ގދ. ކާޑެއްދޫ އެއާޕޯޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މާލެ ފުރަން އެއާޕޯޓަށް ގޮސް ހުރި މީހަކު ބުނީ ޚިދުމަތް މެދުކަނޑާލައިފައިވަނީ އެއާޕޯޓުގެ ފަޔަރ ލޯރީއަށް މައްސަލައެއް ދިމާވެގެން ކަމަށެވެ. ފަޔަރ ލޮރީއަށް ދިމާވި މައްސަލައިގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި އޭތި ހެދި އަލުން ޚިދުމަތަށް ނެރެވޭނެ ވަގުތެއްވެސް އެނގިފައެއް ނުވެއެވެ.
"މިތަނުގައި އޮންނަނީ އެންމެ ފަޔަރ ލޯރީއެއް. އޭގެ މައްސަލަ ޖެހުމުން މާލޭ ކޮޅުން އައި ބޯޓުވެސް މިހާރުވަނީ އަނބުރާ އައިކޮޅަށް ގޮސްފައި. އެއީ އަޅުގަނޑުމެން މާލެދާން އޮތް ބޯޓު. ބޮޑު އަގުދީފައިފައި ކުއްޔަށް އުޅަނދުފަހަރު ހިފައިގެން ކާޑެއްދުއަށް އައިސް މިތިބީ. އެކަމަކު މިފަދަ ކަމެއް ދިމާވުމުން އަދި އެއްވެސް އެހީތެރިކަމެއްނުދޭ. އެކި ރަށްރަށުގެ މީހުން އައިސް އެބަތިބި އެއާޕޯޓުގައި މާލެދިޔުމަށް،" މާލެ ފުރަން ގޮސް ކާޑެއްދޫ އެއާޕޯޓުގައި ހުރި މީހަކު ބުންޏެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ކާޑެއްދުއަށް ދަތުރުކުރި ބޯޓުގައި ހުރި މީހަކު ބުނީ ބޯޓު އެނބުރި މާލެއައީ ގާތްގަނޑަކަށް 45 މިނިޓް ދުއްވުމަށްފަހު ކަމަށެވެ. "މިއީ ވަރަށްދެރަ ކަމެއް. އަޅުގަނޑުމެން ރަށަށްދާން ވެގެން ކުއްޔަށް ހިފި ލޯންޗު އެއާޕޯޓަށް ގޮސް އޮއްވައި މިކަން މިހެންވީ. އެހެންވީމާ މިއަދު ކާޑެއްދުއަށް ނުދެވިއްޖަނަމަ އެ ލޯންޗަށް ފައިސާ ދައްކައިފައި ދެން ދެވޭ ދުވަހަކުން އަނެއްކާ އެދަތުރަށް ވެސް ފައިސާ ދައްކަން ޖެހޭނެ. ވަރަށްބޮޑު ޢަދަދެއް އަތުން ޚަރަދުވާނެ. ބޯޓު އެނބުރި މާލެ އައުމުން އަޅުގަނޑުމެންނަށް ކާދިން. މިހާރު މިތިބީ ވާނުވާނޭނގިފައި،" އެމީހާ ބުންޏެވެ.
މިކަމާ ގުޅިގެން އައިލޭންޑްއޭވިއޭޝަނުން ވިދާޅުވީ ސަލާމާތީ ކަންކަން ފުރުހަމަވެފައި ނުވާކަމަށްވާނަމަ އެ ކުންފުނީގެ ބޯޓުތައް އެ އެއާޕޯޓަކަށް ނުޖައްސާނެއެވެ. މިއަދު ދިމާވީ އެ ކުންފުންޏާ ގުޅުންހުރި ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.