ބާޒާރުމަތީ ސަރަޙައްދުގައި ސަލާންޖަހަން ނުކުމެ އުޅޭ މީހުންގެ މައްސަލަތައް ދެނެގަނެ އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކޮށްދެއްވުމުގެ މަސައްކަތް މިނިސްޓްރީއޮފް ޖެންޑަރ އިން ފަށްޓަވައިފިއެވެ.
މި މަސައްކަތް އެންމެ ފުރަތަމަ އެމިނިސްޓްރީން ފެއްޓެވީ މިއަހަރު ފެބުރުއަރީ މަހު އެއްވަނަ ދުވަހު މިނިސްޓަރ ޝިދާތާ ޝަރީފް އެމީހުންގެ ގާތަށް ވަޑައިގެން އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުއްވުމަށް ފަހުގައެވެ. އެ މީހުން ސަލާން ޖަހަން ނުކުމެ އުޅެނީ ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ކަމަށް އެމީހުން އެދުވަހުވަނީ މިނިސްޓަރަށް ދަންނަވައިފައެވެ.
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ އެދުވަހު އެސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި އެ ފަރާތްތަކުން ޙިއްޞާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ވަޒީފާއެއް ނެތުން ނުވަތަ ނުލިބުމާއި، ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވުން، ބޯހިޔާވަހިކަން ހޯދުމުގައި ދަތިތަކެއް ހުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށާއި ޢާއިލާތަކަށް އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމުގައިވާ އިރު، މި ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ މަޤްޞަދުގައި 2019 ފެބުރުވަރީ މަހުގެ 11ވަނަ ދުވަހު މިނިސްޓަރ ޝިދާތާ ވަނީ "އިންޓަރވެންޝަން"ގެ ނަމުގައި 4 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލައިފައެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެ ކޮމިޓީގެ މަސައްކަތްތަކީދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެގަތުމާއި، އެ ފަރާތްތަކުގެ ޙާލަތު ބެއްލެވުމާއި، އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވުމާއި އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ، މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުމެވެ.
މި ހައިތަނަށް އެކޮމިޓީން ވަނީ 20 މީހެއްގެ ޙާލަތު ދެނެގަނެވިފައެވެ. އެމީހުންގެ ތެރެއިން ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުޠު ހަމަވާ، އެހެން ނަމަވެސް މިހައިތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. އަދި އެލަވަންސް ލިބޭނެ މަގުފަހިކޮށްދެއްވާފައި ވެއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި ވެސްވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އޭގެ އިތުރަށް ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ ފަރާތްތައް ގުޅުވައިދެއްވުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން 3 ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދިނުމާއި، އިތުރު 1 ފަރާތަކަށް ވަޒީފާ ހަމަޖައްސަވައި ދެއްވާފައިވެއެވެ. އަދި އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މިހާރު ވެސް ދަނީ މަޝްވަރާކުރެވެމުން ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
"ޢާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާ ވާހަކަދައްކައިގެން، އެ ފަދަ މައްސަލަތައް ޙައްލުކޮށް، އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުން. މީގެ ތެރެއިން 2 ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ 2 މައްސަލަ ކަމުގައި ފާހަގަކުރެވިފައިވާތީ، މިނިސްޓްރީން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ 2 މައްސަލަ ބަލަމުން،" މިނިސްޓްރިން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ޢާއިލާއާ ޙަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.