ތުރުކީގެ އެންމެ ބޮޑު ރަށް އިސްތަންބޫލުގެ މޭޔަރު ހޮވަން މިއަދު އެރަށުގައި ބޭއްވި އިންތިޚާބު އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ކެންޑިޑޭޓް އަކްރަމް އީމާމޮގްލޫ ކާމިޔާބުކުރައްވައިފިއެވެ.
ފާއިތުވި މާރިޗު މަހުގެ 31 ވަނަ ދުވަހު ތުރުކީގައި ބޭއްވި ލޯކަލް އިންތިޚާބުގެ ނަތީޖާގެ ފަރަގު ކުޑަވުމާއެކު ދެބަސްވުން އުފެދި ރައީސު އެރްދޮޣާންގެ ޕާޓީ، ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ)ގެ އެދުމުގެ މަތިން އިސްތަންބޫލުގެ މޭޔަރު ހޮވުމަށް މިއަދު އަލުން އިންތިޚާބު ބޭއްވީއެވެ.
މިއަދު ބޭއްވި އިންތިޚާބުގެ ނުރަސްމީ ނަތީޖާއަށް ބަލާއިރު، ސީއެޗްޕީގެ އިމާމޮގްލޫ ވަނީ ވޯޓުގެ %54.01 ކާމިޔާބުކުރައްވާފައެވެ. އޭކޭޕީގެ ފަރާތުން އޭނާއާ ވާދަކުރެއްވި ބިނާލީ ޔިލްދްރިމްއަށް ލިބިވަޑައިގަތީ %45.10 ވޯޓެވެ.
މި ނަތީޖާއާއެކު ޔިލްދްރިމް ވަނީ ބަލި ގަބޫލުކުރައްވައ އިމާމޮގްލޫއަށް މަރްހަބާ ވިދާޅުވެފައެވެ.
"މި ވަގުތާއި ހަމައަށް ނަތީޖާ އޮތް ގޮތުން އަހަރެންނާ ވާދަކުރެއްވި އަކްރަމް އިމާމޮގްލޫ ވަނީ ކުރި ހޯއްދަވާފައި. އަހަރެން އޭނާއަށް މަރުހަބާ ކިޔައި، ހެޔޮ ނަސީބަށް އެދެން." ޔިލްދްރިމް ވިދާޅުވިއެވެ.
"އިސްތަންބޫލު މީހުންގެ ލާބައަށް އިމާމޮގްލޫކުރައްވާ ކޮންމެ ކަމެއްގައި އަހަރުމެން އޭނާއަށް އެހީތެރިވާނަން." ޔިލްދްރިމް ވިދާޅުވިއެވެ.
ޔިލްދްރިމް ވާހަކަފުޅު ދެއްކެވި ފަހުން ގިނަ އިރެއް ނުވެ، ވޯޓު ކާމިޔާބުކުރެއްވި އިމާމޮގްލޫ ވަނީ ވާހަކަފުޅުދައްކަވާފައެވެ.
"މިއަދު އިސްތަންބޫލުގެ 16 މިލިއަން މީހުން ވަނީ ޑިމޮރަސީއަށާއި، އިންސާފަށް އަހަރުމެން ކުރި އިތުބާރު އައުކޮށްދީފައި. މިކަން ހަގީގަތަކަށް ހެދީ އަހަރެންނަށް ވޯޓުލީ މީހުން އެކަންޏެއް ނޫން. ވިސްނުންތެރިކަމާ، މަޑުމައިތިރިކަމާ އެކު މި އިންތިޚާބުގައި ވާދަކުރަން އަހަރުމެންނަށް އެހީތެރިވި ހުރިހާ ރައްޔިތުންވެސްމެ." އިމާމޮގްލޫ ވިދާޅުވިއެވެ.
އިސްތަންބޫލުގެ މޭޔަރުކަން ގެއްލުމަކީ ރައީސް އެރްދޮޣާން ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.