މިސްރުގެ ކުރީގެ ރައީސު މުޙައްމަދު މުރްސީ އަވަހާރަވުމުގެ ދުވަސްތަކެއް ކުރިން މިސްރު ސަރުކާރުގެ އިސް މަސްއޫލުވެރިންތަކެއް އޭނާ އިންޒާރުދީ ބިރުދައްކާފައިވާ ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓް 'މިޑްލް އީސްޓް އައި' (އެމްއީއީ) އިން ބުނެފިއެވެ.
މުރްސީއާ މެދު ކަން ހިނގައިދިޔަ ގޮތް އެނގޭ، މިސްރުގެ އިދިކޮޅު ފަރާތްތަކާ ހަވާލާދީ އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މުރްސީއަކީ ގާނޫނީ ގޮތުން މިސްރުގެ ރައީސަކަށް ހުރުމުގެ ހައްގު ލިބިފައި ނެތް ފަރާތެއް ކަމަށް އެއްބަސްވުމަށާއި، މުސްލިމް ބްރަދަހުޑް (އަލްއިޚްވާން އަލްމުސްލިމޫން) އުވާލުމަށް މުރްސީއަށް މަޖުބޫރުކުރުމަށް އިސް މަސްއޫލުވެރިންތަކެއް މަސައްކަތްކޮށްފައި ވެއެވެ. އަދި އެމީހުން އެދޭ ކަންތަކަށް އެއްބަސްނުވެއްޖެނަމަ "އެކަމުގެ ނަތީޖާއާ ކުރިމަތިލުމަށް" އިންޒާރުދީފައި ވެއެވެ.
އެ މީހުން މުރްސީއަށް މުހުލަތުދިނީ ރަމަޟާން މަސް ނިމެންދެނެވެ. އެހެންނަމަވެސް، އޭނާ އެއިން ކަމަކަށް އެއްބަސްވެވަޑައިނުގަތެވެ. ރަމަޟާން މަސް ނިމުމުނު ފަހުން ގިނަ ދުވަހެއް ނުވެ މުރްސީ ވަނީ ކުއްލި ގޮތަކަށް އަވަހާރަވެފައެވެ.
އޭނާއަކީ މުސްލިމް ބްރަދަހުޑް "ޖަމާއަތުގެ ވެރިޔާ ނޫން" ކަމަށް ވިދާޅުވެ، އެޖަމާއަތް އުވާލުމަށް އޭނާ އިންކާރުކުރެއްވިތާ ދެތިން ދުވަސް ތެރޭގައި އޭނާ އަވަހާރަވީ ކަމަށް އެމްއީއީ އިން ބުނެފައި ވެއެވެ.
މިސްރުގައްޔާއި، މިސްރުން ބޭރުގައި ތިބި މުސްލިމް ބްރަދަހުޑްގެ މެންބަރުން މިހާރު އެންމެ ކަންބޮޑުވަނީ ޖަލުގައި ތިއްބެވި ކުރީގެ ރިޔާސީ ކެންޑިޑޭޓް ޚައިރަތު އައްޝާޠިރާއި، ބްރަދަހުޑްގެ މުޙައްމަދު ބަދީޢުއަށް ވާނެ ގޮތަކާ މެދުގައެވެ. އެ ދެ ބޭފުޅުންވެސް ވަނީ މިފަދަ މުރްސީއަށް ހުށަހެޅި ފަދަ ހުށަހެޅުންތައް ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.
ކުރީގެ ރައީސު މުރްސީއާއި، މުސްލިމް ބްރަދަހުޑްގެ އެހެން އިސްވެރިން އެއްބަސްކުރުވައިގެ އެ ޖަމާއަތް އުވާލުމުގެ ވާހަކަ އައިސްފައިވަނީ 'މުސްލިމް ބްރަދަހުޑްގަ ފައިލް ބަންދުކޮށްލުން' ގެ ނަމުގައި ރައީސު އަބްދުލްފައްތާޙު އައްސީސީގެ ސަރުކާރުން ތައްޔާރުކުރި ކަރުދާހެއްގައި ކަމަށްވެސް އެމްއީއީން ބުނެފައި ވެއެވެ.
އެ ކަރުދާހުގެ މައުލޫމާތު އެނގޭ ފަރާތްތަކަކުން އެމްއީއީއަށް ކިޔައިދީފައި ވާގޮތުގައި، 2013 ގައި ރައީސު އައްސީސީ ވެރިކަމަށް ވަޑައިގެންނެވި އިންގިލާބަށް ފަހު މުސްލިމް ބްރަދަހުޑް ވަނީ ދުވަހަކުވެސް ބަލިކަށި ނުވާވަރަށް ބަލިކަށިވެފައެވެ. އަދި އެ ޖަމާއަތުގައި އަމުރު ހިންގާނޭ ވެރިންނެއް މިހާރު ނެތެވެ. އަދި އެ ޖަމާއަތަކީ ސަރުކާރަށް އޮތް ބިރަކަށް ވެސް މިހާރު ނުވެއެވެ.
މިސްރުގެ ޖަލުތަކުގައި ތިބި ސިޔާސީ ކުށްވެރިންގެ އަދަދު އައްސީސީގެ ވެރިކަމުގައި ވަނީ އިންތިހާއަށް ގިނަ ވެފައެވެ. އެފަދަ 60 ހާސް ގައިދީން މިސްރުގެ ޖަލުތަކުގައި ތިބިކަމަށް ވެއެވެ.
އެމްއީއީ އިން މުރްސީގެ މަރާބެހޭ މި ވާހަކަ ގެނެސްދީފައި ވާއިރު، މި ހަފުތާގެ ކުރީކޮޅު އަރަބި ނޫހަކާ ވާހަކަފުޅު ދައްކަވަމުން މުސްރީގެ ދަރިކަލުން ޢަބްދުﷲ މުރްސީ ވިދާޅުވެފައި ވަނީ މިސްރު ސަރުކާރުން ރާވައިގެ އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލީ ކަމުގައެވެ.