ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުދަ ދުވަހު ނިންމި ނިންމުމަކި ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޖޭ.އެސް.ސީ އިން މިގޮތަށް ނިންމަވާފައިވަނީ އެ ކޮމިޝަނުން މިރޭ ބޭއްވި ކުއްލު ބައްދަލުވުމެއްގައެވެ. ބައްދަލުވުމަކީ ސުޕްރީމް ކޯޓުން މިައދު ނެރުނު އަމުރާއި ގުޅިގެން އެ ކޮމިޝަނުގެ 6 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމެކެވެ.
ބުދަ ދުވަހު ޖޭ.އެސް.ސީ އިން ނިންމެވި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު އަމުރުކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރެއްވުމަށެވެ.
ޖޭ.އެސް.ސީގެ ބައްދަލުވުމަށްފަހު އެ ކޮމިޝަނުން މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަކީ، " ޤާނޫނު އަސާސީގެ 159 (ށ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21ވަނަ މާއްދާގެ (ށ) އިން ލިބިފައިވާ ބާރަށް ހުރަސް އެޅޭގޮތަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސް އަޅާ އަމުރެއްކަަމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން 12 ޖޫން 2019ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީ އާ ގުޅޭގޮތުން ނިންމި ކޮމިޝަނުގެ ނަންބަރު JSC-B-CB/2019/110 (12 ޖޫން 2019) ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ."