އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ހުންނަވަނިކޮށް ހޭފުޅުނެތިގެން ވެއްޓިވަޑައިގަތުމަށް ފަހު އަވަހާރަވި، މިސްރުގެ ކުރީގެ ރައީސު، ޑޮކްޓަރ މުޙައްމަދު މުރްސީ އަވަހާރަވުމުގެ ކުރިން ވިދާޅުވި އެންމެ ފަހު ބަސްފުޅުތައް ވަނީ ޚަބަރު ފަތުރާ ވަސީލަތްތަކަށް ތިލަވެފައެވެ.
މުރްސީ އަވަހާރަވުމުގެ އިރުކޮޅެއް ކުރިން އޭނާއަށް ވާހަކަދެއްކުމުގެ ފުރުސަތުދެއްވުމަށް ފަނޑިޔާރުގެ ކިބައިން އެދި ވަޑައިގެން ވިއްސަކަށް މިނެޓަށް ވާހަކަފުޅު ދެއްކެވިއެވެ. ދެން، ކުއްލިއަކަށް ހޭފުޅުނެތިގެން ވެއްޓިވަޑައިގަތުމަށް ފަހު އަވަހާރަވީއެވެ.
މިސްރުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގަތް ފުރަތަމަ ރައީސު ޑރ. މުރްސީގެ ވަކީލު ޢަބްދުމުންޢިމް ޢަބްދުލްމަޤްޞޫދު ވިދާޅުވިގޮތުގައި މުރުސީ ކޯޓުގައި ވިދާޅުވީ އޭނާގެ ގައުމު އޭނާއަށް އަނިޔާވެރިވިޔަސް، އޭނާ މަސައްކަތްކުރައްވާނީ ގައުމުގެ ހައުގުގައި ކަމަށާ، އޭނާ އަވަހާރަވެގެން ދިޔަޔަސް އޭނާގެ ގައުގެ ސިއްރުތައް ހާމަނުކުރައްވާނެ ކަމަށެވެ.
"މިވަގުތާ ހަމައަށްވެސް ކޯޓުގައި ހިނގާ އެއްވެސް ކަމެއް އަހަރެންނަށް ނުފެނޭ. އަހަރުންނަށް ވަކީލެއް ނުފެނޭ. ޚަބަރުފަތުރާ ވަސީލަތްތަކެއް ނުފެނޭ. ޝަރިއަތުގެ މަޖިލިސްވެސް ނުފެނޭ. ކޯޓުން އަހަރެންގެ ވަކީލަކަށް އައްޔަންކުރައްވާފައިވާ ފަރާތްވެސް ނުފެނޭ." ބިއްލޫރި ކޮށްޓެއްގެ ތެރޭގައި ހުންނަވައިގެން ވާހަކަފުޅުދައްކަވަމުން ޑރ. މުރްސީ ވިދާޅުވިއެވެ.
"އިންގިލާބީ ބާރުތަކުން ދަނީ ގަސްތުގައި އަހަރެން މަރާލުމަށް މަސައްކަތް ކުރަމުން. އަހަރެންގެ ސިއްހީ ހާލަތު ދަނީ ގޯސްވަމުން. ފާއިތުވި ހަފުތާގައިވެސް އެތައް ފަހަރަކު އަހަރެން ހޭނެތުނު. އެހެނަސް ފަރުވާދީ ބޭސްކޮށްފައެއް ނުވޭ." މުރްސީ ވިދާޅުވިކަމަށް އޭނާގެ ޕާޓީ، ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ރަސްމީ ވެބްސައިޓުގައި ވެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ ކޯޓުގެ މަސްދަރަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ބުނި ގޮތުގައި އޭނާ މައްޗަށް ކުރެވޭ ޤަޠަރާއެކު ޖާސޫސީ މައުލޫމާތު ބަދަލުކުރުމުގެ މައްސަލައިގައި ވާހަކަފުޅު ދެއްކެވުމަށް މުރްސީ ބޭނުންފުޅުވިއެވެ. އަދި އޭނާގެ އަތްޕުޅުގައި ހުރި ސިއްރު ލިޔެކިއުންތަކާ ބެހޭ ގޮތުން ޝަރީއަތުގެ ސިއްރު އަޑުއެހުމެއް ބާއްވައިދިނުމަށްވެސް އެދި ވަޑައިގަތެވެ.
ދުނިޔޭގެ އެންމެވަރުގަދަ އިސްލާހީ އިސްލާމީ ހަރަކާތް، މުސްލިމް ބްރަދަހުޑަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުރްސީ އޭނާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ވަގުތުކޮޅުގައި ވާހަކަފުޅުދައްކަވަމުން އިއްޔެ ވިދާޅުވީ އޭނާގެ އަތްޕުޅުގައި ހުރި ސިއްރުތައް ހާމަކުރަން އެދެމުންދާ ކަމަށާ، އޭނާގެ ފުރާނަ ދިޔަޔަސް އެ ސިއްރުތައް ހާމަނުކުރައްވާނެކަމަށާ، އެސިއްރުތައް ހާމަކުރައްވައިފިނަމަ އޭނާގެ ގައުމުގެ ސިޔާދަތާއި ސަލާމަތަށް ނުރައްކާވާނެ ކަމުގައެވެ.
އަނެއްކޮޅުން، އިއްޔެ އަވަހާރަވި މިސްރުގެ ކުރީގެ ރައީސު މުޙައްމަދު މުރްސީއަކީ އޭނާ ގަބޫލުކުރެއްވި އުސޫލަކަށްޓަކައި ނަފުސު ޤުރްބާންކުރެއްވި ޝަހީދެއް ކަމަށާއި، އޭނާގެ މަރުގެ ޒިންމާ އުފުލަންޖެހޭ އަނިޔާވެރިންގެ އަމަލުތައް ތާރީޚުން ފޮހެވިގެން ނުދާނެ ކަމުގައި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވަނީ ވިދާޅުވެފައެވެ.
އިސްތަންބޫލުގެ ހަލީޖް ކޮންގްރެސް ސެންޓަރުގައި ވާހަކަފުޅުދައްކަވަމުން އެރްދޮޣާން ވިދާޅުވީ މުސްރީ ރައީސުކަމަށް އިންތިޚާބުކުރީ މިސްރުގެ ރައްޔިތުން ކަމަށާ، އޭނާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އޭނާގެ ވެރިކަން ވައްޓާލީ ޚުދްމުޚްތާރު ވެރިޔާ ޢަބްދުލްފައްތާޙު އައްސީސީ ކަމަށެވެ.
"މުރްސީގެ މައްޗަށް ޝަރީއަތް ހިންގައި، އޭނާގެ މައްޗަށް ހުކުމްކުރީ އިންގިލާބީ ކޯޓުތަކުން. އަނެއްކާ އޭނާގެ ފަހު ނޭވާ ދޫކުރެއްވީ ކޯޓެއްގެ ތެރޭގައި. މިއީ، އޭނާއާއި އޭނާގެ ގައުމުގެ ރައްޔިތުން އެތައް އަހަރަކުއްސުރެ ލިބެމުންދާ އަނިޔާގެ ރަމްޒެއް." އެރްދޮޣާން ވިދާޅުވިއެވެ.
މިސްރުގައި ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި މުޙައްމަދު މުޙައްމަދު މުރްސީ ޢީސާ އަލްޢައްޔާޠު ރައީސުކަމާ ހަވާލުވެވަޑައިގަތީ 30 ޖޫން 2012 ގައެވެ. އޭނާގެ ދިފާއީ ވަޒީރަކަށް ހުންނެވި ފީލްޑް މާޝަލް ޢަބްދުލްފައްތާޙު އައްސީސީ ވަނީ އޭގެ އެއް އަހަރު ފަހުން 3 ޖުލައި 2013 ގައި އަސްކަރީ އިންގިލާބެއްގައި މުރްސި ވެރިކަމުން ދުރުކުރައްވާފައެވެ. އެއަށް ފަހު މުރްސީގެ މައްޗަށް އެކި ތުހުމަތު ތަކުގައި ޝަރީއަތް ހިންގައި ޖަލަށް ލެވުނެވެ.
8 އޮގަސްޓް 1951 ގައި އުފަންވެވަޑައިގަތް މުޙައްމަދު މުރްސީ އަކީ މެކޭނިކަލް އިންޖިއަނެރެކެވެ. 1980 ގެ އަހަރުތަކުގައި ކެލިފޯނިޔާ ސްޓޭޓް ޔުނިވަސިޓީގައި އިންޖިނިއަރިންގ ޕްރޮފެސަރެއްގެ މަގާމު އަދާކުރެއްވިއެވެ. މެޓަލް ސާފޭސްގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. މުރްސީ ސްޕޭސް ޝަޓަލް އިންޖީނު ތަރައްގީކުރުމުގައި ނާސާގައި ވެސް މަސައަކަތްޕުޅުކުރެއްވިއެވެ.
މުރްސީ އަވަހާރަވުމުގެ ކުރިން އެންމެ ފަހުން ދެއްކެވި ވާހަކަފުޅު ނިންމަވާ ލެއްވީ މި ބައިތުންނެވެ.
بلادي وإن جارت عليّ عزيزة وأهلي وإن ضنّوا عليَ كرام
(އަހަރެންގެ ގައުމު އަހަރެންނަށް އަނިޔާވެރިވިޔަސް އަހަރެން ގައުމަށް މާތްކޮށް ހިތައި ގަދަރުކުރަމެވެ. އަހަރެންގެ އަހުލުވެރިން (ގައުމުގެ މީހުން) ދަހިވެތިވިޔަސް، އަހަރެންނަށް އެމީހުންނަކީ ދީލަތި ބައެކެވެ.)
varahves khulq ragalhu beyfulheh