ކެމިކަލާ ނުލައި ދަނޑުވެރިކަން ކުރެވޭނެ ވަސީލަތެއްގެ އިންތިޒާރުގައި

ފުވައްމުލަކު ސިޓީ، ވެނީލާގޭ، ޢަބްދުﷲ ޢަލީ އަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ މީހެކެވެ. މިރުސް، ކަރާ، ކޮޕީފަތް މިހެން ގޮސް ގިނަ ބާވަތްތަކެއް އޭނާ އުފައްދައެވެ.

އެހެންނަމަވެސް ޢަބްދުﷲ ޢަލީ އެންމެ ކަންބޮޑުވަނީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަންޖެހޭތީއެވެ. އޭގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު އޭނާއަށް ވަނީ ކޮންމެވެސް ވަރަކަށް އެނގިފައެވެ. އެހެންވެ އޭނާ ބޭނުންވަނީ އޭނާއާއި އެހެން މީހުންވެސް އެ ގެއްލުމުން ސަލާމަތް ކުރާށެވެ،

"ގިނަ ދަނޑުތަކުގައި މަސައްކަތް ކުރަނީ ބިދޭސީން. އެމީހުން އެއްވެސް މިންގަނޑެއް ނުބަލައި ކެމިކަލް ބޭނުންކުރާ ކަމަށްވޭ. އެއީ ވަރަށް ދެރަކަމެއް. ކެމިކަލް ބޭނުން ކޮށްގެން ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބޭނުން ކުރުމުން އިންސާނުންނަށް ގެއްލުންވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައި. އަޅުގަނޑު ބޭނުންވަނީ ކެމިކަލާ ނުލައި އެކަން ކުރެވޭނެ ގޮތެއް ހޯދުން،" އޭނާ ބުންޏެވެ.

އެއީ ކުރެވޭނެ ކަމެއް ކަމަށް އޭނާ ހާދައިފައިވާ ދަނޑުވެރިކަމުގެ ބައެއް ކޯސްތަކުން އެނގިފައިވެއެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާ ބެހޭފަރާތްތަކުގެ އެހީ ވަރަށްބޮޑަށް ބޭނުންވާ ކަމަށް ވެސް ޢަބްދުﷲ ޢަލީ ބުންޏެވެ. އެވަސީލަތްތައް ހަމަޖެހިއްޖެ ކަމަށްވާނަމަ ދަނޑުވެރިކަމަށް ކުރަންޖެހޭ ޚަރަދު ކުޑަވެ ސިއްޙަތަށް ފައިދާހުރި ބާވަތްތައް އުފެއްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބިމުގައި ދަނޑުވެރިކަން ކުރުމުގެ އިތުރަށް ފެނުގައި ވެސް އޭނާ ގަސް އިންދައެވެ. ދަނޑުވެރިކަމުން އުފައްދާ ތަކެތި ވިއްކަން ފޮނުވަނީ މާލެއަށެވެ. އެހެންނަމަވެސް ދަތުރުފަތުރު ދިގުވުމުގެ ސަބަބުން އެތަކެތީގެ ތެރެއިން ބައެއް ހަލާކުވެ ފުރިހަމަ ފައިދާ ނުލިބެއެވެ. މިއީ ވެސް ޙައްލެއް ބޭނުންވެފައިވާ ކަމަށެވެ. ޢަބްދުﷲ ޢަލީ ބޭނުންވަނީ ފުރިހަމަ ފައިދާއެއް ނުލިބުނަށް ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށް ބޭނުންވާނެ ބާވަތްތައް އުފައްދައި މާކެޓަށް ނެރުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.