އިންޑިޔާގެ ގާނޫނުހަދާ މަޖިލިސް، ލޯކްސަބާއަށް މެންބަރުން ހޮވުމަށް އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެއްވި ބޮޑުވަޒީރު ނަރެންދްރަ މޯދީ ރޭ ނިއުދިއްލީގައި އޮތް ކުލަގަދަ ރަސްމިއްޔާތެއްގައި ދެވަނަ ދައުރަކަށް ހުވައިކުރައްވައިފިއެވެ.
ރިޔާސީ ގަނޑުވަރު، ރާޝްޓްރަޕަޓީ ބަވަންގެ ކުރިމަތީގައި އޮންނަ ހުސް މައިދާނުގައި އޮތް ރަސްމިއްޔާތަށް ސަރަހައްދުގެ ބައެއް ގައުމުތަކުގެ އިސްވެރިން ވަޑައިގަތެވެ. އަދި ދައުވަތު ލިބިގެން 8 ހާސް މީހުން ހާޒިރުވިއެވެ. ރަސްމިއްޔާތަށް ވަޑައިގަތް ބޭރުގެ އިއްޒަތްތެރިންގެ ތެރޭގައި ސްރީލަންކާގެ ރައީސު މައިތުރިޕާލާ ސިރިސޭނާއާއި މިޔަންމާގެ ރައީސު ވިން މިޔިންޓް ހިމެނިވަޑައިގަންނަވައެވެ. އަދި އިންޑިޔާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި، ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ބައިވެރިވިއެވެ. އިދިކޮޅު ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ) ގެ ރައީސާ ސޯނިޔާ ގަންދީއާއި، އޭނާގެ ދަރިކަލުން ރާހޫލް ގާންދީވެސް އެންމެ ކުރީ ގޮނޑިބަރީގައި ތިއްބެވިއެވެ.
އުމުރުފުޅުން 68 އަހަރުގެ ބޮޑުވަޒީރު ނަރެންދްރަ ދަމޯދަރްދާސް މޯދީއާއި އޭނާގެ ވަޒީރުންގެ މަޖިލީހަށް ހުވައި ލައިދެއްވީ އިންޑިޔާގެ ރައީސު ރާމް ނާތު ކޯވިންދެވެ. މޯދީ އައްޔަންކުރެއްވި ވަޒީރުންގެ މަޖިލީހުގައި ތިއްބަވަނީ މޯދީގެ އިތުރަށް 24 ވަޒީރުންނެވެ. އޭގެ އިތުރަށް 9 ސްޓޭޓް މިނިސްޓަރުންނާއި، 24 ޖޫނިއަރ މިނިސްޓަރުން އައްޔަންކުރައްވާފައި ވެއެވެ.
އަލަށް އައްޔަންކުރެއްވި ވަޒީރުންގެ މަޖިލީހުގައި މުޅިން އާ 7 މޫނެއް ހިމެނޭއިރު، ވަޒީރުންގެ މަޖިލީހުން މިފަހަރު ޖާގަ ލިބިވަޑައިނުގަތް ބޭފުޅުންގެ ތެރޭގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާއި، ފިނޭންސް މިނިސްޓަރު އަރޫން ޖައިޓްލޭއާއި، ސިވިލް އެވިއޭޝަން މިނިސްޓަރު ސްރޭޝް ޕްރަބޫއާއި، އެގްރިކަލްޗާ މިނިސްޓަރު ރާދާ މޯހަން ސިންގް ހިމެނިވަޑައިގަންނަވައެވެ.
އައު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަތް އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންނަކީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ރައީސު އަމިތު ޝާހުއާއި، ކުރީގެ ފޮރިން ސެކްރެޓަރީ ޑރ. ސުބަރްމާނިޔަމް ޖޭޝަންކަރުއާއި، ކުރީގެ ފިލްމީ ތަރީ ސްމިރްތީ އީރާނީ (ތުލްސީ) އެވެ.
ނިމިގެން ދިޔަ އާއްމު އިންތިޚާބުގައި ބޮޑުވަޒީރު މޯދީގެ ކޯލިޝަން، ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ވަނީ 352 ގޮނޑި ކާމިޔާބުކޮށްފައެވެ. ބީޖޭޕީން އެކަނި 303 ގޮނޑި ކާމިޔާބުކުރިއެވެ. އިދިކޮޅު ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 52 ގޮޑިއެވެ. ލޯކްސަބާގެ އަޣުލަބިއްޔަތަކީ 272 ގޮނޑިއެވެ.