ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިޔުމަށް ބޭނުންވާ ފަރާތްތަކަށް ފެންޝަން ފަންޑުން މިހާރު ދޫކުރަން ހަމަޖައްސާފައި އޮތް މިންވަރަށްވުރެ އިތުރަށް ދޫކުރުމަށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ހައްޖަށްދާ މީހުން ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ދިޔުމަށްޓަކައި ޕެންޝަނާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވިދާޅުވީ ސަރުކާރުން މިފަދަ އިސްލާޙެއް ހުށަހެޅުމުގެ ސަބަބަކީ ފަރުޞު ހައްޖު އަދާކުރުމުގެ ފުރުޞަތު ވީހާވެސްގިނަ ދިވެހި ރައްޔިތުންނަށް ދިނުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.
ބިލު މަޖިލީހަށް ހުށަހަޅައި ދެއްވަމުން އީސަ ވިދާޅުވީ ހައްޖަށް ދިޔުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށާއި، ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ވަޒީފާ އަދާކުރާ ގިނަ މީހުންނަކީވެސް ހައްޖަށް ދެވޭވަރަށްވުރެ މާލީ ގޮތުން ދަތިކޮށް އުޅޭ މީހުން ކަމަށެވެ. އެހެންވެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ 80 ޕަސެންޓް ހައްޖަށްދާން ބޭނުން ކުރެވޭގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާ ކަމަށެވެ.
މިބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ ޕެންޝަން ފަންޑުން ހައްޖަށްދާން ފައިސާ ނެގޭގޮތަށް ހަދާއިރު އެތިކޮޅުކޮޅުން ދިނުމުގެ ބަދަލުގައި ހައްޖަށްދާން ބޭނުންވާ ޖުމްލަ އަދަދު އެމީހެއްގެ އެކައުންޓުގައި ހުރި ނަމަ އެ އަދަދު އެއްކޮށް ނެގޭގޮތަށް ހަދަންޖެހޭ ކަމަށެވެ. ސަލީމް ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނަގާއިރު ހައްޖު ފިޔަވައި އެމީހަކަށް ދިމާވާ ބޮޑެތި މުސީބާތްތަކުގައިވެސް ފައިސާ ނެގޭނެ އިންތިޒާމެއް އޮތުން މުހިންމު ކަމަށެވެ. ނަމަވެސް އާދައިގެ ކަންކަމުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭގޮތަށް ތާއީދު ނުކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުޙަންމަދު ރަޝީދު ހަސަން ވިދާޅުވީ 13 މެއި 2009 ގައި ވުޖޫދަށް އައި ޕެންޝަނާބެހޭ ޤާނޫނުގެ ތެރެއިން ޕެންޝަން ފަންޑުން ހައްޖަށް ދިޔުމަށް ފައިސާ ބޭނުން ކުރެވޭގޮތަށް ހެދުމަކީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެގޮތުން މީގެކުރިން ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުގެ 50 ޕަސެންޓް ބޭނުންކުރެވޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް އެއަދަދު 80 ޕަސެންޓަށް ބަދަލު ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.
މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ހާރޫން ވިދާޅުވީ އަމިއްލަ ޚަރަދުގައި ފަރުޞު ހައްޖެއް މީގެކުރިން ވެފައިވާ މީހެއްގެ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އޭނާއަށް ދެން ކުރެވޭނީ ކޮންކަމެއްތޯ މިއީވެސް ގިނަބަޔަކު އުފައްދާ ސުވާލެއް ކަމަށާއި އެހެންވެ ކޮމިޓީ މަރުޙަލާގައި އެކަންވެސް ބަލަންޖެހޭ ކަމަށެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުން ކަމަށާއި، ޕެންޝަން ފަންޑުން ހައްޖަށް ދިޔުމަށް ފައިސާ ބޭނުން ކުރެވޭއިރު ނިޒާމު ހަލާކު ނުވާނެ ގޮތަށް ކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭނެ ކަމަށެވެ. ޕެންޝަން ނިޒާމު މުޅިން ހަލާކުވާނެ ގޮތަށް ކަންކަން ކުރުމަކީ ގޯހެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.