ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ދަތުރުފަތުރުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވުމަށްޓަކައި، ދަތުރުފަތުރުކުރުމުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ބޭނުންވާ، ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްޤީ ކޮށްދެއްވުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އަދި، މިފަދަ ވަސީލަތްތައް ޤާއިމުކުރެވުމުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މިހާރަށްވުރެ އިތުރުވެ، އެކަމުގެ ފައިދާ ފެނިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުކަމަށް ކަނޑައަޅާފައިވާ، [ފަތުރުވެރިކަން - އެންމެނަށް ވާޞިލުވެވޭ ގޮތަށް ކުރިއެރުވުން] މި މުހިންމު ޝިޢާރަކީ، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތާ ވަރަށް ގުޅުން ހުރި ޝިޢާރެއް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ޝިޢާރުން އެކަނި ވެސް ސަރުކާރުން ގެންގުޅުއްވާ ފަތުރުވެރިކަމުގެ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއް ކަމުގައި ގަބޫލުކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްތަކުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަހަރު 4 ރިޒޯޓެއް ހުޅުވާފައިވާއިރު އިތުރު 9 ރިޒޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާއިރު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު ފަށާ، މި މަޝްރޫޢު ނިމިގެންދާއިރު އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް މި ވައިގެ ބަނދަރުން ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއަކީ ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، މި ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ޤައުމެއްކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވަނީ ފުރުޞަތުތަކެއް ހުޅުވައިލެވިފައެވެ. މިގޮތުން މެދު ފަންތީގެ ފަތުރުވެރިކަން "އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ދިވެހިރާއްޖެއަށް ތަޢާރުފުކޮށް ހިންގުމަށްޓަކައި، "މޯލްޑިވްސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ތަފާތު ގިނަ މަޝްރޫޢުތަކެއް މުސްތަޤްބަލުގައި ތަޢާރުފުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހައި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތް ކުރައްވާ އަދި ޤައުމު ކުރިއެރުވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެން ކަމުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.