އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒާވެޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ވާދަކުރައްވާ ބޭފުޅަކު ހޮވުމަށް ހައުސް އޮފް ކޮމަންސް (ގާނޫނުހަދާ މަޖިލީހުގެ ތިރީގެ) ގައި ތިއްބަވާ އެ ޕާޓީގެ 313 މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ލަންޑަންގެ ކުރީގެ މޭޔަރު ބޮރިސް ޖޮންސަންއާއި، ފޮރިން ސެކްރެޓަރީ (ޚާރިޖީ ވަޒީރު) ޖެރެމީ ހަންޓު ފަހު ބުރަށް ހޮވިވަޑައިގެންފިއެވެ.
ޕާޓީގެ ލީޑަރުކަމުގެ މަގާމުން މި ޖޫން މަހުގެ 6 ވަނަ ދުވަހު ޓެރޭސާ މޭއިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ވާދަކުރެއްވި ބޭފުޅުންނަށް ވޯޓުލާފައި ވަނީ ކޮންމެ ބުރަކުންވެސް އެންމެ މަދުން ލިބޭ ބޭފުޅަކު ބާކީވާ ގޮތަށެވެ. ރޭ އޮތް ވޯޓުގައި ވާދަކުރެއްވީ ޖޮންސަންއާއި ހަންޓުގެ އިތުރުން މައިކަލް ގޯވްއެވެ. އެ ވޯޓުގައި ޖޮންސަން 160 ވޯޓު ހޯއްދެވިއިރު، ހަންޓްވަނީ 77 ވޯޓު ހޯއްދަވާފައެވެ. ގޯވްއަށް ލިބިވަޑައިގަތީ 75 ވޯޓެވެ. 1 ވޯޓު ބާޠިލު ވީއެވެ.
އިނގިރޭސި ބަރުލަމާނީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ވެރިކަންކުރާ ޕާޓީގެ ލީޑަރެވެ. އެހެންކަމުން ކޮންޒާވެޓިވް ޕާޓީގެ ލީޑަރަކަށް ދެން ހޮވިވަޑައިގަންނަވާ ބޭފުޅަކު އެއީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރެވެ.
ބޮރިސް ޖޮންސަންއާއި، ޖެރެމީ ހަންޓު ދެން ވާދަކުރައްވަން ޖެހޭނީ ކޮންޒާވެޓިވް ޕާޓީގެ އާއްމު މެންބަރުންގެ މެދުގައި ނަގާ ވޯޓެއްގައެވެ. އެ ވޯޓު ކަމިޔާބުކުރައްވާ ބޭފުޅަކު ޕާޓީގެ ލީޑަރަށް ވެވަޑައިގަންނަވާނެއެވެ. އަދި ބޮޑުވަޒީރުގެ ގޮތުގައި، އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު 10، ޑައުނިންގ ސްޓްރީޓަށް ވަދެވަޑައިގަންނަވާނެއެވެ.
ބޮޑުވަޒީރުކަމުގެ ރޭސް ކާމިޔާބުކުރައްވާނެކަމަށް ކުރިއްސުރެވެސް އެންމެ ބޮޑަށް ބެލެވެމުން އައި ބޮރިސް ޖޮންސަންއަކީ އިނގިރޭސިވިލާތް އީޔޫން ވަކިވުމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް ބޭފުޅާއެވެ. އެހެންކަމުން، އޭނާއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއެކު އެންމެ އިސްކަމެއް ދެއްވާނީ އެކަމަށް ކަމުގައި ބެލެވެއެވެ.
ބޮރިސް ޖޮންސަންއާއި ޖެރެމީ ހަންޓަކީވެސް ސިޔާސީ ގޮތުން ފުންނާބުއުސް ތަޖުރިބާކާރު ދެބޭފުޅުންނެވެ. ޖޮންސަން ވަނީ 2008 އިން 2016 އަށް ލަންޑަނުގެ މޭޔަރުކަން ކުރައްވާފައެވެ. އަދި 2016 ވަނަ އަހަރު ޚާރިޖީ ވަޒީރުކަމާ ހަވާލުވެ ވަޑައިގަތެވެ. އެހެންނަމަވެސް، އީޔޫން ވަކިވުމަށް ބޮޑުވަޒީރު ޓެރޭސާ މޭ ގެންގުޅުއްވާ ސިޔާސަތާމެދު ހިތްޕުޅުހަނުޖެހިގެން 2018 ވަނަ އަހަރު މަގާމުން އިސްތިއުފާދެއްވިއެވެ.
ޖެރެމީ ހަންޓަކީ 2010 ވަނަ އަހަރުން ފެށިގެން ވަޒީރުކަން ކުރައްވާ ބޭފުޅެކެވެ. 2010 ވަނަ އަހަރު ކަލްޗާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތެވެ. ދެން 2012 އިން 2018 އަށް ހުންނެވީ ހެލްތު މިނިސްޓަރުކަމުގެ މަގާމުގައެވެ. 2018 ވަނަ އަހަރު ޚާރިޖީ ވަޒީރުކަމުން ބޮރިސް ޖޮންސަން އިސްތިއުފާދެއްވުމުން ޖެރެމީ ހަންޓް އެމަގާމާ ހަވާލުވެވަޑައިގަތެވެ.