައިވަނީ އަދިރި މާއްދާއަކާއި ފެންނަ މާއްދާއަކުންނެވެ. 3 ވަނަ ފޮޓޯ ބައްލަވާ! ސައެންޓިސްޓުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އުޑަކީ ވަރަށް ހަރުދަނާ ބަދަހި ބިނާއެކެވެ. އެއީ ހުސްތަންކޮޅެއް ނެތް ތަނެކެވެ. އެއީ ބައުކޮޅެއް ނެތް ތަނެކެވެ. އެ ތާނގައި ފަޅައިގެންގޮސްފައިވާ ނުވަތަ އިރައިގެން ގޮސްފައިވާ ތަންކޮޅެއް ވެސް ނެތެވެ. މި ހުރިހާ ވާހަކަތަކެއް ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއްގައި އައިސްފައިވާ ތަން ފެނުމުން އެބޭފުޅުންނަށް ސިހުން ލިބިވަޑައިގަތެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. ((أَفَلَمْ يَنظُرُوا إِلَى السَّمَاء فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ - ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ. )) ކުރީ ޒަމާނުގެ ޢިލްމުވެރިންނަށް ހީފުޅުކުރެއްވިފައިވާ ގޮތުގައި ގުރަހާނާތަކުގެ މެދުގައި ހުސްތަން އޮވެއެވެ. ނަމަވެސް އެއީ ތެދެއް ނޫންކަން މިއަދު ވަނީ ހާމަވެފައެވެ.އެ ތަންތަން ވަނީ އަދިރި މާއްދާއިން ފުރި ބާރުވެފައެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.