ނޭޝަނަލް ތެލެސީމިއާ ސެންޓަރަށް ކުރިމަތިވެފައިވާ ދަތިތައް އެ ސެންޓަރުން ސަރުކާރާ ޙިއްސާ ކޮށްފިއެވެ.
ތެލެސީމިއާ ސެންޓަރުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ޙިއްސާ ކޮށްފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެ ސެންޓަރަށް ޒިޔާރަތް ކުރެއްވުމުންނެވެ. ނައިބު ރައީސް ފައިސަލް ވަނީ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ މެނޭޖްމެންޓުގެ އިސްހުރިހާ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.
ތެލެސީމިއާ ސެންޓަރުން ނައިބު ރައީސްއާ ޙިއްސާ ކުރިކަންކަމުގެ ތެރޭގައި އިމާރާތުގެ ދަތިކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި ޚިދުމަތް ދިނުމުގައި ހުރި ވަސީލަތްތަކުގެ ދަތިކަމާއި މަސައްކަތުގެ މާހައުލުގައި ކުރިޔަށް ދިޔުމުގައި ސެންޓަރަށް ކުރިމަތި ވެފައިވާ ވަރަށްގިނަ ގޮންޖެހުންތަކުގެ ވާހަކަވެސް ނައިބު ރައީސަށް ސެންޓަރުގެ އިސްވެރިން ވަނީ ދަންނަވާފައެވެ.
ތެލެސީމިއާ ސެންޓަރުގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު ނައިބު ރައީސް ފައިސަލް ވިދާޅުވީ ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދެމުން އަންނަ ދާއިރާތަކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހުވެސް އެންމެ ބޮޑަށް އިސްކަން ދެއްވާ އެއް ދާއިރާއެވެ. އެހެންވެ އެ ސެންޓަރުން ފާހަގަ ކުރި ކަންކަމަށް އިސްކަންދެއްވައި އެކަންކަމަށް ހައްލު ހޯދައިދެއްވަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ވަނީ ތެލެސީމިއާ ސެންޓަރުގެ މެނޭޖްމެންޓަށް އަރުވާފައެވެ.