ބަންގްލާދޭޝްގެ ޖަލުތަކުގެ ނިޒާމަށް ގެންނަ އިސްލާހުގެ ތެރެއިން، އިނގިރޭސިންގެ އިސްތިއުމާރީ ވެރިކަމުގައި (އޭރު އިންޑިޔާގެ އީސްޓް ބެންގޯލް) ގައިދީންނަށް ދޭން ފެށި ނާސްތާއަށް ބަދަލުގެންނަން އެގައުމުން ނިންމައިފިއެވެ.
ބަންގްލާދޭޝްގެ ޕްރިޒަންސް ޑިރެކްޓަރޭޓްގެ ޑެޕިއުޓީ ހެޑް ބަޒްލުރް ރާޝިދު ވިދާޅުވީ ބަންގްލާދޭޝް ޖަލުތަކުގައި ތިބި 81 ހާސް ގައިދީންނަށް މިއަދުން ފެށިގެން ހެނދުނު ލިބެމުންދާނީ ފެންވަރު ރަނގަޅު ކުރެވިފައިވާ ނާސްތާއެކެވެ. މިހާރު ދެމުން ގެންދާ ރޮށްޓާއި ހަކުރުގެ ނާސްތާއަކީ 200 އަހަރުކުރިން އިނގިރޭސީން ދޭން ފެށި ނާސްތާއެކެވެ.
"ފެންވަރު ރަނގަޅުކުރެވިފައިވާ ނާސްތާ ދޭން ނިންމި ނިންމުން މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާނެ." މިއަދު ހެނދުނު ޑާކާގެ ރަށްބޭރުގައި ހުންނަ ކެރާނީގަންޖް ޖަލަށް ޒިޔާރަތްކުރެއްވަށް ފަހު ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާން ކަމާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްތިއުމާރީ ވެރިކަމުގައި ގައިދީންނަށް ދިން ނާސްތާއަކީ "ނުފުދޭ، ފެންވަރު ދަށް" ނާސްތާއަކަށް ވާއިރު "މިއަދު އަހަރުމެން އެމީހުންނަށް (ގައިދީންނަށް) މި ތައާރަފުކުރަނީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައިތަކެއް އެކުލެވޭ، ސިއްހީ ނާސްތާ" އެކެވެ.
ޖަލުތަކުގެ އޮފިޝަލުން ބުނި ގޮތުގައި 18 ވަނަ ގަރުނުގެ ތެރޭގައި ޖަލުތައް އުފެއްދި ފަހުން އެތަންތަނުގައި ގައިދީންނަށް ހެނދުނުގެ ނާސްތާއަށް ދެމުން އައީ ރޮށްޓާއި ގޫޑު ހަކުރެވެ.
މިއަދު އަލަށް ދޭން ފެށި ނާސްތާގައި ކޮންމެ ގައިދީއަކަށް ރޮށްޓާއި، ތަރުކާރީއާއި، ހަލުވާއާއި، ޗިކްޅީ (މުގާއި، ހަނޑުލާއި، ހަވާދު އަޅައިގެން ކައްކާ އެއްޗެއް) ދެވޭނެއެވެ.
ބަންގްލާދޭޝްގެ 60 ޖަލުގައި ހުރީ 35 ހާސް ގައިދީންގެ ޖާގަ ކަމުގައި ވިޔަސް، މިހާރު އެ ޖަލުތަކުގައި 81 ހާސް ގައިދީން އެބަތިއްބެވެ. އެހެންކަމުން، ނާސްތާ ރަނގަޅު ކުރިއަސް ގައިދީންގެ ހާލަތު ރަނގަޅުކުރަން ކުރަންހުރި މަސައްކަތް ގިނައެވެ.
"އަހަރުމެން މިދަނީ ގައިދީން މަދުކުރުމަށް މަސައްކަތްކުރަމުން. ބަންދުގައި ތިބޭއިރު އުޅުން ރަނގަޅު ގައިދީން ޖަލުހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް މިދަނީ ދޫކުރަމުން." މިނިސްޓަރު ކަމާލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖަލު ހުކުމް ތަންފީޒުކުރުމަށް ފަހު ނުކުންނައިރު، ގައިދީންނަކީ އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ފަދަ ބަޔަކަށް ހެދުމަށް 28 ރިހެބިލިޓޭޝަން ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ. "މިގައުމުގެ ޖަލުތައް މިހާރު ވަނީ ރިހެބިލިޓޭޝަން ސެންޓަރުތަކަކަށް ބަދަލުވެފައި." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.