އުރުދުންގެ ލިޔުންތެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

އުރުދުންގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ ނާހިދް ހައްތާރުގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ. އުރުދުންގެ ރަސްމީ ނޫސް އޭޖެންސީން ޚަބަރު ކޮށްފައިވާ ގޮތުގައި އޭނާ މަރާލީ މިއަދު ޝަރުޢީ ކޯޓަކުން ނުކުތް ތަނާއެވެ. އޭނާ ކޯޓަށް ހާޒިރު ކުރީ އިސްލާމް ދީނަށް ނިސްބަތްކޮށް ކުރަހާފައި އޮތް ކާޓޫނެއް ފޭސްބުކް ގައި ހިއްސާ ކުރުމުގެ ސަބަބުން އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއެއްގެ ޝަރީޢަތަށެވެ.
ހައްތާރުގެ ގަޔަށް ތިން އުންޑަ އަރާފައިވާ ކަމަށް ވެއެވެ. ބަޑި ޖެހި މީހާ ހަމަ އެ ވަގުތު ވަނީ ހައްޔަރު ކޮށްފައެވެ. މަންޒަރު ދުށް މީހަކު އޭއެފްޕީއަށް ކިޔައިދީފައިވާ ގޮތުގައި އެތަނަށް އައި ގަނޭރު، ނާހިދް ގެ ގަޔަށް ބަޑި ޖެހީ ޢައްމާންގެ އަބްދަލީ ޑިސްޓްރިކްޓްގެ ކޯޓުގެ ދިމާ ކުރިމަތީގައެވެ.
ހައްތާރުގެ ޢުމުރަކީ 56 އަހަރެވެ. އޭނާއަކީ ކްރިސްޓިއަނެކެވެ. ފޭސްބުކްގައި އޭނާ ހިއްސާ ކުރި ކާޓޫނަކީ ޖިހާދު ކުރާން ދާ މީހުންނަށް މަލާމާތްކޮށް ކުރަހާފައިވާ ކާޓޫނެކެވެ. އެހެން ދީނެއްގެ މީހުންނަށް އިހާނެތިކޮށް ހިތައި ދީނީ ބައިބައިވުން އުފައްދާން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އުރުދުންގެ ސަރުކާރުން އޭނާ ހައްޔަރު ކުރީ އޯގަސްޓް މަގުގެ ތޭރަ ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކަފާލާތުގެ ދަށުން ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އޭނާ ވަނީ ދޫކޮށްލާފައެވެ.
ފޭސްބުކްގައި އޭނާ ހިއްސާކުރި ކާޓޫނުގައި ވަނީ "ކަލާނގެ" ކުރަހާފައި އެ ކުރެހުމުގެ ތިރީގައި "ދާއިޝްގެ ކަލާނގެ" މިހެން ލިޔެފައެވެ. ދާއިޝް އަކީ މިހާރު މެދުއިރުމަތީގައި އިސްލާމީ ޚިލާފަތުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ޖަމާޢަތުގެ ނަން ކުރުކޮށް ކިޔާ އެއް ގޮތެވެ.
ހައްތާރު ވަނީ ފަހުން އެ ކާޓޫނު ނަގާފައެވެ. އެކަމަކު އެއީ އޭނާ ކަލާނގެއަށް މަލާމާތް ކުރަން ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި އެއީ ނިރުބަވެރިން ދައްކާ "ނުބައި" ކަލާނގެއެއްގެ ތަސައްވުރު ދައްކައިދިނުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ހައްތާރުގެ ތަހުގީގާއި ޝަރީޢަތް ފެށުމާއެކު އުރުދުންގެ ބަންޑާރަ ނާއިބު ވަނީ އެކަމާ ގުޅޭ އެއްވެސް ޚަބަރެއް، ވާހަކައެއް ޚަބަރު ފަތުރާ ވަސީލަތަކުން ފެތުރުން މަނާ ކުރައްވައިފައެވެ.
އުރުދުންއަކީ އައިސިސް އާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުރާ ހަނގުރާމައިގެ ބައިވެރިއެކެވެ. (ޚަބަރު: އޭއެފްޕީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.