މެޖިސްޓްރޭޓް މަޤާމުން ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފި

ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމަށް އެދި ޖޫޑިޝަލްސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވުމަށް މިއަދު އޮތް އެމަޖިލީހުގެ ޖަލްސާއިން ފާސްކުރައްވައިފިއެވެ.
މިމައްސަލަ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކުރެއްވީ 73 މެމްބަރުންގެ ޢިއްތިފާޤުންނެވެ. މިމައްސަލަ ޖުޑިޝަރީ ކޮމެޓީން ބެލުމަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމެވެ. ތާއީދުކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރ ހަސަން ޢަފީފެވެ. ޖޭއެސްސީ އިން ފޮނުވި މައްސަލައިގެ ބަހުސްގައި ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ އެމައްސަލައިގައި މަޖިލީހުން ވަކި ގޮތެއް ނިންމަން ޖެހޭނީ ޖޭއެސްސީ އިން އެމައްސަލަ ބަލައިފައިވަނީ ކިހިނެއްތޯ ކޮމެޓީ މަރުހަލާގައި ބެލުމަށްފަހު ގައި ކަމަށެވެ. ނަމަވެސް އަނެއްބައި މެމްބަރުން ވިދާޅުވީ އެމައްސަލައިގައި މަޖިލީހުގެ ތަޅުމުން މިއަދުން މިއަދަށްވެސް ގޮތެއް ނިންމިދާނެކަމުގައެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ ފަނޑިޔާރުގެ މައްސަލައިގައި ޖޭއެސްސީން ގޮތެއް ނިންމައިފައިވަނީ އެމައްސަލަ ހުށަހެޅުނުތާ ހަ އަހަރަށް ފަހުގައި ކަމަށް ވުމުން މެމެބަރުން ވަރަށް ބޮޑަށް ފާޑް ވިދާޅުވެފައިވެއެވެ. ބައެއް މެމްބަރުން ވިދާޅުވީ އެމައްސަލަ ކުރިން ގެންދަވައިފައި ވަނީ ވަރަށް ބޮޑަށް ސިޔާސީ ކުލަޖެހިގެންކަމުގައެވެ. އަދި ސްލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅުމަކީ ތާރީޚީ ކަމެއްގެ ގޮތުގައި ވެސް ބައެއް މެމްބަރުން ސިފަ ކުރެއްވިއެވެ.
ތިނަދޫ މެޖިސްޓްރޭޓް އިބްރާޙީމް ރަޝީދުގެ ސްލޫކީ މައްސަލައެއް ބައްލަވާ މަޤާމުން ވަކިކުރުމަށް ޖޭއެސްސީ އިން ހުށަހަޅައިފައި ވަނީ އަންހެނަކާ ދިމާލަށް އާންމު އަޚްލާޤީ މިންގަނޑާ ޚިލާފު ހަޑިހުތުރު އެއްޗެހިތަކެއް، މަގުމަތީގައި ހުރެގެން ގޮވި މައްސަލައިގައެވެ.
ތިނަދޫ މެޖިސްޓްރޭޓް ސްލޫކީ މައްސަލަ ޖޭ އެސްސީއަށް ހުށަހެޅުނީ 25 އޭޕްރީލް 2013 ގައެވެ. އެމައްސަލައިގައި މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.


ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.