ދިވެހިރާއްޖޭގެ ޞިއްޙީދާއިރާއަށް 36 އަހަރު ޚިދުމަތް ކޮށްދެއްވި ޚިދުމަތްތެރިޔާ ޑޮކްޓަރ ފަރުޒާނާ ޚާތޫން އަވަހާރަ ވެއްޖެއެވެ. ޕާކިސްތާނަށް އުފަން ފަރުޒާނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އޭނާ އެންމެފަހުން ރާއްޖޭގައި އަދާކުރެއްވި ވަޒީފާއަކީ މޯލްޑިވްސް ބުލަޑް ސާވިސްގެ ކޮންސަލްޓެންޓުގެ ވަޒީފާއެވެ.
އޭނާއަކީ ތެލެސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ ގުޅިގެން ވަރަށް ގާތުން ޚިދުމަތް ކޮށްދެއްވި ޑޮކްޓަރެކެވެ. އޭނާއަކީ ދިވެހި ދައުލަތުގެ ޕެންޝަނަރެކެވެ. އޭނާއަށް ޕެންޝަން ލިބިވަޑައިގެންނެވީ 2002 ވަނަ އަހަރުއެވެ.
ޑރ.ފަރުޒާނާގެ ފިރިކަލުންނަކީ ކަރުންމަތީގެ ޚާއްޞަ ޑރ. ވަޙީދެވެ. ޑރ. ވަޙީދު ވެސް ވަނީ މީގެ 15 އަހަރު ކުރިން އަވަހާރަވެފައެވެ. ފަރުޒާނާ އަވަހާރަވީ ކޮން ކަމަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމެއް އެނގިފައެއްނުވެއެވެ. ރާއްޖޭގައި އަދާ ކުރެއްވި ވަޒީފާ ދޫކޮށްލެއްވުމަށްފަހު ފަހުން އުޅުއްވަމުން ގެންދެވީ އިނގިރޭސި ވިލާތުގައެވެ.
އޭނާ ވަނީ ތެލެސީމިއާ ސެންޓަރުގައި 21 އަހަރު ޚިދުމަތް ކުރައްވައިފައެވެ. 1979 ވަނައަހަރު އޮކްޓޯބަރުމަހު އޭނާ ވަނީ ސެންޓްރަލް ހޮސްޕިޓަލުގެ ހައުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި 1980 ވަނަ އަހަރު ނޮވެމްބަރުގައި ވަނީ ސީނިއަރ ހައުސްއޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. 1990 ވަނަ އަހަރު ވަނީ ސެންޓްރަލް ހޮސްޕިލްގެ ރެޖިސްޓްރަރ އިން މެޑިސިންގެ މަޤާމު ފުރުއްވައިފައެވެ، 1992 ވަނައަހަރު އޮގަސްޓުގައިވަނީ މާލޭ ސިއްޙީމަރުކަޒުގެ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމު ވެސް އަދާކުރައްވައިފައެވެ. ނެޝަނަލް ތެލެސީމިއާ ސެންޓަރުގައި މަސައްކަތް ކުރައްވަން ފަށްޓަވައިފައިފަނީ 1994 ވަނަ އަހަރު ޑިސެމްބަރ 29 ގައެވެ. އެތަނުގައި ވެސް ފުރަތަމަ އަދާކުރެއްވީ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމެވެ. އެ ސެންޓަރުގެ ސީނިއަރ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމު އަދާކުރައްވަން ފެއްޓެވީ 2002 ވަނަ އަހަރު ޖުލައި 16 ގައެވެ. އެފަހުން މޯލްޑިވިއަން ބުލަޑް ސާވިސްގެ ސީނިއަރ ރަޖިސްޓްރަރ އިން މެޑިސިންގެ މަޤާމުވަނީ 2012 ވަނަ އަހަރު ނޮވެމްބަރ 1 އިން ފެށިގެން އަދާކޮށްފައެވެ. އަދި 2014 ވަނަ އަހަރު މެއިމަހު 1 އިން 2015 ވަނަ އަހަރުގެ ނޮވެމްބަރ 3 އަށް ވަނީ އެތަނުގެ ކޮންސަލްޓެންޓް އިން މެޑިސިންގެ މަޤާމު އަދާ ކުރައްވައިފައެވެ.