ރައީސު ޓްރަމްޕްގެ 'ގަރުނުގެ އެއްބަސްވުމު'ގެ އިގްތިސާދީ ބައި ހާމަކުރުމަށް ބަހްރޭނުގައި ބޭއްވި މަސައްކަތު ބައްދަލުވުމާ ދިމާކޮށް، އދ.ގެ މަންދޫބު ފަލަސްޠީނުގެ މައްސަލައާ މެދު ވާހަކަފުޅުދައްކަވައިފިއެވެ.
އދ. ޙަޟާރަތްތަކުގެ ގުޅުމާ ބެހޭ ޚާއްޞަ މަންދޫބު، ޔޫއެން ހައި ރެޕްރެޒެންޓެޓިވް ފޯ ދި އެލާޔަންސް އޮފް ސިވިލައިޒޭޝަންސް މިގެލް އަންޚެލް މޮރާޓިނޯސް ވިދާޅުވީ ފަލަސްޠީނާ އިސްރާއީލާ ދެމެދު އޮތް އެތައް ޒަމާނެއް ވީ މައްސަލަތައް ފުރަތަމަ ހައްލުކުން މުހިއްމު ކަމުގައެވެ.
"އިގްތިސާދީ ބައްދަލުވުމަކުން ފަލަސްޠީނުގެ މައްސަލަ ހައްލުވެދާނެކަމަށް ހީވޭތަ. އެއީ ވާނެ ކަމެއް ނޫން." މޮރޮކޯ (މަޣްރިބު) ގައި އޮތް އަސީލާ އިންޓަނޭޝަނަލް ޗަލްޗަރަލް ފެސްޓިވަލުގައި ވާހަކަފުޅު ދައްކަވަމުން މޮރާޓިނޯސް ވިދާޅުވިއެވެ.
"އަހަރުމެން ފުރަތަމަ ހައްލުކުރަން ޖެހޭނީ އަސާސީ ސިޔާސީ މައްސަލަތައް. ރައްކާތެރިކަމާއި، ސުލްހަ ފައިސާއިން ނުހޯދޭނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
މޮރާޓިނޯސްގެ މި ވާހަކަފުޅަކީ ފަލަސްޠީނުންވެސް ބުނަމުން އަންނަ ވާހަކައެވެ. އިގްތިސާދީ ވާހަކަ ދެއްކުމުގެ ކުރިން ފަލަސްޠީނު މީހުންނަށް އެބައިމީހުންގެ ސިޔާސީ މިނިވަންކަން ހޯދައިދޭން ޖެހޭކަމަށް ބުނެ ފަލަސްޠީނުން ބަހްރޭންގެ ބައްދަލުވުމުގައި ބައިވެރިނުވެއެވެ.
އެހެންނަމަވެސް، ރައީސު ޑޮނާލްޑް ޓްރަމްޕުގެ މުސްތަޝާރު އަދި ޅީދަރިކަލުން ޖަރެޑް ކުޝްނާގެ ޚިޔާލުފުޅު މިކަމުގައި ދިމާ އިދިކޮޅެވެ.
"އިގްތިސާދީ ގޮތުން ކުރިއަށް ދާނެ މަގާމެދު އެއްބަސްވުމަކީ، ކުރިން ހައްލުނުވެ ހުރި ސިޔާސީ މައްސަލަތައް ހައްލުކުރަން ފުރިހަމަކުރަން ޖެހޭ ޝަރުޠެއް." އިއްޔެ ބަހްރޭނުގައި ފެށުނު 'ޕީސް ޓު ޕްރޮސްޕެރިޓީ' މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުޝްނާ ވިދާޅުވެފައި ވެއެވެ.
ޓްރަމްޕާއި ކުޝްނާގެ އިގްތިސާދީ ޕްލޭންގައި ވާގޮތުން ފަލަސްޠީނާއި، އެގައުމުގެ އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ތަރައްގީއަށް 50 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެއެވެ. އޭގެތެރެއިން 28 ބިލިއަން ޑޮލަރު ޚަރަދުކުރަން ނިންމާފައި ވަނީ ފަލަސްޠީނަށެވެ.
އެހެންނަމަވެސް، ފަލަސްޠީނު މީހުން ތިބީ މިއަގު ހޯދައިގެން އެމީހުންގެ މިނިވަންކަން ވިއްކާލާ ގޮތަކަށް ނޫނެވެ. ފަލަސްޠީނުން ބުނެފައި ވަނީ ބަހްރޭން ބައްދަލުވުމުގެ ބޭނުމަކީ ކުންފުންޏަކަށް ބަދަލުދީފައި އުވާލާ ފަދައިން "ފަލަސްޠީނުގެ މައްސަލަ އުވާލުމަށް" ކުރެވޭ މަސައްކަތެއް ކަމުގައެވެ.