އެމް.ޑަބްލިއު.އެސް.ސީ އިން ޝޯ ރޫމެއް ހުޅުވައިފި

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން  ޝޯ ރޫމެއްހުޅުވައިފި އެވެ.

މިރޭ މާލޭގައި ހުޅުވި މި ޝޯ ރޫމު ހުންނަނީ ކުރިން އެމްޑަބްލިއުއެސްސީގެ ޢިމާރާތުގައި ފެންބިލް ދައްކަން ޚާއްސަކޮށްފައި އޮތް ސަރަޙައްދުގައެވެ. މިތަނުން ފެނާ ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ލިބެންހުރެއެވެ. އަދި އާރްއޯ ސްޕެއާޒް، ޕީވީސީ އަދި ޕައިޕް އާއި ފިޓިންގްސް ފަދަ ސާމާނު ދައްކާލަން ބަހައްޓާފައި ހުރުމުގެ އިތުރުން   މި ޝޯ ރޫމުން ފެނުގެ ތަހުލީލުތައް ހެދުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.

މިރޭ މި ޝޯ ރޫމު ހުޅުވައިދެއްވީ، އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި ޝޯ ރޫމުން ލިބެން ހުންނާނީ  އެމްޑަބްލިއުއެސްސީ އާ އެފިލިއޭޓްވާ ބްރޭންޑްތަކުގެ ކުންފުނިތަކުގެ ޕްރޮޑަކްޓްތައްކަމަށާ، ފެނާ ނަރުދަމާ ނިޒާމަށް ބޭނުންވާ ސާމާނު އަލިފުން ޔާ އަށް މިތަނުން ލިބޭނެކަމަށެވެ. އަދި މި ޝޯ ރޫމްގެ ސްޓޯރޭޖް ގާއިމްކޮށްފައި ވާނީ ގުޅީފަޅުގައިކަމަށާ، ބޭނުންވާ ސާމާނު ބޭނުންކުުރުމުގައި ރައްޔިތުންނަށް އެއްވެސް ކަހަލަ ދަތިކަމެއް ނާންނާނެ ކަަމަށެވެ. މީގެ އިތުރުން މި ޝޯ ރޫމް އިތުރަށް ފުޅާކުުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާ،  ޝޯ ރޫމް އިތުރަށް ފުޅާކުރުމަށްފަހު "ތާޒާ" ސޭލްސް އަށް މި ޝޯ ރޫމް ބަދަލުކުރާނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.