ގައުމީ ޔުނިވާރސިޓީގެ ދަށުން ހިންގާ ފެކަލްޓީއަކަށް އިސްލާމީ ޔުނިވާރސިޓީ ހެދުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަމެމްބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާމެދު އިސްލާމީ ޔުނިވާރސިޓީގެ ޗާންސެލަރ ކަމުގައި އެންމެ ފަހުން ހުންނެވި ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ގައުމީ ޔުނިވާރސިޓީގެ ޤާނޫނަށް ސަރުކާރުން މިއަދު ހުށަހެޅި އިސްލާހުގެ ބަހުސްގައި މަޖިލީހުގެ ގިނަ މެމްބަރުންގެ ވިސްނުންފުޅުވެސް ހުރީ ރާއްޖޭގައި މައި އެންމެ ޔުނިވާރސިޓީއެއް ބެހެއްޓުމަށެވެ. އަދި އެ ޔުނިވާރސިޓީގެ ދަށުން ތަފާތު ފެކަލްޓީތައް ގެންގުޅުމަށެވެ. އެގޮތުން މިހާރު ހުރި އިސްލާމީ ޔުނިވާރސިޓީ އުވާލައި ގައުމީ ޔުނިވާރސިޓީގެ ފެކަލްޓީއަކަށް އެތަން ހެދުމަށެވެ. މެމްބަރުން ވިދާޅުވީ ކޮންމެހެން އިސްލާމީ ޔުނިވާރސިޓީގެ ނަން ޖަހާފައި ވަކިން ޔުނިވާރސިޓީއެއް ނުބެހެއްޓިޔަސް ގައުމީ ޔުނިވާރސިޓީގެ ތެރެއިންވެސް އެބައި ކުރިޔަށް ގެންދެވޭނެ ކަމަށާއި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށްވާތީ ގައުމީ ޔުނިވާރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި އިސްލާމީ ޔުނިވާރސިޓީ ހިންގިޔަސް އެއީ އެއްވެސް ތަފާތެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޑރ ޝަހީމް މިއަދު ވަނީ ގައުމީ ޔުނިވާރސިޓީގެ ފެކަލްޓީއަކަށް އިސްލާމީ ޔުނިވާރސިޓީ ހަދައިފިނަމަ އޭނާއަށް ފެނިވަޑައިގަންނަވާ ނުރަނގަޅު ކަންކަން ފާހަގަ ކުރައްވާފައެވެ. ޝަހީމް ވިދާޅުވީ ގައުމީ ޔުނިވާރސިޓީގެ ފެކަލްޓީއަކަށް އިސްލާމީ ޔުނިވާރސިޓީ ހަދަންނުޖެހޭނެ ވަރަށްގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އޭގެތެރެއިން 6 ސަބަބެއް ފާހަގަ ކުރައްވައި ޝަހީމް ވަނީ އެ 6 ސަބަބު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޙިއްސާ ކުރައްވާފައެވެ.
ގައުމީ ޔުނިވާރސިޓީގެ ފެކަލްޓީއަކަށް އިސްލާމީ ޔުނިވާރސިޓީ ހަދަންނުޖެހޭނެ ކަމަށް ޑރ ޝަހީމް ފާހަގަ ކުރައްވާފައިވާ ސަބަބުތައް:
* ރާއްޖޭގައި މުސްތަޤިއްލު އިސްލާމީ ޔުނިވަރސިޓީ އެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެއީ ރާއްޖެއާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ރަމްޒުކޮށްދޭ މަތިވެރި ނިޝާނެކެވެ.
* އިސްލާމީ ޚިލާފީ މައްސަލަތަކުގައި ޢިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އިސްލާމީ ޔުނިވަރސިޓީ ވުމެވެ.
* ޔުނިވާރސިޓީގެ ޕްލޭންގައި ވާގޮތަށް ޔުނިވަރސިޓީ ތަރައްޤީ ކުރެވިއްޖެ ނަމަ ޔުނިވާރސިޓީ ވެގެންދާނީ ރާއްޖެއަށް އިޤުތިޞާދީ ގޮތުން ވެސް ފައިދާ ކުރާނެ ތަނަކަށެވެ. އެއީ ބައިނަލްއަޤުވާމީ ދަރިވަރުންނަށް ހުޅުވާލުމެވެ. މެލޭޝިޔާފަދަ ޤައުމަކަށް ރާއްޖެ ވެގެންދާނެއެވެ. ރާއްޖޭގެ ޔުނިވަރސިޓީ އަކީ ޓްރެޑިޝަނަލް ޔުނިވަރސިޓީ އެއް ނޫނެވެ. އެއީ މޮޑަން ތަނެކެވެ. ގިނަ ބަޔަކު ރާއްޖެއަށް ކިޔަވަން އަންނަން ބޭނުންވެއެވެ.
* އިސްލާމީ ތަޢުލީމު ކުރިއަރުވަން އެނގޭނީ އިސްލާމީ ތަޢުލީމުގެ ތަޚައްޞުޞް މީހުންނަށެވެ. ޤައުމީ ޔުނިވަރސިޓީގެ ވެރިންނަކީ އިސްލާމީ ތަޢުލީމުގެ ތަޚައްޞުޞް މީހުން ނޫން ކަމުން، އެމީހުންގެ ދަށުގައި މިޒަމާނަށް ފެތޭގޮތައް އިސްލާމީ ފެކަލްޓީ އެއް ތަރައްޤީކުރެވިގެން ހިގައިދާނެ ކަމަށް ނުދެކެމެވެ. މިހާރު ވެސް އެތަނުގައި ހުރި އިސްލާމީ ފެކަލްޓީ ތަރައްޤީ ކުރަން އޮތް ހުރަހަކީ އެއީއެވެ. އަދި އެތަނުގައި ހުރި ޤާނޫނީ ފެކަލްޓީ އުވާލައި ޤާނޫނީ ފެކަލްޓީ އާއި އިސްލާމީ ފެކަލްޓީ އެއްކުރުމަކީ ދުނިޔޭގެ އެއްވެސް ޔުނިވަރސިޓީ އަކުން ކޮށްފައިވާ ކަމެއްނޫނެވެ. އެއީ ޕްރޮފެޝަނަލް ގޮތެއް ވެސް ނޫނެވެ. ޤާނޫނީ ފެކަލްޓީއަކީ ވަކި މުސްތަޤިއްލު ފެކަލްޓީއެއްގެ ގޮތުގައި ހުންނަންޖެހޭނެ ތަނެކެވެ. ޤާނޫނީ ފެކަލްޓީގެ ޑީން އަކަށް ހުންނަންޖެހޭނީ ވެސް ޤާނޫނީ ޢިލްމުގެ ބޭފުޅެކެވެ. ޕްރޮފެޝަނަލް އުޞޫލަކީ އެއީއެވެ. އިސްލާމީ ފެކަލްޓީއަކީ ތަފާތު ތަނެކެވެ. އެތަނުގެ ޑީން އަކަށް ހުންނަންވާނީ އިސްލާމީ ޢިލްމުގެ ބޭފުޅެކެވެ.
* ޤައުމީ ޔުނިވަރސިޓީ އިން އަދާކުރަމުންދަނީ ޤައުމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތެވެ. ޤައުމީ ޔުނިވަސިޓީގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިކަމާއެކު ބަލައިގަންނަންޖެހޭނެ ކަމެކެވެ.
* އުޞޫލީ ބަދަލެއް ގެންނަން ބޭނުން ނަމަ ކުރަންވީ ކަމަކީ ޤައުމީ ޔުނިވަރސިޓީގައިވާ އިސްލާމީ ކުއްލިއްޔާ އުވާލައި އިސްލާމީ ޔުނިވަރސިޓީގެ ދަށަށް އެބައި ގެނައުމެވެ. ޤައުމީ ޔުނިވަރސިޓީގައި އޮންނަންވީ ހަމަ އެކަނި އިސްލާމީ ތަޢުލީމުގެ ޕޯސްޓް ގްރެޖުއޭޓް ބައެވެ. ނުވަތަ ޕީއެޗްޑީ ބައެވެ. އިސްލާމީ ޔުނިވަރސިޓީގައި ވެސް ޕީއެޗްޑޭ ހެދޭ ނެއެވެ. މިއީ ބްރޫނާއިގެ މޮޑެލެވެ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް އެންމެ މުނާސިބުގޮތަކީ މިއެވެ. ބުރޫނާއިގައި ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީ އުފެދުމާއެކު އެޤައުމުގެ ޤައުމީ ޔުނިވަރސިޓީ (ޔުނިވަރސިޓީ ބްރޫނާއި ދާރުއްސަލާމް- ޔޫބީޑީ) އިން އިސްލާމީ ތަޢުލީމުގެ އަންޑަރ ގްރެޖުއޭޓް ބައި އުވާލީއެވެ. އެހެން ކަމުން އެޤައުމުގައި ދައުލަތުގެ ދެ ޔުނިވަރސިޓީ ހުރެއެވެ. އެއީ އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ގައުމީ ޔުނިވާރސިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ގިނަމެމްބަރުންތަކެއް ވާހަކަފުޅު ދެއްކެވި ނަމަވެސް އިސްލާމީ ޔުނިވާރސިޓީގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލުގެ ބަހުސްގައި އެއްވެސް މެމްބަރަކު ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގެންފައި ނުވެއެވެ. އެހެންވެ ރިޔާސަތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ އެބިލަށް ބަހުސް ކުރެއްވުމުގެ ޝައުގުވެރިކަން މެމްބަރުންގެ ނެތުމުން ބިލާމެދު ގޮތެއް ނިންމެވުމަށް އެ ބިލު ދެން ފޮނުވާނީ ކޮމިޓީއަށް ކަމަށެވެ. އަދި އެ ބިލާމެދު ދެން ގޮތެއް ނިންމާނީ ކޮމިޓީން ވަކިގޮތެއް ނިންމައި މަޖިލީހަށް ފޮނުވުމުން ކަމަށްވެސް ވިދާޅުވިއެވެ.