މަނަދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ނ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 07:15 ހާއިރުއެވެ.

އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓު އަމުރެއްގެ ދަށުން އެދެމީހުން ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށްފައިވާއިރު އެތަކުން 23 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި ދެ މީހުންގެ ހަށިގަނޑު ބަލައިފާސްކުރަން އުޅުމުން 19 އަހަރުގެ މީހާވަނީ އޭނާގެ އަތުގައި ހުރި ޕެކެޓްތަކެއް ބިންމައްޗަށް ވާއްޓާލައި ފައިދަށަށްލާފައެވެ. އޭނާގެ ފައިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.