ބްރެޒިލްގެ މަސައްކަތްތެރިން އާއްމު ހަޅުތާލެއް ފަށައިފި

ބްރެޒިލްގައި ކުރިއަށްދާ އާއްމު ހަޅުތާލުގައި ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މުޒާހަރާކުރަނީ

މި އަހަރުގެ ފުރަތަމަ ދުވަހު ޖައިރް ބޮލްސޮނާރޫ ބްރެޒިލްގެ ރައީސުކަމާ ހަވާލުވެވަޑައިގަތްފަހުން އެގައުމުގެ މަސައްކަތްތެރިން ކުރާ އެންމެ ބޮޑު ހަޅުތާލު އިއްޔެ ފަށައިފިއެވެ.

ޕެންޝަންގެ އުސޫލަށް ރައީސު ބޮލްސޮނާރޯ ގެންނަވަން އުޅުއްވާ އިސްލާހުތަކާ ދެކޮޅަށް ކުރާ ހަޅުތާލުގައި ބްރެޒިލްގެ ހުރިހާ ހިސާބަކުން އާއްމު ޚިދުމަތުގެ ހުރިހާ ދާއިރާއެއްގެ އެތައް މިލިއަން މަސައްކަތްތެރިން ވަނީ ބައިވެރިވެފައެވެ. މިކަމުގެ ސަބަބުން އާއްމު ދަތުރުފަތުރާއި، ބޭންކުގެ ޚިދުމަތާއި، ސްކޫލްތަކާއި ޔުނިވަސިޓީތަކުގައި ކިޔަވައިދިނުމަށް ވަނީ ބުރޫ އަރާފައެވެ.

ބްރެޒިލްގެ މަސައްކަތްތެރިންގެ ޖަމްއިއްޔާއަކުން ލަފާކޮށްފައިވާ ގޮތުގައި މި ހަޅުތާލުގައި 45 މިލިއަނެއްހާ މަސައްކަތްތެރިން ބައިވެރިވެއެވެ. 63 ރަށެއްގައި އާއްމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާއިރު 80 ރަށެއްގައި މުޒާހަރާތައް ކުރިއަށް ގޮސްފައި ވެއެވެ. ރިއޯޑިޖެނީރޯއާއި ސާއޮޕާއޮލޯ ފަދަ ބޮޑެތި ރަށްރަށުގައި މުޒާހަރާކުރާ މީހުން ނުކުމެ މަގުތައް ބަންދުކުރުމުން، ފުލުހުންވަނީ ކަނުރަ ގޭސް ޖަހައި މުޒާހަރާތައް ރޫޅާލަން މަސައްކަތްކޮށްފައެވެ.

ރައީސު ބޮލްސޮނާރޯ ޕެންޝަންގެ އުސޫލަތަކަށް ގެންނަވާ ބަދަލުތަކުގެ ތެރޭގައި މަސައްކަތްތެރިން މުސްކުޅިކުރާ (ރިޓަޔާކުރާ) އުމުރު މަތިކުރުން ހިމެނެއެވެ. މިއީ މަސައަކްތެރިން އެންމެ ދެކޮޅުހަދާ އިސްލާހެވެ. މިހާރު ބްރެޒިލްގައި މުސްކުޅިކުރާ އުމުރަކީ ފިރިހެނުންނަމަ 60 އަދި އަންހެނުންނަމަ 57 އަހަރެވެ. ބޮލްސޮނާރޯ ހުށަހަޅުއްވާފައި ވަނީ ފިރިހެނުންނަށް 65 އަދި އަންހެނުންނަށް 62 އަހަރެވެ.

މި އިސްލާހާ ބެހޭގޮތުން ބޮލްސޮނާރޯ ވިދާޅުވީ އޭނާގެ މަގްސަދަކީ ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރުން ކަމުގައެވެ. މި އިސްލާހުގެ ސަބަބުން ދައުލަތުގެ ޚަޒާނާއަށް ދިހަ އަހަރުގެ ތެރޭގައި 1.2 ޓްރިލިއަން ރެއާލް (300 ބިލިއަން އެމެރިކާ ޑޮލަރު) އިތުރުވާނެ ކަމަށް ބެލެވިފައި ވެއެވެ.

އިއްޔެ ހެނދުނުން (ރާއްޖެއަށް ރޭ އިރާކޮޅުން) ފެށިގެން 24 ގަޑިއިރަށް ކުރިއަށް ގެންދާ ހަޅުތާލު ނިމޭނީ މިއަދު ހެނދުނު (ރާއްޖެއަށް މިރޭ އިރާކޮޅު) ގެ ވަގުތެއްގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.