ކަޒަކިސްތާނުގެ ރަށެއްގެ ކަރީގައި ހުރި ހަތިޔާރާއި، ގޮވާތަކެތި ރައްކާކުރާ ގުދަންތަކެއްގައި ރޯވެ، ގޮވުންތަކެއް ގޮވުމުގެ ސަބަބުން އެރަށުގައި ދިރިއުޅޭ 44 ހާސް މީހުން އެރަށުން ބާލައި ރަށް ހުސްކޮށްފިއެވެ. އެމީހުން ބަސްތަކުގައި އުފުލާފައި ވަނީ އެރަށާ 50 ކިލޯމީޓަރު ދުރަށެވެ. މި ގޮވުންތަކުގެ ސަބަބުން އެކަކު މަރުވެ 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.
އަލިފާން ރޯވެ ގޮވާފައި ވަނީ އެ ގައުމުގެ ދެކުނުގައި އޮންނަ ތުރުކިސްތާނު ޕްރޮވިންސުގެ އަރީސް ކައިރީގައި ހުރި ގުދަންތަކެއްގައެވެ. އެއީ. ސޯވިއެޓް ޒަމާނުއްސުރެ ގިނަ އަދަދެއްގެ ގޮވާ ތަކެއްޗާއި، ބަޑިބޭސް ރައްކާކޮށްފައިވާ ގުދަންތަކެކެވެ.
ވެރިރަށް އަލްމާޓީގެ ހުޅަނގުން 600 ކިލޯމީޓަރު ދުރުގައި އޮންނަ އެރަށުގެ ކައިރީގައި ގޮވި ގުދަންތަކުގައި ބިޔަ އަލިފާންގަނޑެއް ރޯވެފައިވާ ކަމަށް ވެއެވެ. 2009، 2014 އަދި 2015 އިގަވެސް އެ ސަރަހައްދުގައި ގޮވުންތަކެއް ގޮވާފައި ވެއެވެ.
އިއްޔެގެ ގޮވުންތަކަށް ފަހު ސަރުކާރުން ވަނީ އެ ސަރަހައްދުގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި ރަށުން މީހުން ހުސްކުރުމުގެ މަސައްކަތަށް 1000 ފުލުހުންނާއި ސިފައިން ވަނީ ނެރެފައެވެ.
ގުގުރިޖެހުން ފަދަ ގަދަ އަޑުފަށްގަނޑަކާއެކު ބިޔަ އަލިފާންގަނޑަކާއި، ބޯ ދުން އެ ސަރަހައްދުން އަރައަރާ ހުރިތަން މީސްމީޑިޔާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ. މި ގޮވުންތަކުގެ ބާރު ގަދަކަމުން، އެ ގައުމުގެ ބިންހެލުން މޮނިޓާކުރާ އާލާތްކަށް އެގޮވުންތައް ރިކޯޑްކުރެވިފައި ވެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަމުން ތުރުކިސްތާނު ޕްރޮވިންސުގެ ގަވަރުނަރު އުމީރްޒާކް ޝުކެޔޭވް ވިދާޅުވީ ގޮވުންތަކުގެ ސަބަބުން އެކަކު މަރުވެ 31 މީހުން ޒަޚަމްވެފައިވާ ކަމުގައެވެ. އެރަށުން މީހުން ސަރުކާރުން ދަނީ އެރަށު މީހުންނަށް ރަށަށް އެނބުރި ނައުމަށް އިލްތިމާސްކުރަމުންނެވެ. އެއީ މަގުމައްޗަށް ބުރައިގެން އައިސް ނުގޮވާ ހުރި ބޮން ފަދަ ތަކެތި ގޮވައިފާނެތީއެވެ.
"ވަރަށް ބިޔަ އަލިފާން ގަނޑެއް ރޯވެފައި ވަނީ. މިކަން އެތައް ދުވަހަކަށް ދެމިގެން ދިއުން އެކަށީގެންވޭ." ގަވަރުނަރު ޝުކެޔޭވް ވިދާޅުވިއެވެ.
ޝުކެޔޭވް ވިދާޅުވި ގޮތުގައި މަރުވި މީހާ މަރުވީ ގޮވުގެ ސަބަބުން ބުރައިގެން އައި އެއްޗެއް އޭނާގެ ކާރުގައި ޖެހިގެންނެވެ. އަދި ޒަޚަމްވި ދެމީހެއްގެ ހާލު ދެރަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ގޮވުންތަކުގެ ސަބަބުން ކަޒަކިސްތާނުގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. އަރީސް ތެރެއިން ދަތުރުކުރާ ރޭލުތަކާއި، ބަސްތަކުގެ ދަތުރުތައް ހުއްޓިފައިވާއިރު، ކަޒަކިސްތާނު ހުރަސްކޮށް ދަތުރުކުރާ ކިރްގިސްތާޒްސްތާނު-ރަޝީޔާ އެކްސްޕްރެސް ރޭލުގެ ދަތުރުވެސް ވަނީ ވަގުތީގޮތުން މެދު ކަނޑާލާފައެވެ. އެ ރޭލު ދަތުރުކުރަނީ އަރީސް ތެރެއިން ލާފައި ކަމަށްވާތީއެވެ.
ކަޒަކިސްތާނުގެ ރައީސު ކަސީމް ޖޮމާތު ތޮކަޔޭވް މިހާރު ވަނީ އެރަށުގެ ހާލަތު ބައްލަވައިލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެންފައެވެ.