ރ. އަތޮޅު އުނގޫފާރު ނެރުން ނުކުންނަންދިޔަ ލޯންޗެއް ތޮއްޓަށް އަރައި، ބަންޑުންޖަހާލުމުގެ ސަބަބުން އެ ލޯންޗުން ދަތުރުކުރި ބަޔެއް މީހުންނަށް އަނިޔާވެއްޖެއެވެ.
އުނގޫފާރުގައި ދުއްވާ މިލޯންޗު ތޮއްޓަށް އެރި ސަބަބެއް ކަމަށް ވަނީ ނެރުން ނުކުންނަން ދަނިކޮށް އިންޖީނު ހުއްޓުމުންނެވެ. ހަ މީހުންނާއެކު ލޯންޗު ނައްޓާލީ ރިސޯޓަކަށް ދިޔުމަށެވެ. ނަމަވެސް އިންޖީނު ހުއްޓުމުގެ ސަބަބުން ލޯންޗު ގޮސް ތޮއްޓަށް އަރައި ބަންޑުން ޖަހާލީއެވެ.
އުނގޫފާރުން މައުލޫމާތު ލިބުނު ގޮތުގައި އަނިޔާވި އެ ލޯންޗުން ދަތުކުރި ދިވެއްސަކާއި ބިދޭސީ ދެމީހަކަށެވެ. އެމީހުން ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. ލޯންޗު ބަންޑުން ޖަހާލިއިރު ތުރުކީވިލާތުގެ ތިން ފަތުރުވެރިންވެސް ތިބިކަމަށް ވެއެވެ. މި ހާދިސާގައި ލޯންޗު ތޮއްޓަށް އެރުމުގެ ސަބަބުން ވަނީ ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ނެރުމައްޗަށް ބަންޑުން ޖަހާލާފައި އޮތް ލޯންޗު ރަށުގެ މީހުންގެ އެހީތެރިކަމާއެކު ވަނީ ބަނދަރު ތެރެއަށް ވައްދާފައެވެ.