ސޫދާނުގެ ވެރިކަން މަދަނީ ބަޔަކާ ހަވާލުކުރުމަށް ގޮވާލައި، ވެރިރަށް ޚުރްޠޫމުގައި ހުންނަ ސިފައިންގެ މައިމަރުކަޒުގެ ކުރިމަތީގައި ކުރަމުން ދިޔަ އިހުތިޖާޖު ރޫޅާލަން މަސައްކަތް ސިފައިން ފަށައިފިއެވެ. މެދު ނުކެނޑި ކުރިއަށް ދާތާ އެތައް މަހެއް ވެފައިވާ އިހުތިޖާޖު ގަދަކަމުން ރޫޅާލަން ސިފައިން ބަޑިޖެހުމުގެ ސަބަބުން އާއްމުންގެ 9 މީހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ސެންޓްރަލް ކޮމިޓީ އޮފް ސޫދާނީސް ޑޮކްޓާސް އިން ބުނި ގޮތުގައި އަދިވެސް ކުރިއަށްދާ އޮފަރޭޝަނުގައި ސިފައިން ވަނީ ޒަޚަމްވީ ބައެއް މީހުންނަށް ފަރުވާދެމުންދާ އީސްޓް ނައިލް ހޮސްޕިޓަލުގެ ތެރެއަށްވެސް ބަޑިޖަހާފައެވެ.
އިހުޖާޖުކުރާ އާއްމުން އަސްކަރީ ކައުންސިލަށް ގޮވާލަމުން ގޮސްފައިވަނީ މަދަނީ ބަޔަކާ ވެރިކަން ހަވާލުކުރުމަށެވެ. ފާއިތު އެޕްރީލްމަހު ރައީސު ޢުމަރު ޙަސަން އަލްބަޝީރު މަގާމުން ދުރުކުރުމަށް ފަހު ވެރިކަމާ ހަވާލުވި އަސްކަރީ ކައުންސިލުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އަސްކަރީންނާއި މަދަނީން އެކުލެވޭ ކައުންސިލަކުން ވެރިކަން ހިންގާ ގޮތަށް ކުރިން އެއްބަސްވާން ވާހަކަ ދައްކާފައި އަސްކަރީ ކައުންސިލުން ވަނީ ފަހުން އެކަމަށްވެސް ދެކޮޅުހަދާފައެވެ.
މިއަދު ސިފައިން ނުކުމެ ހިންގި އަމަލަކީ މަކަރުވެރި ރޭވުމެއް ކަމަށާއި ޚިޔާނާތެއް ކަމަށް ބުނެ، އިހުތިޖާޖު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސޫދާނީސް ޕްރޮފެޝަނަލްސް އެސޯސިއޭޝަން (އެސްޕީއޭ) އިން ވަނީ މަދަނީ ބަސް ނޭހުމަކަށް ގޮވާލާފައެވެ. އެ ޖަމްއިއްޔާއިން އާއްމުންނަށް ގޮވާލާފައި ވަނީ އަސްކަރީ ކައުންސިލް ވެރިކަމުން ވައްޓާލުން ނޫން ގޮތެއް ދެން ނެތްކަމަށެވެ. އާއްމުން ނުކުމެ މަގުތަކާ ބުރިޖުތައް ބަންދުކޮށް ހުރިހާ ހިސާބެއްގައި އާއްމު ދިރިއުޅުން ހުއްޓުމަކަށް ގެނައުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންގިލާބީ އަސްކަރީ މަޖިލީހާއި، ކުރީގެ ވެރިކަމުގެ ފަސްބައިގައި އެލިގެން ތިބި މީހުންނާއި، ކުލީ ސިފައިން ނުކުމެ މިވަނީ، ސޫދާނު ސިފައިންގެ މައި މަރުކަޒު ކުރިމަތީގައި އޮތް އިހުތިޖާޖުގެ މައިދާނާއި މަގުތަކުގައި ލޭ އޮހޮރުވާފައި." އެސްޕީއޭގެ ބަޔާނުގައި ވެއެވެ.
އަނެއްކޮޅުން، އަސްކަރީ ކައުންސިލްގެ ނާއިބު ރައީސު ޖެނެރަލް މުޙައްމަދު ޙަމްދާން ދަޤްލޫ (ޙަމީދަތީ) ވިދާޅުވެފައި ވަނީ، މިހާރު އޮތް ހާލަތުގައި މަދަނީންގެ ބަޔަކާ ވެރިކަން ހަވާލުނުކުރެވޭނެ ކަމުގައެވެ.